ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޢަބްދުލްޙަކީމް އަދި އިތުރު ފަރާތެއް

ޤަޟިއްޔާ ނަންބަރު:
2023/HC-B12/30,31
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
17/04/23

ފަނޑިޔާރުން

ޙުސައިން މަޒީދު (ރިޔާސަތު)، ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު

މައްސަލައިގެ ޚުލާސާ

24 ޑިސެންބަރު 2022 ދުވަހު 7:43 ހާއިރު ދުބާއީ މަގުން ދިވެހިރާއްޖެއަށް ޕީޓާ ތޯމަސް ނަމަކަށް ކިޔާ ސްވިޒަރލެންޑްގެ ރައްޔިތެއް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި އިލްޔާސް އަޙްމަދު އާއި ޙުސައިން ޢަބްދުލްޙަކީމް ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އެކިފަހަރުމަތިން އިތުރުކުރަމުންގޮސް މައްސަލައިގައި ދައުވާވެސް ކޯޓަށް ހުށަހެޅިފަހުން އެންމެ ފަހުން ބަންދު މުރާޖަޢާކުރުމަށްފަހު މިދެފަރާތް ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

 މިއީ، ކްރިމިނަލް ކޯޓުން ނިންމި އަމުރުތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

އިޝޫ

މީހަކު ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ނެރެވިފައިވާ އަމުރުތަކުގައި ފަނޑިޔާރު އެ ނިންމުމަށް ވާސިލުވި ޤާނޫނީ ސަބަބު ބަޔާންކޮށްފައިވޭތޯ އާއި ބަންދުން ދޫކޮށްލި އަމުރުން މިދެމީހުން ބަންދުގެ މުއްދަތު ދަމަހައްޓަމުން އައިސްފައިވާ ޙާލަތު ބަދަލުވެފައިވާގޮސް އިޖުމާލީގޮތެއްގައި ނަމަވެސް ބަޔާންކޮށްފައިވޭތޯ ބެލުން.

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ އަމުރުތައް ބާޠިލްކޮށް، އިލްޔާސް އަޙްމަދު އާއި ޙުސައިން ޢަބްދުލްޙަކީމް ބަންދުކުރުމަށް 7 ދުވަހުގެތެރޭގައި ހުށަހަޅައިފިނަމަ  މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް މިދެފަރާތް ބަންދުކުރުމާމެދު ގޮތެއް ކަނޑައަޅަން އަންގައި.

ކަނޑައެޅުނު އުސޫލު

ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ ދެ ސުވާލު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާއެއްގޮތަށް ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައި އެމީހާ އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭކަންކަމާއި ޖަވާބު ހޯދަންޖެހޭ 2 ސުވާލަށް ޖަވާބު ހޯދުން.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ޤާނޫނީ ސަބަބެއް އޮވެގެން ބަންދުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލާނަމަ ބަންދުކުރި ޙާލަތު ބަދަލުވިގޮތް އިޖުމާލީ ގޮތެއްގައި ނަމަވެސް ބަޔާންކުރުން.

މީހަކު ބަންދުގައި ބަހައްޓާނަމަ ނުވަތަ ދޫކޮށްލާނަމަވެސް އެކަމެއް ކުރަންވާނީ ޤާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ކަމާގުޅޭ ޚާއްސަ ޤާނޫނުތަކާއި ކަމާބެހޭ ޤަވާއިދުތަކާއި މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްކަމަށާއި، ތުހުމަތުކުރެވިފައިވާ މީހަކު ޤާނޫނީ ސަބަބެއް އޮވެގެން ބަންދުކޮށްފައިވަނިކޮށް އެމީހާ ބަންދުން ދޫކޮށްލާނަމަ އެ މީހާ ބަންދުކުރި ޙާލަތު ބަދަލުވިގޮތް އިޖުމާލީގޮތެއްގައި ނަމަވެސް ބަންދުން ދޫކުރާ އަމުރުގައި ބަޔާންކުރަންވާނެކަމަށާއި މި އުސޫލު ސުޕްރީމް ކޯޓުގެ ޕީޖީ ވ ޢަލީ ޝިމާޒް އަދި އަޙްމަދު ޒާހިދު ޤަޟިއްޔާގައި އިއްތިފާޤުވެފައިވާކަމަށް.

ރިޢާޔަތްކުރުން

- ޝަހީބު އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ސުވާލުތަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމުގައި ރިއާޔަތްކުރަންވާނެ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށާއި ރިއާޔަތްކުރިކަންކަން ބެލި ގޮތް އަމުރުން އެނގެންއޮންނަން ޖެހޭކަން.

ކޯޓުން ނިންމާ ނިންމުންތަކުގައި ސަބަބު ބަޔާންކުރުން

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފަ ޢަލީ ޙަސަން އާއި ޝަހީބު އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް ވ.ފަޟްލޫން މުޙައްމަދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ކުށެއްގެ ތުހުމަތުގައި މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުމެއްގައި ތުހުމަތުކުރެވޭ މީހާއަ ދެކޮޅަށް ހުށަހެޅުނު ހެކި ވަޒަންކުރުމަށްފަހު ފަނޑިޔާރު ނިންމިގޮތާއި، ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމާއި ފަނޑިޔާރު ނިންމުން ނިންމި ޤާނޫނީ ނައްޞު ސާފުކޮށް އެނގެން އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ފުރަތަމަ މަރުޙަލާގެ ކޯޓުން ބަލަމުންދާ މައްސަލައިގައި ހިމެނޭ މީހެއްގެ ބަންދާމެދު އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމުން

ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހަކާމެދު ކޯޓުން ޙުކުމްކުރުމުގެ ކުރިން، އެމީހާ ބަންދުކުރުމަށް ނެރޭ އަމުރަކީ މައުޟޫޢީ މައްސަލަބަލާ ކޯޓަށް މުރާޖަޢާ ކުރުމުގެ އިޚްތިޞާޞް ޤާނޫނުން ލިބިދީފައިވާ އަމުރެއްކަމަށާއި، އެހެންކަމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ބަލާއިރު، ދަށުކޯޓުން މުސްތަޤުބަލުގައި ބަންދު މުރާޖަޢާކުރުމުގެ އިޚްތިޔާރުގެ ދާއިރާއަށް ހީނަރުކަން އަންނަގޮތަށް، އިންސާފު ގާއިމުކުރުމަށް އަދި ޚާއްސަ އިސްތިސްނާއީ ޙާލަތެއްގައި މެނުވީ ކޯޓުން ގޮތެއް ނުނިންމުން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ