ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/93
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 09/12/20
ފަނޑިޔާރުން
ޑރ.މުޙައްމަދު އިބްރާހިމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒް ޢަލީ ޒާހިރު
މައްސަލައިގެ ޚުލާސާ
ގއ.ވިލިގިލި، ލައިޓްހައުސް ޝަހީބް އިބްރާހީމްގެ މައްޗަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޝަހީބް އިބްރާހީމް ހައްޔަރުކުރެވުނެވެ. ޝަހީބް އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރެވުނު މަޖިލީހުގައި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަހީބް އިބްރާހީމް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށް، ޝަހީބް އިބްރާހީމްގެ ތަޙްޤީޤު ބަޔާންނެގުމަށް ޕީޖީ އޮފީހާ މަޝްވަރާކުރުމަށް އެންގިއެވެ. އެއަށްފަހު ޝަހީބް އިބްރާހީބް ޝަރީޢަތް ނިމެންދެން ބަންދުކޮށް ދިނުމުގެ އަމުރަކަށް ފުލުހުން އެދުނީ އޭނާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތުމުންނާއި، ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބަޔާންކޮށެވެ. މި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމީ ޝަހީބް އިބްރާހީމް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށެވެ. މިފަދައިން ނިންމީ ޝަހީބް އިބްރާހީމްއާ ގުޅުވައިދޭ ހެކި ނެތްކަމަށާއި، އޭނާގެ ބަޔާން ނަގާފައިނުވާތީ ކަމަށް ބަޔާންކޮށެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގެ މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، ޝަހީބް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރުކުރިއެވެ.
މިއީ ހައިކޯޓުން ނިންމުން ޝަހީބް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ މާނަކުރާނީ ކިހިނެއް؟
2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޢަމަލުކުރުމުގައި ގެންގުޅޭނެ ޓެސްޓްއަކީ ކޮބާ؟
3. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ މުހިއްމުވަނީ ކީއްވެ؟
4. ބަންދުގައި މީހަކު ބެހެއްޓުމަށްޓަކައި ބޭނުންވާނެ ހެކީގެ މިންވަރަކީ ކޮބާ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ
- ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާ މަޖިލީހަކީ އެހެން މަޖިލިސްތަކުގެ އުސޫލުތަކާ އެއްގޮތަށް، ދެފަރާތުން ހުށަހަޅާ ކަންކަމަށާއި، ހެކި ހުށަހަޅާފައިވާނަމަ، އެ ހެއްކަށް ދެވޭ ބުރަދަން ވަޒަންކޮށް ނިންމުންތައް ނިންމަންޖެހޭ މަޖިލީހެއްކަން.
- ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގެ (05/3455:No App UK The .v Others & A) ޤަޟިއްޔާގައި ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ވަކި ތަތްގަނޑެއް ނޯންނަކަމަށާއި، ގޮތް ކަ ނޑައަޅަންވާނީ ޙާލަތަށާއި، ވަށައިގެންވާ ކަންކަމަށާއި، ވާޤިޔާތަކަށް ބެލުމާއެކު ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހުގައި ކަމަށް ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ 60 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ދެ ސުވާލަކަށް ޖަވާބު ހޯދަންޖެހޭކަމަށް:
1. ފުރަތަމަ ސުވާލަކީ: ފަ ނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކޮށްފައިވާ މީހާ އާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަން.
2. ދެވަނަ ސުވާލަކީ: ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަން.
- ބަޔާންވެދިޔަ ދެ ސުވާލުންކުރެ ފުރަތަމަ ސުވާލުގެ ޖަވާބަކަށް ތުހުމަތުކުރެވޭ ކުށްކުރިކަމަށް ބެލެވޭ އެއްވެސް ހެއްކެއް ލިބިފައިނެތްނަމަ، ޤާނޫނު އަސާސީގެ 49 ވަނަ މާއްދާ ހުއްދަކުރާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަން ބެލުމަކީ އެ ޤާނޫނު ތަޞައްވަރު ކުރާކަމެއް ނޫންކަން.
- ތުހުމަތުކުރެވޭ މިންވަރަށް ނުވަތަ ކޮންމެވެސް މިންވަރަކަށް ހެކި ހުރެއްޖެނަމަ، ދެން ބަލަންޖެހެނީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަން. މި މިންވަރަށް ހެކި ހުރިކަމާއި އެފަދަ ޙާލަތެއް ވުޖޫދުގައި އޮތްކަން ބުނެދިނުމުގެ ޒިންމާވަނީ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުންކަން.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 13 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާޢަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހުށަހެޅިދާނެކަން. އެގޮތުން މިޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވަނީ:
1. ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑު.
2. ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުގައި އަދާކުރާ ދައުރައި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިނެތްގޮތް.
3. ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތް.
4. ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙަލަތާއި، ކުށުގެ ބޮޑު މި ނާ އި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން.
- 13 ވަނަ މާއްދާގެ (ހ) އިން (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އިތުރުން، އިތުރު ކަންކަން ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހެޅިދާނެކަން. މުހިއްމު ކަމަކީ، ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅުމާއެކު ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ފަދަ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރުގެ ތަފްޞީލް ހުށަހެޅުންކަން.
ހެކީގެ ނިސްބަތް
- ހުށަހަޅާ ހުށަހެޅުމަކީ، ހަމައެކަނި ބަންދުގައިވާ ފަރާތަށް ތުހުމަތުކުރެވިފައިވާ ކުށަކީ ވަކި ކުށެއްކަމުގައިވާތީ، އޭގެ ޒާތުން ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެދާނެކަމަށް ބެލުމަށްވުރެ، ބަންދުކުރެވިފައިވާ މީހާގެ ކުށުގެ ޢަމަލާއި، އޭނާއާ ދެކޮޅަށް އެވަގުތު ލިބިފައިވާ ހެކި، ނުވަތަ މުސްތަޤްބަލުގައި އޭނާއާ ދެކޮޅަށް ލިބިދާނެ ހެއްކާއި، އޭނާގެ ކުށުގެ ރެކޯޑު އޮތްމީހެއް ނަ މަ، އެރެކޯޑުތަކާއި، މިފަދަ މިނޫންވެސް ބަންދުކުރެވިފައިވާ މީހާއަށް ނިސްބަތްކުރެވޭ ކަންކަމުގެ މައްޗަށް ބަލާއިރު ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަމަށް ޤަބޫލުކުރެވޭ ކަންކަމަށް ވާންވާނެކަން.
- މިޤަޟިއްޔާގައި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަ ނޑިޔާރު ތަޠުބީޤު ކުރަންޖެހޭ މިންގަނޑަކީ އެފަދަ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށް ބެލުންކަން.
- ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހުރި ހެކިތަކުގެ ތަފްސީލް ހާމަކުރުން ލާޒިމެއްނޫންކަން. ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުގެ ޒިންމާއަކީ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ހުރި ހެއްކަކީ ކޮބައިކަން ޖުމުލަ ގޮތެއްގައި ފަ ނޑިޔާރަށް ބުނެދިނުންކަން.
- ހެއްކާބެހޭ މަޢުލޫމާތު ފަނޑިޔާރަށް ބުނެދިނުމުގައި، ހާމަކުރެވޭ ހެއްކެއްގެ ސަބަބުން އެހެކީގެ ބުރަދަނަށް ނުވަތަ އެހެއްކެއްގެމައްޗަށް ނުރަގަނގަޅު ބާރެއް ފޯރުވުމުގެ އިޙްތިމާލު ލިބިގެން ދިއުމުގެ ފުރުސަތު އޮތީ ކޮން މިންވަރަކަށް ކަމުގެ މައްޗަށް ނުވަތަޝަރީޢަތުގެ މަރުޙަލާގައި އެހެކީގެ ބޭނުން ނެތި ދިއުމުގެ އިޙްތިމާލު އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަންދުގައި ބެހެއްޓުމަށްއެދޭ ފަރާތުން ބަލަންވާނެކަން.