އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2016/SC-A/21
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 13/09/20
ފަނޑިޔާރުން
އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
މައްސަލައިގެ ޚުލާސާ
01 ނޮވެންބަރު 2010 ދުވަހުގެ 13:15 އެހައިކަށްހައިއިރު، މ.ގުލްޝަނީގެ، އަޙްމަދު ލަޠީފް މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އަޙްމަދު ލަޠީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، އޭނާލައިގެންހުރި ސޯޓުގެ ޖީބުން ފެނުނު ފިލްމު ހުސްކުރި ދަޅެއްގައި 15.7724 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 9.1999 ގްރާމް ކެނެބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، އަޙްމަދު ލަޠީފްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ.
މައްސަލައިގައި ހުރި ހެކި ޤަރީނާއަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ނިންމުމުން، މި ނިންމުން އަޙްމަދު ލަޠީފް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. މިއީ ހައިކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، އަޙްމަދު ލަޠީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޖިނާއީ ކުށެއްގެ ރުކުންތައް ސާބިތުކޮށްދޭންޖެހޭނީ ކާކު އަދި ސާބިތުކޮށްދޭންޖެހޭ މިންވަރަކީ ކޮބާ؟
2. މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްތަ؟
3.މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތަކުގައި މުއްތަހަމްއަށް ދިފާޢެއް ލިބިގެންވޭތަ؟
4. ޙަޤީޤީ ހިޔާޒަތުން މަސްތުވާތަކެތި ފެނުމުގެ ޙާލަތަކީ ކޮބާ؟
5. މަސްތުވާއެއްޗެއް 'އަތުގައި އޮތްކަން އޭނާއަށް އެނގޭކަން' މި ޢިބާރާތުގައިވާ އެނގުމުގެ މާނައަކީ ކޮބާ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ ކުށެއް ސާބިތުކުރުން
- ޖިނާއީ މައްސަލަތަކުގައި ކުށުގެ ރުކުންތައް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އޮންނާނީ ޕްރޮސިކިއުޝަނަށްކަން.
- މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެ ކުށުގެ ރުކުންތައް ސާބިތުވުމުންކަން.
- ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެކުށުގެ މާއްދީ ރުކުން (ކުށުގެ ޢަމަލު)، މަޢުނަވީ ރުކުން (ކުށުގެ ނިޔަތް) އަދި އެކުށެއްގައި ހިމެނޭ އެންމެހައި އުންސުރުތައް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމުންކަން.
- ބައެއް އިސްތިސްނާއީ ޙާލަތްތަކުގައި މަޢުނަވީ ރުކުނާ ނުލައި، ހަމައެކަނި މާއްދީ ރުކުން ސާބިތުވުމުން ކުށް ސާބިތުވާކަން. މިފަދަ ކުށްތަކަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށްތަކެއްކަން. މިފަދަ ކުށްތަކުގެ ޒިންމާ އުފުލުމަށް ކުށުގެ ޢަމަލު ފުދޭކަން.
- ކުށެއް ސާބިތުކުރުމަށް މަޢުނަވީ ރުކުން ބޭނުންވާ ކުށްތަކުގައި އެ ކުށުން ބަރީއަވުމަށް ޤާނޫނު ހުއްދަކުރާ ދިފާޢު ނެގިދާނެކަން. މުއްތަހަމް އެ ދިފާޢު ސާބިތުކޮށްދޭންޖެހޭނެކަން.
މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން.
- މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށްތަކަކީ ހަމައެކަނި މާއްދީ ރުކުން ސާބިތުވުމުން ކުށް ސާބިތުވާ ކުށްތައްކަން. މިފަދަ ކުށްތަކުގައި ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމަށް ހަމައެކަނި ކުށުގެ ޢަމަލު ފުދޭކަން. މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ބެހެއްޓުމަކީ ނވަތަ ހުރުމަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ނޫންކަން.
މަސްތުވާތަކެތި މީހެއްގެ ޙިޔާޒަތުގެ ދަށުން ފެންނަ ޙާލަތުގައި މުއްތަހަމަށް ލިބިގެންވާ ދިފާޢު
- މިފަދަ މައްސަލަތަކުގައި މުއްތަހަމުގެ މައިގަނޑު ދިފާޢުއަކީ މުއްތަހަމްގެ އަތުގައި ނުވަތަ މުއްތަހަމްގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ބެހެއްޓި އަދި/ނުވަތަ ހުރި ސަބަބު ބުނެދީ އެ ކުށުން ބަރީޢަވުމުގެ ދިފާޢުކަން.
- މުއްތަހަމް ކުރިމަތިކުރާ ދިފާޢު ސާބިތުކުރުމުގައި މުއްތަހަމްއަށް ސާބިތުކުރުމުގެ ޤާނޫނީ ބުރަ ނުވަތަ ސާބިތުކުރުމުގެ ހެކި ހުށަހެޅުމުގެ ބުރަ އޮންނާނެކަން.
- މުއްތަހަމަށް ސާބިތުކުރުމުގެ ޤާނޫނީ ބުރަ އޮންނަ ޙާލަތުގައި، މުއްތަހަމާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ދަޢުވާ، އެނޫން ގޮތަކަށް މުއްތަހަމްއަށް ސާބިތުކޮށް ނުދެވޭނަމަ، ދައުލަތުންކުރި ދަޢުވާ ސާބިތުވީ ކަމުގައި ބަލަންޖެހޭނެކަން.
- މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާމެދު ޝައްކު އުފެދޭ މިންވަރަށް މުއްތަހަމް ހެކި ހުށަހަޅައިފިނަމަ، ކަމުގެ ޙަޤީޤަތް ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދައުލަތަށްކަން. މި ޙާލަތުގައި މުއްތަހަމް ހުށަހެޅި ހެކި ނަފީކޮށް ޕްރޮސިކިއުޝަނުން ހެކި ހުށަހަޅަންޖެހޭނީ ޤާނޫނުއަސާސީގެ 51 (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ދަޢުވާ ސާބިތުވާ ވަރަށްކަން.
ޙަޤީޤީ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުން
- ޙަޤީޤީ ހިޔާޒަތު (actual possession) އަކީ ތިމާގެ ސީދާ އަތުގައި ނުވަތަ ލައިގެންހުރި އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލް ނެތް، ސީދާ ތިމާގެ ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުމުގެ ޙާލަތުކަން.
- މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެންނަ ހިނދު، ކުށް ސާބިތުވާނީ އެ މަސްތުވާތަކެއްޗާއި އެމީހާއާ ގުޅުވާލެވޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ މޯޓިވްއެއް ނުވަތަ އަތުގައި އެއްޗެއް އޮތްކަން އޭނާ އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންކަން.
- "އަތުގައި އެއްޗެއް އޮތްކަން އޭނާއަށް އެނގޭކަން" - އެނގޭކަމަކީ ނުވަތަ އެނގުމަކީ އެމީހާގެ ސަމާލުކަމަށް އައިސްފައިވުން ނުވަތަ އެކަމުގެ ނޮލެޖް (knowledge) ހުރުންކަން.
- އަތުގައި ބެހެއްޓި އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މަސްތުވާތަކެތިކަން މުއްތަހަމްއަށް އެނގުން ލާޒިމުނޫންކަން.
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި އުސޫލުތައް މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:
- މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުތްލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ނޫންކަން. މިފަދަ ކުށްތަކުގައި މާއްދީ (ޢަމަލު) ރުކުނާއި ކުށުގެ މަޢުނަވީ ރުކުން (ނިޔަތް) ސާބިތުކޮށްދޭންޖެހޭނެކަން.
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ އިފްތިރާޟްތަކަކީ މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނިއްޖެނަމަ މަޢުނަވީ ރުކުން ސާބިތުކުރުމަކާއި ނުލައި ކުށް ސާބިތުކުރުމުގެ މަޤުސަދުގައި ބަޔާންކޮށްފައިވާ އިފްތިރާޟްތަކެއްނޫންކަން. އެއީ އަތުން ފެންނަ މަސްތުވާތަކެތީގެ ބޭނުން (އަމިއްލަ ބޭނުމަށް / ވިޔަފާރިކުރުމަށް) ކަނޑައެޅުމުގެ މަޤުސަދުގައި ބަޔާންކޮށްފައިވާ އިފްތިރާޟްތަކެއްކަން.
- ޤާނޫނަކުން ސާފުކޮށް މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން ބަޔާންނުކުރާނަމަ އަބަދުވެސް ރުޖޫޢަވާންޖެހޭނީ ޤާނޫނުއަސާސީގެ 51 (އ) ގައިވާ މިންގަނޑަށްކަން.