ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މޫސާ ޖަމީލް

ޤަޟިއްޔާ ނަންބަރު:
2020/HC-A/262
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
20/01/22

ކަނޑައެޅުނު އުސޫލު

  1. 40.6 ކުޑަކުދިންނާމެދު ހިންގޭ ޖިންސީ ގޯނާގެ ޢަމަލުތަކަކީ ގިނަ ފަހަރަށް އެ ކުޑަކުއްޖާ ދިރިއުޅޭ ޢާއިލާގެ ތެރެއިން ނުވަރަ އެ ކުއްޖާއާއި ނުވަތަ އެ ކުއްޖާގެ ޢާއިލާއާއި ގާތްކަން އޮންނަ ފަރާތަކުން ހިންގާ ޢަމަލުތަކެއްކަން މިބާވަތުގެ މައްސަލަތަކުން ފާހަގަކުރެވެއެވެ. ވުމާއެކު، ޖިންސީ ގޯނާގެ ޢަމަލެއް ކުޑަކުއްޖަކާމެދު ހިނގުމުން، އެވާހަކަ ހަމަ އެވަގުތު އެހެން މީހަކަށް ކިޔައިދިނުމަށް އެ ކުޑަކުއްޖާއަށް ނުކެރިދާނެ ނުވަތަ އުނދަގޫވެދާނެއެވެ. އަދި އެފަދަ ވާހަކަތަކަކީ އެހެން މީހަކަށް ކިޔައިދޭންޖެހޭ ވާހަކައެއްކަން ނުވަތަ ކިޔައިދޭންވީ ކާކަށް ކިހިނެއްކަންވެސް، އެ ކުއްޖާގެ ޢުމުރާއި ހާލަތުގެ ގޮތުން ނޭނގިދިއުމުގެ ފުރުޞަތުވެސް އޮވެދާނެއެވެ.

    40.7 ޖިންސީ ގޯނާކުރުމުގެ ޙާދިސާއެއް ކުޑަކުއްޖަކާ ކުރިމަތިވުމުން، އެކަން އެހެން މީހަކަށް ކިޔައިދިނުމުން ލަސްވުމުގައި އެކުއްޖާގެ ޢުމުރު، ނަފްސާނީ ނުވަތަ ޞިއްޙީ ޚާއްޞަ ޙާލަތު، އެފަދަ ޢަމަލުގެ ޠަބީޢަތް އެނގޭ މިންވަރު، އަދި އެ ޢަމަލު ހިންގި ފަރާތާއި އެކުއްޖާއާއި އޮންނަ ގުޅުމާއި ޢާއިލީ ގާތްކަމުގެ މިންވަރު ފަދަ ސަބަބުތަކެއް ހުރެދާނެއެވެ.

    ވުމާއެކު، ކުޑަކުއްޖާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމުން، އެވާހަކަ ކިޔައިދީފައިވަނީ ދާދި އަވަހަށް ނުވަތަ ގިނަ ދުވަސްތަކެއް ނުވަނީސްތޯ ބަލައި އެކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައި ހިމެނޭ، ބަޔާންކުރެވިދިޔަ ފަދަ ކަންކަމުގެ މައްޗަށް ބަލައިގެންނެވެ.

    ކުޑަކުއްޖާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމާއެކު އެކަން ކިޔައިނުދެވި ލަސްވާ ހާލަތްތަކުގައި، ބަޔާންކުރެވިދިޔަ ފަދަ ކަންކަމާއި ހާލަތްތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރުމެއް ނެތި، އެ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން މިފަދަ މައްސަލައެއް ސާބިތުކުރުމަށް ބޭނުން ނުކުރެވޭނެކަމަށް ކަނޑައަޅައިގެން ވާނެކަމަށް ނުފެނެއެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުއްޖަކާމެދު ކަންވީގޮތް ވަގުތުން ކިޔައިނުދެވި ލަސްވި ސަބަބަކީ ނުވަތަ ލަސްވުމަށް މެދުވެރިވި ހާލަތަކީ ފަނޑިޔާރަށް ޤަބޫލުކުރެވޭ ސަބަބެއް ނުވަތަ ހާލަތެއް ކަމަށްވާނަމަ، ހަމައެކަނި ލަސްވި ލަސްވުމުގެ މައްޗަށް އެކަނި ބިނާކޮށް އެކުއްޖާ ކިޔައިދޭ ކިޔައދިނުން ބަލައިނުގަނެ ދޫކޮށްލެވިގެން ވާނޭކަމަށް ނުފެނެއެވެ.

  2. 48. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ގިނަ ހެކިތަކަކީ އެފަރާތަކާމެދު ކުށުގެ ޢަމަލު ހިންގުނުކަމަށް ބުނާ ކުޑަކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާވެފައި ހުންނަ ހެކިތަކެކެވެ. ވުމާއެކު، އެ ހާދިސާ އެކިފަހަރު އަދި އެކި މަޙައްލުތަކުގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި ހުރެދާނެ ފުށުއެރުންތަކަށާއި، އަދި އެއީ ހަޤީޤަތެއް ނެތި އަލަށް އުފައްދައިގެން ދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތަކެއް ހުރިތޯ ނުވަތަ ނެތްތޯ ޝަރީޢަތުން ބަލައި، އެކަންކަން ވަޒަންކުރަންޖެހޭނެއެވެ. އެގޮތުން އެކަންކަން ބަލައި ވަޒަންކުރާއިރު، ކުޑަކުއްޖަކު އެފަދަ ވާހަކއެއް ކިޔައިދޭއިރު، ހުރެދާނެކަމަށް ޤަބޫލުކުރެވޭ ކުދިކުދި ފުށުއެރުންތަކަކީ އެ ފުށުއެރުންތަކުގެ ސަބަބުން މައްސަލަ ސާބިތުނުވާކަމަށް ކަނޑައެޅިދާނެ ކަމެއްކަމުގައި ނުފެނެއެވެ. ކުއްޖާގެ އުމުރާއި އެފަދަ ކަމެއް ދިމާވުމުން ކުއްޖާއަށް ކުރިމަތިވާ ނަފްސާނީ ހާލަތާއި، އަދި ކުރިމަތިވާ ލަދުވެތިކަމުގެ ސަބަބުންވެސް، އެފަދަ ހާދިސާއެއް ސިފަކޮށް ކިޔައިދިނުމުގައި އުނދަގޫ، ބައެއް ފުށުއެރުން ހުންނަ ފަދައަކުންވެސް އެފަދަ ވާހަކައެއް ކިޔައިދެވިފައި ހުރެދާނެއެވެ.

    ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުވެސް އިހުތިމާލުކޮށްގެން ނުވާނެއެވެ. ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި ޤަބޫލުނުކުރެވޭ ވަރުގެ ފުށުއެރުން ހުރިނަމަ، ނުވަތަ އެކަމާ ގުޅޭ ގޮތުން އެ ކުއްޖާއާއި، އެކުއްޖާ އެވާހަކަ ކިޔައިދިން ފަރާތްތަކުން ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުންނަ ހާލަތުގައި އެ ވާހަކަތަކުގެ ތެދުކަމާމެދު ސުވާލު އުފެދޭނަމަ، ނުވަތަ އެކުށުގެ ޢަމަލަކީ މުއްތަހަމު ކޮށްފައިވާ ޢަމަލެއްކަމާމެދު އެކަށީގެންވާ ޝައްކެއް ނުވަތަ ޝައްކުތަކެއް އުފެދިފައިވާނަމަ، އެ މުއްތަހަމު މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނެއެވެ.

  3. 49. ކުޑަކުއްޖަކު އޭނާއާމެދު މީހަކު ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބުނެ ޙަޤީޤަތާ ޚިލާފު ވާހަކައެއް އުފައްދައިގެން ދެއްކުމަކީ ދުރުކަމެކެވެ. އަދި ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެމީހުންގެ ކުޑަ ދަރިފުޅަކު ކައިރީގައި މީހަކާބެހޭގޮތުން، ޙަޤީޤަތާ ޚިލާފަށް އެފަދަ ވާހަކައެއް ދެއްކުމަށް ބުނުމަކީވެސް ނާދިރުކަމެކެވެ. ނަމަވެސް މިފަދަ މައްސަލައެއްގައި ކުޑަކުއްޖަކު ބުނާ ބުނުމަކީ ނުވަތަ ކޔައިދޭ ކިޔައިދިނުމަކީ އެވާހަކަ ކިޔައިދިނުމުގައި ހުންނަ ފުށުއެރުންތަކަށާއި އެ ކުއްޖާއާމެދު ކަންވީގޮތްކަމަށް އެ ކުއްޖާ ކިޔައިދިން މީހުންގެ ބަހާއި، ލިބިފައިވާ އެހެނިހެންވެސް ހެކިތައް ވަޒަންކުރުމެއް ނެތި ހަމައެކަނި އެ ކިޔައިދިނުމުގެ މައްޗަށް ބަލައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމެއް ކަމުގައި ނުދެކެމެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ