ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު
- ޤަޟިއްޔާ ނަންބަރު:
- 2018/SC-A/50
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 26/11/18
ފަނޑިޔާރުން
ޑރ.އަޙުމަދު ޢަބްދުﷲ ދީދީ (ރިޔާސަތު)، ޢަބްދުﷲ ޢަރީފު، އާދަމް މުޙައްމަދު ޢަބްދުﷲ
މައްސަލައިގެ ޚުލާސާ
ގ.ކެނެރީގެ މުޙައްމަދު ނަޝީދު ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް 17 ޖަނަވަރީ 2012 ދުވަހުގެ 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ.ގިރިފުއްޓަށް ގަދަކަމުން ގެންގޮސް ފޮރުވާފައި ބެހެއްޓާފައިވާތީ، މުޙައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ.
މި ޙުކުމް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫންކަމަށް ކަނޑައަޅައި އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފްކަމަށް ޤަބޫލުކުރެވިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އަދި އެމައްސަލަ ހުށަހަޅާފައިވަނީ، ޢަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިޘިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރާއި އިހްތިޞާޞަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމަށްކަން އެނގެން އޮންނާތީ، ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލާގައި ދަޢުވާ ލިބޭ ފަރާތަށް ލިބިގެންވާ އެންމެހައި ޙައްޤުތައް ކަށަވަރުވެފައިވާކަމަށް ކަނޑައެޅުމާއިއެކު، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާޢީދުކޮށްފައިވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.
އިޝޫ
ނިހާއީ ވެފައިވާ ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހެޅިދާނެ ޙާލަތްތަކަކީ ކޮބައިތޯ؟
ނިންމިގޮތް
މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އެ ކޯޓަށް ބަލައިގަނެ، އޭގެ މައުޟޫގެ މައްޗަށް ފައިސަލާކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ނުވާތީ، އެއީ ބާޠިލް ޙުކުމެއްކަމަށް ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ޖިނާއީ ޝަރުޢިއްޔާ (Criminal liability)
އެއްވެސް ޖަރީމާއެއް އަދި އެއްވެސް އުޤޫބާތެއް ޤާނޫނީ ނައްޞަކުން މެނުވީ ކަނޑަނޭޅޭނެކަމުގެ މަބްދަޢު ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ކަށަވަރުކޮށްދީފައިވާކަން.
އެމީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ޢަމަލަކީ ޤާނޫނަކުން ތަޖުރީމުކުރެވިގެންވާ ޢަމަލަކަށް ނުވާނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައި ޖިނާޢީ ޝަރީޢަތް ހިންގުން ޞައްޙަ ނުވާނެކަން.
ތުހުމަތުކުރެވޭ ވާޤީއާއަކީ ތަޖުރީމުކުރެވިފައިވާ ވާޤިއާއަކަށް ނުވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޖިނާއީ ދަޢުވާއެއް ހުށަހަޅާނެތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ފައިލްކުރަންޖެހޭނެކަން. އެފަދަ ދަޢުވާއެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ، ދަޢުވާ މަޢުޟޫއީގޮތުން ބެލުމުގެކުރިން އެ ދަޢުވާ ބެލުމުގެ އިޙްތިޞާޞް އެ ކޯޓަށް ލިބިގެން ނުވާކަމަށް އިޖްރާޢީ ގޮތުން ކަނޑައަޅަންޖެހޭނެކަން.
މަބްދައުލް މަޝްރޫޢިއްޔާ (Principle of Legality)
މި މަބްދައުގެ މުރާދަކީ ދައުލަތުގައި ޤާނޫނުގެ ސިޔާދަތު ކަށަވަރުވެ، ދައުލަތުގެ އެންމެހައި ބާރުތަކާއި، މުއައްސަސާތަކާއި، އިދާރާތަކާ އަދި އެންމެހައި ރައްޔިތުން ޤާނޫނަށް ބޯލެނބުންކަން.
ދަޢުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި އެންމެހައި އިދާރާ ތަކުގެ ޤާނޫނީ އެންމެހައި ޢަމަލުތަކާއި ތަޞައްރުފާތުތައް ވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުދޫދު ފަހަނައަޅައި ގޮސްގެން ނުވާނެކަން.
ދައުލަތުގެ އިދާރާއަކަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން ކުރާ ޢަމަލެއްގައި އެ އިދާރާގެ މައްޗަށް ޤާނޫނީ ގޮތުން ތަބާވުން ލާޒިމްވެގެންވާ ޤާނޫނީ އަދި އިޖްރާޢީ ޝަރުތުތައް (due process) ފުރިހަމަނުކުރާނަމަ، އެއީ ޤާނޫނީ ގޮތުން ޞައްޙަ ޢަމަލަކަށް ނުވާނެކަން.
އަދި އެފަދަ ޢަމަލެއްގެ މައްޗަށް ބިނާވެގެންވާ ކޮންމެ ކަމަކީ ބާޠިލުކަމެއްކަން.
އިސްތިއުނާފްކުރުމުގެ ޙައްޤު
މިއީ މައްސަލާގައި ހިމެނޭ ޚަސްމުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން.
ތަފާތު ދުސްތޫރީ ނިޒާމުތަކުގެ ދުސްތޫރުތަކުންނާއި، ޖިނާއީ އިޖްރާއަތުގެ ޤާނޫނުތަކުންނާއި ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަންތަކުގައި ކަށަވަރުކޮށްދީފައިވާ މި ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވޭ.
މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެ ޙާލަތްތައް ކޯޓުތަކާއި ބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން. އެ ޙާލަތްތަކަށް ނުފެތޭނަމަ، އިސްތިޢުނާފީ މައްސަލައެއްގެ ގޮތުގައި ބަލައި ފައިސަލާކޮށްގެން ނުވާނެކަން.
ސުޕްރީމް ކޯޓުގެ ނިންމުން މުރާޖަޢާކުރަން ހުށަހެޅުން
ޖިނާއީ ދަޢުވާ ނިމިފައިވަނީ ޤާނޫނު ޞައްޙަ މަގުން ތަޠުބީޤުކުރުމާއެކު، ޢަދާލަތު ޤާއިމްވެގެންތޯ ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޢާންމު މަސްޢޫލިއްޔަތެއްކަން.
ދަށު ކޯޓުގެ ނިންމުން އިޖުރާއީ ގޮތުންނާއި، މަޢުޟޫޢީ ގޮތުން ޞައްހަމަގުން ތަޠްބީޤުކުރެވި ޢަދާލަތު ޤާއިމުކުރެވިފައި ނުވާކަމަށް ޕީޖީ އަށް ޤަބޫލުކުރެވޭނަމަ، މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ކޯޓަށް އެމައްސަލަ މުރާޖައާކުރުމަށް ހުށަހެޅުމަކީ ޕީޖީއަށް ލިބިގެންވާ ބާރެއްކަން.
ކަނޑައެޅި ނިޔާގެ ބާރު (force of re judicata) ލިބިގެންވާ ނިންމުމެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެންނުވުމުގެ މަބްދަޢުއަކީ އެއްވެސް އިސްތިސްނާއެއް ނެތި މުޠްލަޤުކޮށް ތަޠްބީޤުކުރެވޭ މަބްދައުއެއް ނޫންކަން.
މި މަބްދައު ތަޠްބީޤްކުރުމުން ޙާސިލުވާ ނަތީޖާއަކީ ދެ ޚަސްމުންގެ ދެމެދުގައި އޮތް ޚުޞޫމަތަށް ނިމުމެއް އައުމާއި، އެ ޚުޞޫމަތްތަކަށް ޤަޟާއީ ހިމާޔަތް ލިބި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޤާނޫނީ މަރްކަޒުތައް އިސްތިޤުރާރުވެ، އެކަށީގެންވާ މުއްދަތެއްގައި އިންސާފު ކަށަވަރުވެގެން ދިއުންކަން.
އެ ނަތީޖާ ޙާޞިލުނުވާނެހެން ފާޅުކަން ބޮޑުގޮތަކަށް ޢަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް ނިންމާފައިވާ ޙުކުމްތަކަކީ އޭގެ ޒާތުގައި ނިހާއީ ޙުކުމްތަކެއްކަމަށް ނުބެލެވޭނެކަން.
އެފަދަ ނިންމުންތައް އިސްތިސްނާއީ ގޮތަކަށް އަލުން ބަލައި މުރާޖަޢާކުރުމަކީ އިސްލާމީ ފިޤުހުގައި އިސްތިޤްރާރުވެފައިވާ ޝަރުޢީ އުޞޫލުތަކުގެ އިތުރުން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ އިޖުރާއަތުގެ ޤާނޫނުތައް ހުއްދަކުރާ ކަމެއްކަން.
ކޯޓަށް ބެލުމުގެ އިހްތިޞާޞް ލިބިގެންނުވާ މައްސަލައެއް ބަލައި ފައިސަލާކުރުން ފަދަ "ނިޒާމު ޢާންމު" އާ ޚިލާފު އިޖްރާއަތެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމެއް މުރާޖަޢާކުރުމުގެ ފުރުޞަތު ނުލިބި ފައިސަލާކުރަނިވި ބާރު އެ ޙުކުމަކަށް ލިބިގެން ދިއުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންޞާފަށް ހުރަސް އެޅިގެން ދިއުންކަމަށްވާތީ އެފަދަ މައްސަލައެއް މުރާޖަޢާކުރަން ހުށަހެޅިދާނެކަން.