އަޙުމަދު ނަބީޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/SC-A/44
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 29/08/22
ފަނޑިޔާރުން
ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
12 ފެބުރުއަރީ 2016 ގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަޙުމަދު ނަބީޙު މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގެ ބެލުމުގެ ދަށަށް އަޙުމަދު ނަބީޙު ގެންދިއުމަށްފަހު އަޙުމަދު ނަބީޙުގެ ފޯނު ބަލައި ފާސްކުރުމުން، އެ ފޯނުން މަސްތުވާތަކެއްޗާއި ގުޅުން ހުރި ފޮޓޯ އާއި ޗެޓް ލޮގްތަކެއް ފުލުހުންނަށް ފެނުނެވެ. އެކަމާއި ގުޅިގެން އަޙުމަދު ނަބީޙު އާއި ސުވާލުކުރުމުން މަސްތުވާތަކެތި ރައްކާކޮށްފައި ހުރިތަންތަން އަޙުމަދު ނަބީޙު ދެއްކިއެވެ. މިތަކެތި ތަޙްލީލުކުރުމުން މި ތަކެތި ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާތީ އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ނިންމިއެވެ. ހދ.ހިރިމަރަދޫ މެޖިސްޓްރޭޓު ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން، ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ނިންމާފައިވަނީ އަޙުމަދު ނަބީޙުގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި އަޙުމަދު ނަބީޙު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ދަށު ކޯޓުން ކުށްސާބިތުނުވެ ހައިކޯޓު މަރުހަލާގައި ކުށްސާބިތުވާކަމަށް ކަނޑައެޅުމަކީ އިސްތިއުނާފީ އެއް މަރުހަލާ ގެއްލިފައިވާކަމަށް ބެލެވޭނެ ޙާލަތެއް ހެއްޔެވެ؟
2. މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމަށް ކަނޑައެޅޭނީ ކިހިނެއް؟
ނިންމިގޮތް
ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ދަށު ކޯޓުން ކުށް ސާބިތުނުވެ އިސްތިއުނާފީ މަރުޙަލާގައި ކުށް ސާބިތުކުރުން
- ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމް ކޮށްފިނަމަ، އެ މައްސަލަ އިސްތިއުނާފު ކުރުމަކީ ދެވަނަ ފަހަރަށް އަލުން އެ ދަޢުވާ އޭނާގެ މައްޗަށް އުފުލުންކަމުގައި ނުބެލެވޭނެކަން.
- ދަށު ކޯޓުން ކުށެއް ސާބިތުނުވާކަމަށް ކަނޑައެޅުނު ނަމަވެސް އެ ކުށް ސާބިތުވާކަމަށް އިސްތިއުނާފީ ކޯޓަށް ކަނޑައެޅިދާނެކަން.
- ދަށު ކޯޓުން ކުށެއް ސާބިތުނުވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ އަނބުރާ އަލުން ބަލަން ތަހުވީލުކުރަންޖެހޭ ސަބަބެއް ނޫންކަން.
- ދަށު ކޯޓަށް މައްސަލަ ތަހުވީލުކުރާނީ ދަށު ކޯޓަށް ހުށަހެޅުނު ލިޔެކިއުންތަކާއި ހެކީގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ކޯޓަށް ގޮތެއް ކަނޑައެޅެންނެތް ޙާލަތުގައިކަން.
މަސްތުވާތަކެތި ޓްރެފިކްކުރާ މީހާ
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާ: ޕެޑްލަރަކަށްނުވާ މީހަކު އެ ޤާނޫނުގެ 144 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކޮށްފިނަމަ އެއީ ޓްރެފިކްކުރާ މީހެއް.
- މަސްތުވާތަކެތި ޓްރެފިކްކުރިކަން ސާބިތުކުރުމަށް މަސްތުވާތަކެތިން މުޢާމަލާތުކުރުން ސާބިތުކޮށްދޭން ނުޖެހޭކަން.
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 144 ވަނަ މާއްދާގެ (ފ):ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރުމުން ބެލެވޭނީ ޓްރެފިކްކުރާ މީހެއްކަމަށް.