ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަލީ، ޢަބްދުއްލަޠީފް މުޙައްމަދު
- ޤަޟިއްޔާ ނަންބަރު:
- 2015/SC-A/03,04
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 12/09/18
ފަނޑިޔާރުން
ޢަބްދުލް ޣަނީ މުޙައްމަދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފު، އާދަމް މުޙައްމަދު ޢަބްދުﷲ
މައްސަލައިގެ ޚުލާސާ
14 ޑިސެމްބަރު 2010 ދުވަހުގެ ވަގުތެއްގައި މާލެ ދެކުނު ފަރާތު ހާބަރު ޓީ ޖެޓީއަށް ޏ.ފުވައްމުލަށް / ޑެއިލީބްލީ، ޢަބްދުއްލަޠީފު މުޙައްމަދާއި މ.މ.ޚ ދަފްތަރު ނަންބަރު 3033، ޙަސަން ޢަލީ ގޮސް މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި މޭވާ ހުރި 3 ފޮށިގަނޑާ ޙަވާލުވެފައިވާތީ، ޤާނޫނު ނަންބަަރު 17/77 (މަސްތުވާތެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން، މިދެމީހުންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.
މަސްތުވާތަކެއްޗާއި މޭވާ ހުރި 3 ފޮށިގަނޑަކީ 12 ޑިސެމްބަރު 2010 ދުވަހު ވައިގެމަގުން އިންޑިއާއިން ދިވެހިރާއްޖެއަށް އެތެރެވި ތަކެތިކަން ހާޒިރުކުރެވުނު އެންމެހައި ފަރާތްތަކުގެބަހުން އެނގެން އޮތް އިރު، އެ ފޮށިގަނޑުތަކުގައި ހުރި މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެެވެފައިވަނީ، ޢަބްދުއްލަޠީފާއި ޙަސަން ޢަލީގެ އެނގުމާއި، ޢިލްމުގެ ތެރެއިންކަން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ދައުލަތުން ހުށަހަޅާފައިނުވާތީއާއި އެ ފޮށިގަނޑުތައް އެ ދެމީހުންގެ ހިޔާޒަތުގެ ދަށަށް ގޮސްފައިވަނީ އޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރިކަން އެދެމީހުންނަށް އެނގިހުރެކަން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާތީއާއި މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ އެއްވެސް ޤަސްދެއް މި ދެމީހުންގެ އޮތްކަން ޤަބޫލުކުރެވޭވަރުގެ ހެއްކި ޤަރީނާ ނެތުމުން ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލްކޮށް، ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ، ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގެ މިންގަނޑަކީ ކޮބައިކަން؟
ނިންމިގޮތް
ބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށާއި މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި ޙުކުމް ކޮށްފައިވަނީ، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކާއި ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމުގައި އުފެދިފައިވާ ޝައްކުތަކާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތްނުކޮށް ކަމުގައިވާތީ، ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ މައްސަލަތައް ސާބިތުކުރެވޭ މިންގަނޑު
ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ފަނޑިޔާރުގެ ދައުރަކީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ މަޤްޞަދު ޙާޞިލުކުރެވޭފަދަ ދައުރަކަށް އިޖްރާއީ ގޮތުން ވާންޖެހޭނެކަން.
ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ އީޖާބީ ދައުރެއްކަން.
ޖިނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކކަށް ބުރަވުން ފަނޑިޔާރަށް ލާޒިމެއް ނޫންކަން.
ހުށަހެޅޭ ހެކިތަކާއި ދަލީލުތައް ތަޤްޔީމްކޮށް (evaluate) ވަޒަންކުރުމަށްފަހު، ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލިތަކާއި އެ ތަކެތިން ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން ނޫންގޮތަކަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަން.
ހެކިތަކާއި ދަލީލުތައް ވަޒަންކޮށް ނުކުތް ނަތީޖާއަކީ ޔަޤީނާ ގާތްކުރެވޭ މިންވަރު ކަމަށް ނުވާނަމަ، ޤާނޫނު އަސާސީގެ 51 (އ) ގައި ބުނާ މިންގަނޑުން މީހަކު ކުށެއް ކޮށްފިކަން ސާބިތުނުކުރެވޭނެކަން.