ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނާޡިމް
- ޤަޟިއްޔާ ނަންބަރު:
- 2018/SC-A/54
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 13/12/18
ފަނޑިޔާރުން
އާދަމް މުޙައްމަދު ޢަބްދުﷲ، ޢަބްދުﷲ ޢަރީފު، ޢަބްދުލް ޣަނީ މުޙައްމަދު
މައްސަލައިގެ ޚުލާސާ
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލެ، މ.ސީނުކަރަންކާގެ މުޙައްމަދު ނާޡިމް ދިރިއުޅޭގެ ބަލައިފާސްކުރިއިރު އޭނާ ނިދާ ކޮޓަރީގެ އެނދު ކައިރީގައި ހުރި ކަބަޑެއްގެ ވަތްގަނޑެއްގެ ތެރެއިން ފިސްތޯލައަކާއި ވަޒަން ފެނިފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ނާޡިމްގެ މައްޗަށް ކުރި ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. އެ ނިންމުން މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މުޙައްމަދު ނާޡިމް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްލތިމާސްކުރުމުގެ ހުއްދަ މުޙައްމަދު ނާޡިމްގެ ފަރާތުން އެދުމުން، ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް އެދި އޭރު ހުށަހެޅި ކަންކަމާ ގުޅިގެން އެމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމެވިއެވެ.
މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް އެދި މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރުމަށް ގެއަކަށް ވަންނަ ފުލުހުންގެ އެންމެ މުހިއްމު މަސްޢޫލިއްޔަތަކީ ކޮބާތޯ؟
2. ފަހުން ޢަމަލުކުރަން ފެށުނު ޤާނޫނަކުން އަދަބަށް ލުޔެއް ލިބިދީފައިވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް ކަމަށްވާނަމަ، ޤާނޫނުން ލިބިދިން ލުއި އެމީހަކަށް ލިބޭނެތޯ؟
ނިންމިގޮތް
މުޙައްމަދު ނާޡިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި އެ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމުގައި ކަނޑައަޅުއްވާ، މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށް
- ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުން ކުށްވެރިވެ، ޢަދަބު ޙައްޤުވާކަމަށް ބެލެވޭނީ، އެ ޤާނޫނުގައި ބަޔާންވެގެންވާ ފަދަ އެއްޗެއް ސީދާ އެމީހެއްގެ އަތުން ނުވަތަ އެތަނެއް ނުވަތަ އެ އެއްޗެއްގެ މައްޗަށް އެމީހެއްގެ ޙިޔާޒަތު އޮތްކަމަށް ބެލެވޭ ތަނަކުން ނުވަތަ އެއްޗަކުން ފެނިފައިވަނީ އޭގެ ޖިނާއީ މަސްއޫލިއްޔަތު އޭނާ އުފުލަން ނުޖެހޭކަމުގެ މައްޗަށް ބާރުލިބޭ ހެކި ނުވަތަ ޤަރީނާ ޝަރީޢަތަށް ލިބިފައިނުވާތީ އެމީހަކަށް އެ ލިބުނުގޮތް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާނަމަ.
ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާ
- ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރުމަށް ގެއަކަށް ވަންނަނަމަ، އެގޭގެ ވެރިންކަމަށް ބެލެވޭ ބަޔަކު ތިބިނަމަ އޭގެން އެންމެ އިސްމީހަކަށް އެމީހަކު އިސްވެ އަހައި އޮޅުން ނުފިލުވިނަމަވެސް ކޯޓު އަމުރު އެގެއެއްގެ ވެރިންނަށް ދައްކައި އޭގެ ކޮޕީއެއް އެމީހަކަށް ދިނުމާއި ބަލާފާސްކުރަނީ ފުލުހުންކަން ކަށަވަރުކޮށްދިނުމަކީ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރުމަށް ގެއަކަށް ވަންނަ ފުލުސް އޮފިސަރުންގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތު.
- މި މައްސަލާގައި އެފަދައިން ޢަމަލުކޮށްފައިނުވާކަން ބަލާފާސްކުރަން ވަތް ފުލުހުންގެ ބަޔާންތަކުން ކަށަވަރުކޮށްދެވިފައިނުވޭ.
އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން އަންނަގޮތަށް ޤާނޫނު އަސާސީގެ މާއްދާއެއް މާނަނުކުރުން
- މިއީ ޤާނޫނު އަސާސީގެ 69 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމެއް.
- ކުށް ކުރުމާއި ޙުކުމްކުރުމާދެމެދު، ޤާނޫނަކުން އެ ކުރި ކުށުގެ އަދަބަށް ލުޔެއްދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބުކަމަށް ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ.
- މި މާއްދާއަކީ ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބުގައި.
- މި މާއްދާ މާނަކުރަންޖެހޭނީ، ކުށެއް ކުރި ވަގުތު ޢަމަލުކުރެވެމުން ދިޔަ ޤާނޫނު، އެކުށްކުރި ވަގުތުން ފެށިގެން ޝަރުޢީ ހުރިހާ މަރުހަލާއެއް ހިމެނޭގޮތުން ދަށު ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓުގެ މަރުހަލާ ހިނގަމުންއައިސް، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ޙުކުމްކުރުމާ ދެމެދު، އޭނާ ކުރި ކުށުގެ އަދަބަށް ޤާނޫނަކުން ގެންނަ ބަދަލަކުން އެއްވެސް ލުޔެއް ދީފައިވާނަމަ އެ ލުޔެއް އޭނާއަށް ލިބޭގޮތަށް.
- އެނޫން ގޮތަކަށް މި މާއްދާ މާނަކުރުން ޤާނޫނު އަސާސީގެ 69 ވަނަ މާއްދާއިން ހުއްދަ ނުކުރޭ.