ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަފްޡާމް ޢަބްދުއްސައްތާރު
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/40
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- އަމުރު އިސްތިއުނާފުކުރުން
- ނިމުނު ތާރީޚު:
- 25/04/22
ފަނޑިޔާރުން
ޑރ.މުޙައްމަދު އިބްރާހިމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒް ޢަލީ ޒާހިރު
މައްސަލައިގެ ޚުލާސާ
ގދ.މަޑަވެލި، ގާރޑްނިންގ، އަފްޡާމް ޢަބްދުއްސައްތާރު އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައިއަފްޡާމް ޢަބްދުއްސައްތާރު ބަންދުކުރުމަށް 30 ޖަނަވަރީ 2022 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އެ ކޯޓުން އެމުރުކުރިއެވެ. އޭގެ ފަހުން ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހަޅައިގެން 15 ފެބުރުވަރީ 2022 އިން 2 މާރިޗު 2022 ގެ ނިޔަލަށް، އަދި 2 މާރިޗު 2022 އިން 17 މާރިޗު 2022 ގެ ނިޔަލަށް އަފްޡާމް ޢަބްދުއްސައްތާރު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. 21 މާރިޗު 2022 ދުވަހު އަފްޡާމް ޢަބްދުއްސައްތާރު ބަންދުގައި ބެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދުމުން، އެދުވަހުގެ 16:20 ގައި ކްރިމިނަލް ކޯޓުން އަފްޡާމް ޢަބްދުއްސައްތާރު ޝަރުޠުތަކާއެކު ދޫކޮށްލަން އަމުރުކުރިއެވެ.
ކްރިމިނަލް ކޯޓުގެ މި އަމުރު ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ 24 މާރިޗު 2022 ދުވަހުގެ 10:10 ގައެވެ. ޕީޖީ އޮފީހުން އިސްތިއުނާފުކޮށްފައިވަނީ މުއްދަތު ހަމަވީ ފަހުން ކަމަށް ބުނެ އަފްޡާމް ޢަބްދުއްސައްތާރުގެ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން ކުރިން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ، އަޙްމަދު މޫސާ ޤަޟިއްޔާއާ ޙަވާލާދީ، ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާތީ، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މިއީ ހައިކޯޓުގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ 48 ގަޑިއިރު ގުނާނީ ކިހިނެއް؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، މި މައްސަލަ މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
އަޣްލަބިއްޔަތު ރައުޔު
- ޖިނާއީ އިޖުރާއަތުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައިވާ 48 ގަޑިއިރު ގުނާނީ، ދަށު މަރުޙަލާގެ ކޯޓުން އެ މާއްދާގައި ބަޔާންވެފައިވާ ނިންމުމެއް ނިންމި ވަގުތުން ފެށިގެންކަން. (ގަޑިއިރުން ގުނުން)
- ދަށު ކޯޓުން މައްސަލަ ނިންމާ ތާރީޚުގެ ފަހަތަށް ރަސްމީ ބަންދު ދުވަހެއް އަންނަ ނަމަ، 48 ގަޑިއިރު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައިކަން.
- ޖިނާއީ އިޖުރާއަތުގެ 198 ވަނަ މާއްދާގެ (ރ) މާނަކުރުމަށްޓަކައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ތަޠްބީޤްނުކުރެވޭނެކަން.
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) މާނަކުރުމަށްޓަކައި ބޭނުންކުރެވޭނެ މާއްދާއެއް ނޫކަން.
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މޫސާ މައްސަލައިގެ އަޣްލަބިއްޔަތު ރައުޔު މި މައްސަލައިގައި ދަމަހައްޓާފައިވޭ.