މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2018/SC-A/24
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 25/06/20
ފަނޑިޔާރުން
އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޑރ.އަޒްމިރާލްދާ ޒާހިރު
މައްސަލައިގެ ޚުލާސާ
2011 މާރިޗު 31 ވަނަ ދުވަހުގެ 18:04 އެހައިކަށްހައިއިރު، ޢުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގާފައިވާތީ، ށ.މިލަންދޫ، ނިއުލައިފް، މޫސާ ރަޝީދުގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. މި މައްސަލަ ސާބިތުވާކަމަށް ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރުމުން މޫސާ ރަޝީދުވަނީ މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން މައްސަލަ ނިންމެވީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
މިއީ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި މޫސާ ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކިތަކަކީ ކޮބާ؟
2. ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭތޯ ބަލާނީ ކިހިނެއް؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާ
- މި ޤާނޫނުގައި އެހެނިހެން މައްސަލަތަކުގައި ބަލައިގަންނަ ހެކީގެ އިތުރުން، އިތުރު ބާވަތްތަކުގެ ހެކި ހުއްދަކުރުމާއެކު ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކޮށްފައިވާކަން.
- 5 ބާވަތަށްވުރެ މަދުން ހެކި ހުރި ކަމުގައިވީނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށެއް ޝަރީޢަތަށް ސާބިތުވާނަމަ، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް މި ޤާނޫނު ހުރަސްނާޅާކަން.
- 12 ބާވަތުގެ ހެކި މި މާއްދާގައި ލިސްޓުކުރެވިފައިވަނީ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ކަށަވަރުކުރުމުގެ ނުވަތަ ކޮރޮބޮރޭޓްކުރުމުގެ ގޮތުން ބޭނުންކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައިކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ)
- ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ބެލުން: (އެކްސޯސްްޓިވް 3 ކަމެއް ނޫން)
1. ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި (ޝަކުވާކުރި ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭބެ ފަދަ ތަފްސީލްހުރުން) ބޭރުފުށުން (ޝަކުވާކުރި ކުއްޖާގެ ހެކިބަސް ފިޔަވައި ދެން ލިބިފައި ހުރި ހެކިތަކުުން ކުއްޖާ ދޭ ހެކިބަހަށް ބާރު ލިބޭ މިންވަރު) އެއްގޮތްތޯ ބެލުން.
2. ޝަކުވާ އުފުލި ފަރަތުގެ އަޚްލާޤާއި ޢަމަލުތަކާއި، އަނިޔާ ލިބުނު ކުއްޖާގެ އުޅުން ހުންނަ ގޮތް ބެލުން.
3. އަނިޔާ ލިބުނު ކުއްޖާ މުއްތަހަމްއާ ބެހޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލުން.