އާމިނަތުދިޔެ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/44
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- އަމުރު އިސްތިއުނާފުކުރުން
- ނިމުނު ތާރީޚު:
- 31/05/22
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު، އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ، އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި 24 މާރިޗު 2022 ދުވަހުގެ 17:00 ގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސ.ހިތަދޫ، ސުވޭހުހީނާގެ އާމިނަތުދިޔެ ހައްޔަރުކުރުމަށް އަމުރު ނެރުނެވެ. 25 މާރިޗު 2022 ދުވަހު އާމިނަތުދިޔެގެ ބަންދާމެދު ގޮތެއް ނިންމުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ތަޙުޤީޤު މަރުޙަލާ އާއި، ޝަރީޢަތުގެ މަރުޙަލާ ނިމެންދެން އާމިނަތުދިޔެ ބަންދުކުރުމަށް އަމުރުކުރިއެވެ.އާމިނަތުދިޔެ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް އޮތްކަމަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުރަވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުތަކުގެ މައްޗަށް ބުރަވެ ހުރެއެވެ. ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އާމިނަތުދިޔެގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި 6 އެޕްރީލް 2022 ދުވަހު އިސްތިއުނާފުކުރިއެވެ. 20 އެޕްރީލް 2022 ދުވަހު ހައިކޯޓުން ނިންމީ އާމިނަތުދިޔެގެ ބަންދާމެދު ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްނެތް ކަމަށެވެ. މިއީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި އާމިނަތުދިޔެ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަނޑިޔާރަށް އެ އަމުރުގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދިއުން.
2. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ނިންމަން ހުށަހަޅާނެ ފަރާތް؟
4. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ކުއްޖާގެ ބަޔާނާއި ނުލައި ތުހުމަތުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުން.
ނިންމިގޮތް
ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު ބަންދާމެދު ގޮތެއް ނިންމުން
- އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއްގައި، އެންމެ ފަނޑިޔާރަކު ފިޔަވައި ދެން ތިބި ފަނޑިޔާރުން ޤާނޫނުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުނިކުންނަ ޙާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާ އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ބ) ތަޠްބީޤުނުކުރެވޭނެކަން.
- ބަންދާމެދު ގޮތެއް ނިންމަން ތުހުމަތުކުރެވޭ ފަރާތް ހާޟިރުކުރި ކޯޓުގައި އެވަގުތު މެޖިސްޓްރޭޓަކު މަސައްކަތްކުރާނަމަ، އަދި އެ މެޖިސްޓްރޭޓަކު ތަނާޒުލުވާންޖެހޭ ޙާލަތެއް މެދުވެރިވެނުވާނަމަ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙައްލު ހޯދަންޖެހޭ ޙާލަތެއްނެތްކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ބ) މާނަކުރަންވާނީ، އެވަގުތަކު އެ ކޯޓުގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންގެ ޢަދަދުގެ މައްޗަށް ރިޢާޔަތްކޮށްކަން.
ބަންދާމެދު ގޮތް ނިންމުމަށް އެދި ހުށަހަޅާ ފަރާތް
- ކުށުގެ ތުހުމަތުކުރެވޭ މީހާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައި ދިނުން އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ޕީޖީ އޮފީހުގައި އެދުމުން، ބަންދާމެދު ގޮތް ނިންމުމަށް އެދި ކޯޓަށް ހުށަހަޅަންވާނީ ޕީޖީ އޮފީހުންކަން.
ކުއްޖާގެ ބަޔާނެއް ނެގިފައި ނެތުން
- މިބާވަތުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަނިޔާ ލިބިފައިވާ ކުއްޖާގެ ބަޔާނެއް އޮތުން ލާޒިމްނޫންކަން. ބަންދާމެދު ގޮތް ނިންމުމަށްޓަކައި ހެކި ހުރުން ޤާނޫނު ލާޒިމްކުރާ މިންވަރަށް (ތުހުމަތުއުފެދޭ މިންވަރަށް) ހެކިހުރުމުން ފުދޭނެކަން.