ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު
- ޤަޟިއްޔާ ނަންބަރު:
- 2023/SC-A/15
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
- ނިމުނު ތާރީޚު:
- 04/05/23
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
މުޙައްމަދު ޝިފާޢުގެ މައްޗަށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެ ދަޢުވާ އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީ މުޙައްމަދު ޝިފާޢު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަޤާމުގައި ހުރެ ކުރި ޢަމަލެއް އެއީ އަސްލަކަށް ބަލައިގެންނެވެ.
މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި، މުޙައްމަދު ޝިފާޢުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި، ފާހަގަ ކުރި އެއްކަމަކީ، މި ދަޢުވާ މުޙައްމަދު ޝިފާޢުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ނުކުރެވޭނެކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނަނީ، ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ ކުށަކާއި އެކުށަކާއި ގުޅުން ހުރި އުސޫލަކާއި، އެހެން ޤާނޫނެއްގައި ނުވަތަ ޤާނޫނެއްގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ ކުށަކާއި ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ޙާލަތުގައި އިސްކަންދޭންޖެހޭނީ ޤާނޫނުލްޢުޤޫބާތަށް ކަމުގައި، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނާތީ، މިއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މުޙައްމަދު ޝިފާޢުގެ މައްޗަށް ހުށަހެޅޭނެ ދަޢުވާއެއް ނޫންކަމަށެވެ.
މުޙައްމަދު ޝިފާޢުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މި ހުށަހެޅުމަށް ބަލައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މުޙައްމަދު ޝިފާޢުގެ މައްޗަށް މައުޟޫޢީ ގޮތުން މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށެވެ. ކްރިމިނަލް ކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. މިއީ، ހައިކޯޓުގެ ނިންމުން ޤާނޫނާއި ޚިލާފުކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބެލި މައްސަލައެވެ.
އިޝޫ
1. ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި އޮތް "ދައުލަތުގެ މުވައްޒަފު"ގެ މާނައިގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭކަން ނުވަތަ ނޫންކަން؟
2. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު، ޤާނޫނުލްޢުޤޫބާތުގެ މައްޗަށް އިސްވެގެންވާކަން ނުވަތަ ނޫންކަން؟
3. ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ޤާއިމުކުރާނީ ކިހިނެއް؟
ނިންމިގޮތް
ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައި "ދައުލަތުގެ މުވައްޒަފު" ގެ މާނައިގެ ެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭކަމަށް ހައިކޯޓުން ނިންމި ނިންމުން ބާޠިލުކޮށް، އެ ނޫން ބައިތަަކުގައި ހައިކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ދައުލަތުގެ މުވައްޒަފު
- ޤާނޫނުލްޢުޤޫބާތުގައިވާ ދައުލަތުގެ މުވައްޒަފުގެ މާނަކުރުމަށް ބަލާއިރު، އެ މާނަކުރުމަކީ ކަނޑައެޅިގެން ވަކި ބަޔަކީ ދައުލަތުގެ މުވައްޒަފުން ނޫންކަމުގައި ބެލުމަށް ހަނިވެފައިވާ މާނަކުރުމެއް ނޫންކަން. އެކަން އެ މާނަކުރުމުގެ ތެރޭގައި ހިމެނޭ މުވައްޒަފުންގެ ގިންތިތައް ޖުމުލަކޮށް ބަޔާންކޮށްފައި އޮތުމުންނާއު، އެ އަކުރުގައި ހިމެނޭ ދެ ޖުމުލަ ނިމޭ ތަނުގައި އޮތް "ހިމެނޭ ގޮތަށެވެ." އާއި "މީހުން ވެސް ހިމެނެއެވެ." މި ދެ ޢިބާރާތުން އެނގޭކަން.
- ދައުލަތުގެ މުވައްޒަފުންގެ މާނަކުރުމުގެ ތެރެއަށް ޤާނޫނުއަސާސީގައި އެކަށައަޅާފައިވާ ދައުލަތުގެ ތިން ބާރާއި،މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި، ޤާނޫނުން އުފައްދާ އެކި މުއައްސަސާތަކާއި، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭނެކަން.
ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނުގެ މައްޗަށް ޤާނޫނުލްޢުޤޫބާތު އިސްވުން
- ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގައި، ޤާނޫނުލްޢުޤޫބާތަށް އިސްކަން ދިނުމުގެ އުސޫލު ބަޔާންކުރުމުގައި އިރުޝާދު ދީފައިވަނީ ދެ ކަމަކަށް ސަމާލުވުމަށްކަން، އެއްކަމަކީ، ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ ކުށެއް އެހެން ޤާނޫނެއްގައި އޮތްތޯ ބެލުމާއި، ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ ކުށަކާއި ގުޅުން ހުރި އުސޫލެއް އެހެން ޤާނޫނެއްގައި އޮތްތޯ ބެލުމަށްކަން. އަދި މި ގޮތަށް ބަލާބެލުމުގައި ކުށެއް ނުވަތަ ކުށަކާ ގުޅުން ހުރި އުސޫލަކާއި އެއްވެސް ފުށުއެރުމެއްވާ ނަމަ، އެ ހިސާބުން ޤާނޫނުލްޢުޤޫބާތަށް އިސްކަންދޭންޖެހޭނެކަން.
- ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގައި ބުނާ ކަންކަމުގެ އަލީގައި މި މައްސަލައިގައި ވާހަކަ ދެކެވުނު މައުޟޫޢުގެ މައްޗަށް ބަލާއިރު، ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނަކީ، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގައި ހިމެނިފައިވާ އިސްކަންދޭންޖެހޭ ޤާނޫނެއް ނޫންކަން.
- ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން.
- ޖިނާއީ މައްސަލައެއްގައި އުފުލާފައިވާ ދަޢުވާއެއް އަނބުރާ ގެނައުމާއި، ޖިނާއީ މައްސަލައެއްގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރެއްކަން.
- ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިފައިވާ މި އިޚްތިޔާރުގެ ބޭނުން ހިފާފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައި ބުނާނަމަ، އެފަދައިން ބުނާ ފަރާތަކުން އެކަން ސާބިތުކޮށްދޭންޖެހޭނެކަން.