ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙުމަދު މުޚުތާރު

ޤަޟިއްޔާ ނަންބަރު:
2019/SC-A/77
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން
ނިމުނު ތާރީޚު:
09/03/20

ފަނޑިޔާރުން

ޙުސްނުއް ސުޢޫދު (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

އަޙްމަދު މުޚްތާރު، އޭނާގެ ދޮންދަރިއަކާމެދު ޖިންސީ ޢަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައަކާއި ގުޅިގެން އޭނާގެ މައްޗަށް، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. މި ދަޢުވާ ބިނާކުރެވުނީ ޝަކުވާކުރި 11 އަހަރުގެ ކުޑަކުއްޖާގެ ހެކިބަހުގެ މައްޗަށެވެ. ޝަކުވާކުރި ކުޑަކުއްޖާގެ ހެކިބަހާއި ކޮރޮބޮރޭޓް ކުރުމަށް އެކުއްޖާގެ މަންމަގެ ހެކިބަހާއި، އެކުއްޖާ ދިރިއުޅޭ ގެއާ ޖެހިގެން ހުންނަގޭގައި އުޅުނު މީހެއްގެ ހެކިބަހާއި، އަޙްމަދު މުޚްތާރުގެ ކޮއްކޮގެ ހެކިބަހާއި، އެކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާއި، ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، މައްސަލަ ތަޙްޤީޤުކުރި ފަރާތުގެ ބަޔާން ދައުލަތުން ހުށަހެޅިއެވެ. ގަމު މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ސާބިތުވާކަމަށް ނިންމި ނިންމުން އަޙްމަދު މުޚްތާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލްކުރުމަށެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމާފައިވާ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ މައްސަލައެވެ.

އިޝޫ

1.ދަޢުވާކުރާ ފަރާތުގެ ހައިސިއްޔަތާމެދު އިޢުތިރާޒުކުރެވޭނީ ކޮން މަރުޙަލާއެއްގައި؟

2.ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށް ސާބިތުކުރުމުގައި ބަލާނެ ހެކި (ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާ މާނަކުރުން)

ނިންމިގޮތް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން އަޙްމަދު މުޚްތާރު 15 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް ޞައްޙަކަމަށް ކަނޑައަޅައި އެ ޙުކުމް ތަންފީޒުކުރުމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ދަޢުވާކުރާ ފަރާތުގެ ޙައިސިއްޔަތާމެދު ނުވަތަ އެ ފަރާތުގެ އިޚުތިޞާޞްގެ މައްޗަށް އިޢުތިރާޒު ކުރުން

ދަޢުވާ ކޯޓަށް ހުށަހަޅާ ފަރާތުގެ ހައިސިއްޔަތާމެދު ނުވަތަ އެ ފަރާތުގެ އިޙްތިޞާޞްގެ މައްޗަށް އިޢުތިރާޒުކުރާނަމަ އެފަދަ އިޢުތިރާޒެއް ހުށަހަޅަންވާނީ އެ މައްސަލައެއް ފުރަތަމަ މަރުޙަލާގައި ބަލާ ކޯޓަށްކަން.

12/2009 ގެ 47 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުގައި ބަލަން ޖެހޭކަންކަން

- ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ވަޒަންކުރާނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެންކަން.

- ހަމައެކަނި ކުއްޖާގެ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށް ކުޑަކުދިންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވޭނީ، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ޤަބޫލުކުރެވޭ ހެކިތަކަކަށްވާނަމަކަން. 

- މި މާއްދާގައިވާ 12 ބާވަތުގެ ހެއްކަކީ ކުއްޖާގެ ހެކިބަސް ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވޭނެ ވަސީލަތްތައްކަން.

- ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، މި މާއްދާގައިވާ ވަސީލަތްތަކުގެ އެހީގައި އެކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރުމަށް މި ޤާނޫނު ހުއްދަކުރާކަން.

ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލުން

- ހެކިބަސް އެތެރެފުށުން އެއްގޮތްކަމަށް ބަލާނީ ޝަކުވާކުރި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްސީލުތައް ހުރުމުންކަން.

- ހެކިބަސް ބޭރުފުށުން އެއްގޮތްކަމަށް ބަލާނީ މައްސަލައިގައި އިތުރަށް ހެކިތައް ކުއްޖާގެ ކިޔައިދިނުމުގައި ހުރި ވާހަކަތަކާއި ގުޅުވާލެވޭ މިންވަރާއި ފުރުއަރާ މިންވަރެއްގެ މައްޗަށްކަން.  

ނުބައި ނިޔަތެއް އޮތްތޯ ބެލުން

- ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބަލަންޖެހޭނެކަން.

- ދަޢުވާ ލިބޭ މީހާއަށް ކުއްޖާގެ ނުނިޔަތެއް އޮތްކަން އެކަށީގެންވާ މިންވަރަކަށް ބުނެދެވިފައިވާނަމަ، ނުނިޔަތެއް ނެތްކަން ހެކި ހުށަހަޅައިގެން ސާބިތުކުރުމުގެ ބުރަ އޮންނާނީ ދަޢުވާކުރާ ފަރާތުގެ މައްޗަށްކަން.

 އިތުރު ނޯޓު

- މި ބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަންކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ ޝާހު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާއިން ބާޠިލްކުރައްވާފައިވޭ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ