މުޙައްމަދު އަކްރަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/SC-A/52
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
06/07/22

ފަނޑިޔާރުން

މަޙާޒް ޢަލީ ޒާހިރު، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)

މައްސަލައިގެ ޚުލާސާ

08 ޑިސެންބަރު 2020 ދުވަހު ކެނެބިސް ބޭނުންކުރުމާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގައި ހ.ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމު ހައްޔަރުކުރިއެވެ. 14 ފެބުރުވަރީ 2021 ދުވަހު މުޙައްމަދު އަކްރަމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ. މުޙައްމަދު އަކްރަމުގެ ފަރާތުންވަނީ މި މައްސަލައިގައި ދަޢުވާތައް އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި މުއްދަތު ފަހަނައަޅައި ދިޔަފަހުންކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާފައެވެ.

ހުށަހެޅުމުގެ މައިގަނޑު އަސާސެއްކަމަށް ބަޔާންކޮށްފައިވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށަކަށްނުވާއިރު، އެ ކުށާއި ގުޅިގެން މުއްދަތު އިތުރުނުކުރެވޭނެ ކަމަށާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ތަޙްޤީޤުގެ މުއްދަތު އިތުރުކޮށްފައިވަނީ ފުލުހުންގެ އެދުމަކާނުލައި ޕީޖީ އޮފީހުންކަމަށެވެ. ކްރިމިނަލް ކޯޓުން ނިންމީ މައްސަލައިގައި ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށާއި، ދަޢުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދަޢުވާ އުފުލާފައިނުވާކަން މަދަނީ މިންގަނޑުން ސާބިތުކޮށްދީފައިވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން މައްސަލަ މަޢުޟޫއީ ގޮތުން ކުރިއަށް ގެންދާނެ ތަނެއްކަމަށެވެ.

މިއީ ހައިކޯޓުގެ ނިންމުން ޕީޖީ އޮފީހުން ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާޠިލްކޮށް، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ކަނޑައެޅުމާބެހޭ މަރުޙަލާއިން ފެށިގެން އެ ދެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށެވެ. ނިންމުން ބިނާކުރި ސަބަބުތަކަކީ ލިޔުންތަކުގައި ތާރީޚު އޮޅިފައިވިޔަސް ލިޔުންތައް ދިރާސާކުރުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކޮށް ދަޢުވާކޮށްފައިވަނީ މުއްދަތުގެ ތެރޭގައި ކަމަށްވެފައި، ލިޔުންތަކުގައި ހުރި އޮޅުމަކީ އިޞްލާޙުކުރެވޭފަދަ އައިބުތަކަށްވީތީ އެއީ މައްސަލަ ބާޠިލްކުރަންޖެހޭފަދަ އިޖުރާއީ ގޯހަކަށްނުވާތީއެވެ. ތަފާތުވި ރައުޔުގައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

މިއީ ހައިކޯޓުގެ ނިންމުން ބާޠިލްކޮށްދިނުމަށް އެދި، މުޙައްމަދު އަކްރަމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޖިނާއީ މައްސަލަތަކުގައި ތަޙްޤީޤުކުރުމުގެ މުއްދަތާއި، ދަޢުވާކުރުމުގެ މުއްދަތު ގުނާނީ ކިހިނެއް؟

2. ތަހްޤީޤުގެ މުއްދަތު އިތުރުކުރާނީ ކިހިނެއް؟

3. މައްސަލައެއްގައި އެއް ކުށަށްވުރެ ގިނަ ކުށް ހިމެނޭނަމަ، މުއްދަތު ގުނާނީ ކިހިނެއް؟

ނިންމިގޮތް

ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މުއްދަތު ހިނގާގޮތް

-  ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޟިރުކުރުމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ ހިނގަން ފަށާނެކަން. އޭގެ ކުރިން އެ މާއްދާއެއް ނުހިނގާނެކަން.

- ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ ތަޙުޤީޤު ނިންމަންޖެހޭ މުއްދަތަކީ 30 ދުވަސްކަން އަދި އެހިނދުން ފެށިގެން މުއްދަތު ހިނގަން ފަށާނެކަން.

- ތުހުމަތުކުރެވޭ މީހާ ދޫކޮށްލަން ފަނޑިޔާރު ނިންމައިފިނަމަ ތަޙުޤީޤު ނިންމަންޖެހޭ މުއްދަތަކީ 45 ދުވަސްކަން އަދި އެހިނދުން ފެށިގެން މުއްދަތު ހިނގަން ފަށާނެކަން.

- ދެ ޙާލަތުގައިވެސް ޕީޖީ އޮފީހުން 10 ދުވަސް ތެރޭގައި ދަޢުވާ އުފުލަންޖެހޭނެކަން.

- ބަންދާމެދު ގޮތް ނިންމަން ނުގެންދާ މީހުންގެ މައްސަލަތަކަށް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 61 ވަނަ މާއްދާގެ (ހ) ކަން.

ތަޙްޤީޤުގެ މުއްދަތު އިތުރުކުރުން

- ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަޙުޤީޤުގެ މުއްދަތު އިތުރު ކުރެވޭ ނިޒާމު އޮތްކަން.

- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު މައްސަލައަކަށް ނުވާނަމަ، މުއްދަތު އިތުރުނުކުރެވޭނެކަން.

- މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުން ސަބަބު ބަޔާންކޮށް އެދުމުން، ޕީޖީ އޮފީހަށް މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސްކަން.

- ޕީޖީ އޮފީހުން މުއްދަތު އިތުރުކުރުމަށްފަހު ދޫކުރާ ލިޔުމުގައި ފުލުހުންގެ ފަރާތުން މުއްދަތު އިތުރުކޮށްދިނުމަށް އެދުނު ފޯމާ ޙަވާލާދީ ނަންބަރެއް ނުވަތަ އެނޫންވެސް ކަމެއް ހިމެނުމުން މުއްދަތު އިތުރުކުރި ކުރުމާމެދު ޝައްކު އުފެއްދުމުގެ ޖާގަ ކުޑަވެގެންދާނެކަން.

- ތަޙުޤީޤުގެ މުއްދަތު އިތުރުކޮށްދޭ ލިޔުމުގައިވާ ކުށަކީ ނުވަތަ އުނިކަމަކީ އޭގެ ސަބަބުން މައްސަލަ ބާޠިލުވާނެ އިޖުރާއީ ގޯހެއް ނޫންކަން. ސުޕްރީމްކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު 2 ފަރާތް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގައި ކަނޑައަޅުއްވާފައިވާ އުސޫލު ދަމަހައްޓާފައިވޭ.

މައްސަލައެއްގައި ހިމެނޭ ވަކިވަކި ކުށްތަކުގެ މުއްދަތު

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގެ ނައްޞަށް ބަލާއިރު، ތަޙްޤީޤުކުރެވޭ މައްސަލައިގައި ހިމެނޭ ވަކިވަކި ކުށްތަކަށް މުއްދަތު އިތުރުކުރުމުގެ ބަދަލުގައި މުއްދަތު އިތުރުކުރެވެނީ ތަޙްޤީޤުކުރެވޭ މުޅި މައްސަލައަށްކަން. މައްސަލައިގައި ހިމެނޭ ވަކިވަކި ކުށްތަކުގައި މުއްދަތު ވަކިވަކިން ބަލައި ދަޢުވާ އުފުލުމަކީ އިންސާފު ޤާއިމްކުރުމުގައި ހުރަސްތަކެއް ކުރިމަތި ވެދާނެކަމެއްކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ