ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ރަޝީދު
- ޤަޟިއްޔާ ނަންބަރު:
- 2016/SC-A/15
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 12/08/20
ފަނޑިޔާރުން
ޑރ.އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު، މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)
މައްސަލައިގެ ޚުލާސާ
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ މަޤާމުގައި ހުރި ގދ.ތިނަދޫ، ގާކުރެލި އިބްރާހީމް ރަޝީދު 28 މޭ 2016 ދުވަހު ފުލުހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ. އިބްރާހީމް ރަޝީދު އެވަގުތު ހުރީ މެޖިސްޓްރޭޓެއްގެ މަޤާމުގައި ކަމަށްވާތީ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހާޒިރުކުރެވުނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިބްރާހީމް ރަޝީދު ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުން އެދުމުން ހައިކޯޓުން ނިންމީ، އިބްރާހީމް ރަޝީދުގެ ހައްޔަރު ޞައްޙަކަމަށް ނުފެންނާތީ، އޭނާ ބަންދުން ދޫކުރުމަށެވެ.
މިއީ ހައިކޯޓުގެ ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭނެ ޙާލަތްތަކަކީ ކޮބާ؟
2. ފަނޑިޔާރަކު ހައްޔަރުކުރެވޭ ހިނދު ފަނޑިޔާރުންނަށް ލިބިދެވޭ އިމްތިޔާޒުތަކަކީ ކޮބާ؟
3. ހައްޔަރުކުރުމަށްޓަކައި ހެކި ހުންނަންޖެހޭ މިންވަރަކީ ކޮބާ؟
4. ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ނިންމާ ނިންމުންތަކާ ގުޅޭ މައްސަލަތައް އިސްތިއުނާފީ ކޯޓުތަކުން ނިންމަންޖެހޭނެ މުއްދަތަކީ ކޮބާ؟
ނިންމިގޮތް
ހައިކޯޓުގެ އަމުރު ބާޠިލުކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭނީ:
1. ހައްޔަރުކުރާ މީހާއަށް ކުށެއް ކުރަނިކޮށް ފެންނަ ހިނދު ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް ނުވަތަ އެވަގުތަކު އެ އުޅެނީ ކުށެއްކުރަން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް /ހެކިތަކެއް ހުރެގެން.
2. ކޯޓުގެ އަމުރަކުން ހައްޔަރުކުރުމަށް ހުއްދަ ލިބިގެން.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާ
- ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއި ކުށެއް ކޮށްފިކަމުގެ ތުހުމަތުކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރުމުގައި ފަނޑިޔާރުންނަށް ލިބިދެވޭ އިމްތިޔާޒުތައް ބަޔާންކުރަނީ މި މާއްދާގައިކަން.
- ފަނޑިޔާރަކު ކުށެއް ކުރަނިކޮށް ހިފާ ހައްޔަރުކުރާ ޙާލަތުގައި މި މާއްދާގައި ބަޔާންވެގެންވާ އިމްތިޔާޒު ފަނޑިޔާރަށް ލިބެންނުޖެހޭކަން.
ހެކީގެ ނިސްބަތް
- ހައްޔަރުކުރެވޭ އިރު ހެކި ހުންނަންޖެހޭ މިންވަރަކީ ޝަރީޢަތަށް ކުށް ސާބިތުކުރެވޭ މިންވަރެއް ނޫންކަން. ތުހުމަތުކުރެވޭ ކުށް އެމީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ނުވަތަ ބެލެވޭ މިންވަރަށްކަން. އެއީ މި މަރުޙަލާއަކީ ހެއްކާއި ޤަރީނާ އެއްކޮށް ދަޢުވާކުރުމުގެ މަރުޙަލާ ފެށުމަށް ތައްޔާރުވާ މަރުޙަލާއަށްވާތީކަން.
އެކަށީގެންވާ މުއްދަތުގައި ބަންދުގެ މުއްދަތާ ގުޅޭ މައްސަލަތައް ނިންމުން
- ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ދަށު މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން އިސްތިއުނާފީ ދަޢުވާތައް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް އިސްތިއުނާފީ ކޯޓުތަކަށް ލާޒިކުރެވޭނީ ޤާނޫނަކުންކަން.
- މިބާވަތުގެ މައްސަލަތައް ނިންމުމުގައި މައްސަލަތަކުގެ ޚުޠޫރަތްތެރިކަމަށް ބަލައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ބާރު އަޅަންވާނެކަން.