ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2020/SC-A/60
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
24/01/21

ފަނޑިޔާރުން

އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒް ޢަލީ ޒާހިރު

މައްސަލައިގެ ޚުލާސާ

2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދުވަހެއްގައި އުމުރުން 7 އަހަރުގެ ކުޑަކުއްޖަކު ލ.މާބައިދޫ، އިރަމާގެއަށް ގެންގޮސް އެގޭ ލޯންޑްރީ ބަޔަށް ވައްދައި، އެ ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ ލ.މާބައިދޫ، ދެކުނުގެ، ޙުސައިން ސާމިރުގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓުން ޙުސައިން ސާމިރުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޙުކުމްކުރުމުން، ޕީޖީ އޮފީހުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން ހުސައިން ސާމިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމީ ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މިއީ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ޙުސައިން ސާމިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކިތަކަކީ ކޮބާ؟

2. ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭތޯ ބަލާނީ ކިހިނެއް؟

3. ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާގެ ދަށުން 5 ބާވަތެއްގެ ހެކި ހުރުން ލާޒިމުތަ؟

4. ކުއްޖާގެ އަޚްލާޤަށް ބަލަންޖެހޭނެތަ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާ

- މި ޤާނޫނުގައި އެހެނިހެން މައްސަލަތަކުގައި ބަލައިގަންނަ ހެކީގެ އިތުރުން، އިތުރު ބާވަތްތަކުގެ ހެކި ހުއްދަކުރުމާއެކު ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކޮށްފައިވާކަން.

- 5 ބާވަތަށްވުރެ މަދުން ހެކި ހުރި ކަމުގައިވީނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށެއް ޝަރީޢަތަށް ސާބިތުވާނަމަ، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް މި ޤާނޫނު ހުރަސްނާޅާކަން.

- 12 ބާވަތުގެ ހެކި މި މާއްދާގައި ލިސްޓުކުރެވިފައިވަނީ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ކަށަވަރުކުރުމުގެ ނުވަތަ ކޮރޮބޮރޭޓްކުރުމުގެ ގޮތުން ބޭނުންކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައިކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ)

- ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ބެލުން: (އެކްސޯސްްޓިވް 3 ކަމެއް ނޫން)

1. ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި (ޝަކުވާކުރި ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭބެ ފަދަ ތަފްސީލްހުރުން) ބޭރުފުށުން (ޝަކުވާކުރި ކުއްޖާގެ ހެކިބަސް ފިޔަވައި ދެން ލިބިފައި ހުރި ހެކިތަކުުން ކުއްޖާ ދޭ ހެކިބަހަށް ބާރު ލިބޭ މިންވަރު) އެއްގޮތްތޯ ބެލުން.

2. ޝަކުވާ އުފުލި ފަރަތުގެ އަޚްލާޤާއި ޢަމަލުތަކާއި، އަނިޔާ ލިބުނު ކުއްޖާގެ އުޅުން ހުންނަ ގޮތް ބެލުން.

3. އަނިޔާ ލިބުނު ކުއްޖާ މުއްތަހަމްއާ ބެހޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލުން.

5 ބާވަތުގެ ހެކި ހުރުން

- 5 ބާވަތުގެ ހެކި ހުރުން ލާޒިމުނުވާކަން.

- ޤާނޫނޫ ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާގެ (ޅ)، (ކ)، އަދި (ދ) ގައި ބަޔާންކުރާ ކަންކަމަކީ ކުއްޖާ ކިޔައިދޭ ދިނުމުގެ މައްޗަށް ބިިނާވާ ހެކިތަކެއް ކަމުގައިވީ ނަމަވެސް، ކުއްޖާ ކިޔައިދޭ ކިޔައިދނުން މައިގަނޑު އަސާސަކަށް ބަލައިގެން އެ މާއްދާގައިވާ ވަސީލަތްތަކުގެ އެހީގައި ކުއްޖާގެ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރުމަށް މި ޤާނޫނު ހުއްދަކުރާކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދިވެހި ދައުލަތް ވ. ޢަލީ ޝާހް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ)

- ހެއްކާގުޅޭ މައިގަނޑު އުސޫލަކީ: ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާދަށް ޤަބޫލުކުރެވޭ ހެކިބަހެއްނަމަ، އެ ހެކިބަހުގެ މައްޗަށް ބަލައި ދެންވެސް ލިބިފައިހުރި ހެކި އަދި ޤަރީނާ ކޮރޮބޮރޭޓްވާނަމަ ދަޢުވާ ސާބިތުވާނެކަން.

ފަނޑިޔާރު ޢާއިޝާ ޝުޖޫންގެ ރައުޔު

- ކުއްޖާގެ އަޚްލާޤަކީ އެކުއްޖާގެ ތެދުވެރިކަން ވަޒަންކުރުމަށް ބޭނުންކުރެވޭ ސިފައެއްކަމުގައި ނުވަތަ ކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގަން މެދުވެރިވި ސަބަބުކަމުގައި ބަލައިގެން ނުވާނެކަން. އެއީ ކުއްޖާގެ އަޚްލާޤަށް ޙަވާލާދިނުމުން ކުއްޖާއަށް މެދުވެރިވި ކަމަކީ ކުއްޖާގެ ސަބަބުން މެދުވެރިވި ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ހުޅުވިގެންދާތީ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ