އިބްރާހިމް ފާތިޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2019/SC-A/44
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 09/11/20
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން
މައްސަލައިގެ ޚުލާސާ
ޅ.ކުރެންދޫ، ފިޔަ އިބްރާހީމް ފާތިޙުގެ މައްޗަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގެ މައްސަލައިގައި، އިބްރާހީމް ފާތިޙުގެ ފަރާތުން ނަގާފައިވާ އިޖުރާއީ ނުކުތާއަކީ ދަޢުވާގައި ބަޔާންކުރާ މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ފިލްމު ހުސްކުރި ދަޅު ފެނިފައިވާ ތަން ދަޢުވާއިން ސާފުނުވާތީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމެވެ. ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ އިބްރާހީމް ފާތިޙު އެދިފައިވާ ގޮތަށް ދަޢުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށެވެ. މި ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ނިންމީ މި މައްސަލައަކީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބަލައި މައްސަލައިގެ މައުޟޫއުގެ މައްޗަށް ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއް ކަމަށެވެ. ހައިކޯޓުން މި މައްސަލަ ހިންގާފައިވަނީ އިބްރާހީމް ފާތިޙުގެ ޣައިރު ހާޒިރުގައެވެ. މިއީ އިބްރާހީމް ފާތިޙުގެ ޣައިރު ހާޒިރުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ހިންގާފައިވާތީ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އިބްރާހީމް ފާތިޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
- އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ގެންދެވިދާނެތަ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، މި މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓަށް މައްސަލަ ތަޙްވީލުކުރުމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ މައްސަލައެއް ޣައިރު ހާޒިރުގައި ޝަރީޢަތް ހިންގުން
- އެމީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމަކީ ޤާނޫނުއަސާސީގެ 51 (ޅ) ގެ ދަށުން ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ޙައްޤެއްކަން. މި ޙައްޤު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން.
- ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމަށްފަހު، އެ ދަޢުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވާކަން.
- އިސްތިނުފާގެ ނިންމުމުގެ މައްޗަށް ތަރުތީބުވެގެން އަންނަ ނަތީޖާތަކާ އިސްތިއުނާފު ރައްދުވާ މީހާ ކުރިމަތިލާންޖެހޭތީ، މިފަދަ މައްސަލަތައް އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި ކުރިއަށް ނުގެންދެވޭނެކަން.