ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު

ޤަޟިއްޔާ ނަންބަރު:
2010/SC-A/07
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
01/06/11

ފަނޑިޔާރުން

އަޙުމަދު ފާއިޒު ޙުސައިން، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު

މައްސަލައިގެ ޚުލާސާ

ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް ބޯޓަކުން ހދ.ކުޅުދުއްފުށި، އުއްދަނޑިމާގެ ޢަބްދުﷲ ރަޝީދު ބާލައިގެން ގެންދިޔަ ބިސް ކޭހެއް ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން 2.8 ގްރާމް ހެރޮއިން ފެނިފައިވާތީ، ޢަބްދުﷲ ރަޝީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޖިނާއީ ކޯޓުގައި އުފުލުމުން، ޢަބްދުﷲ ރަޝީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރިއެވެ. މި ޙުކުމް ޢަބްދުﷲ ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޖިނާއީ ކޯޓުން ކުރި ޙުކުމް ބާޠިލްކުރިއެވެ.މިއީ ހައިކޯޓުގެ ޙުކުމް ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ހިޔާޒަތުގެ ދަށުގައި ހުރި މަސްތުވާއެއްޗަކީ އެހެންމީހަކު ދިން އެއްޗެއްކަމަށް ބުނާނަމަ، ދެންވާނީ ކިހިނެއް؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމް ބާތިލްކޮށް ޢަބްދުﷲ ރަޝީދު އުމުރަށް ޖަލަށްލުމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

- އެމީހެއްގެ ހިޔާޒަތުގެ ދަށުން ފެންނަ މަސްތުވާތަކެއްޗަކީ އެހެން މީހަކު ޙަވާލުކުރި އެއްޗެއް ކަމަށް ބުނާނަމަ، އެކަން ހެކި ހުށަހަޅައިގެން ސާބިތުކޮށްދޭންޖެހޭނެކަން. އެމީހެއްގެ ހިޔާޒަތުގެ ދަށަށް މަސްތުވާތަކެތި އައިގޮތެއް ސާބިތުކޮށްނުދެވޭ ޙާލަތުގައި މަސްތުވާތަކެތީގެ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭނެކަން. (މިހާރު އޯވަރޫލް ކުރެވިފައިވާ އުސޫލެއް)

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ