ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަބީލް
- ޤަޟިއްޔާ ނަންބަރު:
- 2016/SC-JC/08
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަރު
- ނިމުނު ތާރީޚު:
- 26/07/16
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާސާ
ގ.ރީފް، މުޙައްމަދު ނަބީލް އިތުރު ބަޔަކާއެކު، 09 މާރިޗު 2009 ދުވަހުގެ 23:00 އެހައިކަށްހައިއިރު، މަޖީދީމަގު ނަލަހިޔާ ކައިރިން ސ.ހުޅުދޫ، ލިލީމާގޭ ޢަބްދުﷲ ފަރުހާދުގެ ގައިގައި ޖަހައި މާރާމާރީ ހިންގަމުންދަނިކޮށް، ޢަބްދުﷲ ފަރުހާދު ސަލާމަތްވެގެން ދުއްވައި ގަތުމުން މުޙައްމަދު ނަބީލްގެ އަތުގައި އޮތް 06 އިންޗި ކަޓަރެއް ނަގައި، ޢަބްދުﷲ ފަރުހާދުގެ ގަޔާ ދިމާލަށް އެއްލުމުން ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް އެ ކަޓަރު ހެރުނެވެ. މި ޙަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޢަބްދުﷲ ފަރުހާދު ނިޔާވެފައިވާތީ، މުޙައްމަދު ނަބީލްގެ މައްޗަށް ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. މުޙައްމަދު ނަބީލް ވަނީ މުޙައްމަދު ނަބީލުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް ތަޙްޤީޤު މަރުޙަލާގައި އިޢުތިރާފު ވެފައެވެ. އަދި އެފަދަ ބަޔާނެއް ދިންކަމަށް ޝަރީޢަތުގެ މަޖިލީހުގައި ފަހުން އިޢުތިރާފުވި އެވެ. އެހެންނަމަވެސް މުޙައްމަދު ނަބީލުވަނީ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ކުރިން ވެފައިވާ އިޢުތިރާފުން ރުޖޫޢަވެފައެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް ފަހު އެކޯޓުން މުޙައްމަދު ނަބީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، އޭނާ މެރުމަށް ޙުކުމްކުރިއެވެ. މުޙައްމަދު ނަބީލުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ އޭނާ ތަޙްޤީޤުގައިވެފައިވާ އިޢުތިރާފުން ރުޖޫޢަވި ނަމަވެސް އެ އިޢުތިރާފަށް ބާރު ލިއްބައިދޭ ހެކިތަކާއި ޤަރީނާތަކުން ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅއެވެ. މިއީ ޤިޞާޞްގެ މައްސަލައަކަށްވާތީ، މުޙައްމަދު ނަބީލުގެ މައްޗަށް ކުރެވުނު ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމް ވަނީ ދަމަހައްޓާފައެވެ. މިއީ ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ޕީޖީ އޮފިހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ދަޢުވާ ލިބޭ މީހާ ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އެ އިޢުތިރާފު ޝަރީޢަތަށް ބަލައިގަނެވިދާނެތަ؟
2. ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަ ވެވިދާނެތަ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ތަޙްޤީޤުގައިވާ އިޢުތިރާފު ޝަރީޢަތަށް ބަލައިގަތުން
ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައި ކުށް ކުރިކަމަށް އިޢުތިރާފުވުމަށްފަހު އިޢުތިރާފުވާ ކަންކަމާއި ގުޅޭ ފަދައިން މައްސަލައިގެ ހެކި ޤަރީނާ ހުރި ނަމަ އިޢުތިރާފަށް ބާރު ދެވިދާނެކަން.
- ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ ސައްޙަކަން ދެނެގަތުމަށްޓަކައި ތަޙްޤީޤަށް އެމީހަކު ދީފައިވާ ބަޔާނުގެ އިންޓަވިއު ރެކޯޑިންގް ބަލައި އެއްވެސް މަޖުބޫރުކަމެއް އޮތްތޯ އަދި ބަޔާނުގައި ސޮއިކުރަނީ އަދި ނިޝާން ޖަހަނީ ބަޔާން ރަނގަޅަށް ކިޔާފަތޯ ބެލުމާއި، ތަޙްޤީޤު ބަޔާންދިން އިރު ޙާޟިރުގައި ތިބީ ކޮންބައެއްތޯ ބެލުންފަދަ ކަންކަމަށް ރިޢާޔަތް ކުރެވިދާނެކަން.
ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަވުން
- ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަވާ ޙާލަތުގައި ފިޤްހުގައި އެ އިޢުތިރާފު ޤަބޫލުކުރުމާއި ނުކުރުމުގައި 2 ޙާލަތެއްވާކަން:
1. ހަމައެކަނި ﷲ ގެ ޙައްޤު އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު. (މިސާލު: ހައްދު ކަނޑައެޅިފައިވާ ޒިނޭގެ ކުށް) ރުޖޫޢަވެއްޖެނަމަ، އެކަމުގެ މައްޗަށް ބުރަދަނެއް ދެވިދާނެކަން.
2. އާދަމުގެ ދަރިއެއްގެ ޙައްޤެއް އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފުން ރުޖޫޢަނުވެވޭނެކަން.