ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/30
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުން
- ނިމުނު ތާރީޚު:
- 16/08/20
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
މައްސަލައިގެ ޚުލާސާ
ސ.މީދޫ، އަލިވާގެ ޢަބްދުﷲ ސަޢީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ފުލުހުންގެ ތަޙްޤީޤުގެ ބޭނުމަށް ޢަބްދުﷲ ސަޢީދުގެ ފޯނު ދިނުމަށް އެދުމުން އެ ފޯނު ދީފައިނުވާތީ ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ. މި ނިންމުން ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ޢަބްދުﷲ ސަޢީދުގެ ފަރާތުން ފާހަގަކުރި ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލްކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ފާހަގަ ކުރި އެއްކަމަކީ، ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 147 ވަނަ މާއްދާގެ (ހ) އާއި 149 ވަނަ މާއްދާއާ ޚިލާފަށް މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހެކިބަސް ނަގާފައިވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ސިއްރު ހެކިބަސް ނެގުމާއިމެދު ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުނެ ޕީޖީ އޮފީހުގެ ފަރާތުން އެ ނުކުތާ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި އޭގެ މާކުރިން ޢަމަލު ކުރަން ފަށާފައިވާ ހެއްކާބެހޭ ޤާނޫނަށް ޙަވާލާދީފައި އޮތް އޮތުން؟
2. ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް އިސްލާޙު ކުރުން؟
ނިންމިގޮތް
ހެކިބަސް ދޭ މީހުންނަށް ޙިމާޔަތާއި ރައްކަތެރިކަން ލިބިދީގެން ހެކިބަސް ނެގުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ އެބައި ބާޠިލްކުރުމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ޢިއްތިފާޤުން ނިންމެވި.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތު ޤާނޫނުގެ 149 ވަނަ މާއްދާގައި ހެއްކާބެހޭ ޤާނޫނު ނަންބަރު 24/76 އަށް ޙަވާލާދީފާ އޮތުން - ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ހެއްކާބެހޭ ޤާނޫނަށް ޙަވާލާދީފައިވާއިރު، އެ ޤާނޫނަށް ޙަވާލާދީފައިވާ އެއްވެސް ކަމެއްގެ ތަފްސީލެއް ބަޔާންވެގެން ނުވާކަން. - ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި އޭގެ ކުރިން ފާސްކޮށްފައިވާ ޤާނޫނަކަށް ޙަވާލާދީފައި އޮތް އޮތުމަކީ، ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނުގައި ލިޔެފައިވާ ކުށެއް ކަމުގައި ބަލަން ޖެހޭކަން. - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ހެއްކާބެހޭ ޤާނޫނަށް ޙަވާލާދީފައިވާ ކަންކަމުގެ ތަފްޞީލް ނެތުމުން ކުރިމަތިވާނެ ޤާނޫނީ ހުސްކަމަށް ދެ ގޮތަކުން ފަރުވާއެއް ހޯދިދާނެކަން. ފުރަތަމަ ގޮތަކީ؛ ކުރިމަތިވާ ޤާނޫނީ ހުސްކަމަށް ޤާނޫނު މާނަކުރުމުގެ ހަމަތަކުގެ ހައްލެއް ހޯދައިދިނުން. މިއީ ވަގުތީ ޙައްލެއް. މިގޮތުން 149 ވަނަ މާއްދާގައި ހެއްކާބެހޭ ޤާނޫނަށް ޙަވާލާދީފައިވާ ކަންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިންނާއި ޤާނޫނު މާނަކުރުމުގެ އެނޫންވެސް އުޞޫލުތަކުން ހަމަޖެއްސޭތޯ ބަލަންޖެހޭކަން. ދެވަނަ ގޮތަކީ؛ ޤާނޫނު އެކުލަވާލުމުގެ ތެރެއިން އެކަމަށް ޙައްލު ގެނައުން. މިކަން ކުރެވޭނީ ޤާނޫނު ހަދާ މަޖިލީހަށްކަން.
ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް އިސްލާޙު ކުރުން - ދިވެހިރާއްޖޭގެ ކޯޓުތަކުން ފެންނަން ނެތްނަމަވެސް ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް ދެނެގަނެ، ޤާނޫނު މާނަކޮށް، އެކަންކަމަށް ޙައްލު ހޯދައިދޭ ގޮތްތަކެއް ދުނިޔޭގެ އެކި ގައުމުތަކުގެ ކޯޓުގައި އޮންނަކަން. - މިފަދަ ޙައްލު ހޯދައިދެނީ ޤާނޫނު ހަދާ ފަރާތުން ޤާނޫނުގައި ބޭނުންކޮށްފައިވާ ޢާއްމު ލަފްޒަކުން ނުވަތަ ސާފުނުވާ އިބާރަތަކުން އަސާސީ ޙައްޤެއް ގެއްލިގެން ނުދިއުމަށްކަން. - ކުށެއް ލިޔުމުގެ ގަސްދެއްނެތި، ޤާނޫނުގައި ލިޔެވޭ ކުށްތައް އިސްލާޙުކޮށް ޤާނޫނު އެކަށައެޅި ފަރާތުގެ ނިޔަތާ އެއްގޮތަށް ޤާނޫނު މާނަކޮށް ޙައްލު ހޯދައިދިނުމުގައި ކޯޓުތަކުން ރިޢާޔަތް ކުރެވިދާނެ ކަންކަމަކީ، ސުވާލު އުފުދެނު ޤާނޫނު ނުވަތަ ޤާނޫނުގެ މާއްދާއިން ހާސިލު ކުރަން ބޭނުންވި މަގްސަދު ބެލުމާއި، ޤާނޫނުގެ މާއްދާއިން، ޤާނޫނު އެކަށައެޅި ފަރާތުން ނުވަތަ ޤާނޫނު ޑްރާފްޓްކުރި ފަރާތުން ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލުވެފައި ނުވަނީ ގަސްތެއްނެތި ލިޔެވިފައިވާ ފާޅުކަން ބޮޑު ކުށަކުން ކަމަށްވުމާއި، ކޯޓުން ފޯރުކޮށްދޭ ޙައްލަކީ، ޤާނޫނު ހަދާ ފަރާތަށް ޤާނޫނު އެކަށައެޅުމުގެ ކުރިން އެ ކުށް ފެނުނުނަމަ، އެކުށް އިސްލާހު ކުރާނީ ކިހިނަކުންކަން ބަލައި، އެ ބީދައިން ޙައްލު ހޯދައިދިނުންކަން. |