ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ އުނައިސް
- ޤަޟިއްޔާ ނަންބަރު:
- 2014/SC-A/31
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޑައިމޯފިން ޓްރެފިކް ކުރުން
- ނިމުނު ތާރީޚު:
- 16/07/15
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު
މައްސަލައިގެ ޚުލާސާ
07 މެއި 2012 ދުވަހުގެ 23:00 ހާއިރު، ސ.މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢޫލޫމާތު ފުލުހުންނަށް ލިބިގެން އެ ސަރަހައްދުގައި މި ދެމީހުންގެ ހަރަކާތްތަކަށް ފުލުހުން ފާރަލަމުން ދަނިކޮށް ސ.ފޭދޫ، ރީތިގަސްދޮށުގެ، އިބްރާހީމް ޝަޒްލީލު ދުއްވަން އިން ސައިކަލު ފަހަތަށް ސ.ފޭދޫ، ރައިހާނު، ޢަބްދުﷲ އުނައިސް އެރިވަގުތު މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މި ދެމީހުން ތިބި ސައިކަލު ކައިރީގައި އޮތް ހުދުކުލައިގެ ސިޓީ އުރައަކުން ޖުމްލަ 14.9058ގ ޑައިއެސިޓައިލްމޯފިން ފެނިފައިވާތީއާއި އެ ސިޓީ އުރައިގެ ބޭރުން ފެނުނު ފިންގާރޕްރިންޓް އިބްރާހީމް ޝަޒީލްގެ އިނގިލީގެ ނިޝާނާ ދިމާވެފައިވާތީއާއި މި ދެމީހުން ބަލާފާސްކުރިއިރު ޢަބްދުﷲ އުނައިސްގެ ޖީބުގައި އޮތް ސިޓީ އުރައިން 46.084ގ ޑައިއެސިޓައިލްމޯފިން ފެނިފައިވާތީ މި ދެ މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޢަބްދުﷲ އުނައިސްގެ މައްޗަށް ކުށް ސާބިތުވާކަމަށާއި އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވެއެވެ. މި ނިންމުން ޢަބްދުﷲ އުނައިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށްބުނެ، ޢަބްދުﷲ އުނައިސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
- ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގައި ބަލަންޖެހޭ މިންގަނޑު ތަކަކީ ކޮބައި؟
- ހެކި ހުށަހެޅުމާއި ޤާނޫނީ ވަކީލުން ހަމަ ޖެއްސުމުގައި ހަމަހަމަ ފުރުސަތު ދޭނެ ގޮތަކީ ކޮބައި؟
ނިންމިގޮތް
ޢަބްދުﷲ އުނައިސްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމާއި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރެއްވުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނުވާތީ، އެ ދެ ޙުކުމަކީ ބާޠިލް ދެ ޙުކުމް ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި.
ކަނޑައެޅުނު އުސޫލު
ޤާނޫނު އަސާސީގެ 51 (އ) ގައި މިންގަނޑަށް ކުށެއް ކުރިކަން ސާބިތުވުން
މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، އެ މީހަކީ ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަން.
ޖިނާއީ މައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމްކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި އޭގެން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްޠިނާޢުވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޙުކުމްކޮށްގެން ނުވާނެކަން.
ހެކި ހުށަހެޅުމަށް ފުރުޞަތު ލިބިދިނުމާއި ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތު ދިނުން
ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަޞީލަތްތައް ލިބުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަން.
ފުލުހުންގެ ބަންދުގައި ހުރި މީހެއްނަމަ، އޭނާއަށް ހެކިން ހާޒިރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކޯޓަށް ފޯރުކޮށްދެވޭނެ އެކަށީގެންވާ މަގެއް ތަނަވަސް ކޮށްދޭން ޖެހޭނެކަން.
ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަން.
ފުލުހުންގެ ބަންދުގައި ހުންނަ މީހަކަށް ވަކީލަކު އައްޔަންކުރުމުގެ ފުރުޞަތު ދެވުނުކަމަށް ބެލެވޭނީ އެ ފަރާތަކަށް އެ މަގު ތަނަވަސްކޮށްދެވިފައި ވާނަމަކަން.