ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޝީދު
- ޤަޟިއްޔާ ނަންބަރު:
- 2016/SC-A/01
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 27/06/16
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ
މައްސަލައިގެ ޚުލާސާ
ގ.ކެނެރީގެ މުޙައްމަދު ނަޝީދު ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް 17 ޖަނަވަރީ 2012 ދުވަހުގެ 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ.ގިރިފުއްޓަށް ގަދަކަމުން ގެންގޮސް ފޮރުވާފައި ބަހައްޓާފައިވާ ކަމަށް ކަނޑައަޅައި މުޙައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ.
މި ޙުކުމް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫންކަމަށް ކަނޑައަޅައި އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވެއެވެ.
މިއީ، ކްރިމިނަލް ކޯޓުގެ ނިންމުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
(ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/50 ޤަޟިއްޔާއިން މި ނިންމުން މުރާޖަޢާކޮށް މިއީ ބާޠިލް ނިންމުމެއްކަމަށް ވަނީ ކަނޑައަޅާފައި)
އިޝޫ
- އިސްތިއުނާފު ކުރުމުގެ ޙައްޤު އުފަންވާ ޙާލަތްތަކަކީ ކޮބައިކަން؟
- އެކަށީގެންވާ ވަސީލަތްތައް ދިނުމާއި ޤާނޫނީ ވަކީލެއްގެ ޙައްޤު ދިނުން މާނަ ކުރާނެ ގޮތަކީ ކޮބައިކަން؟
- މައްސަލަ ބެލުމުން ފަނޑިޔާރުން މަނާވާންޖެހޭ ޙާލަތުތަކަކީ ކޮބައިކަން؟
- ހެކިންނާއި ސުވާލު ކުރުމާއި އެމީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށް ދިނުމަށް އެދުމުގެ މަފްހޫމަކީ ކޮބައިކަން؟
ނިންމިގޮތް
ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި، ދަޢުވާ ލިބޭ ފާރަތަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ޖިނާއީ އިޖްރާއަތުގެ އުޞޫލުތަކާއި، އިޖްރާއީ ޝަރުތުތަކާއި ޤަވާއިދުތަކާއި، ދިމިޤްރާތީ މުޖުތަމަޢުތަކުގެ ޖިނާއީ އިޖްރާއަތުގެ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އިންސާފުން ޝަރީޢަތްކުރުމާގުޅޭ އެންމެހައި އަސާސީ ޙައްޤުތައް ލިބިދީފައިވާކަން ކަށަވަރުވެފައިވާކަމަށް ކަނޑަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި.
ކަނޑައެޅުނު އުސޫލު
ދަށު ކޯޓުން ނިންމާ ނިންމުމެއް އިސްތިއުނާފުކުރުން
ދަށު ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަކީ މައްސަލާގައި ހިމެނޭ ޚަސްމުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން.
ތަފާތު ދުސްތޫރީ ނިޒާމުތަކުގެ ދުސްތޫރުތަކުންނާއި، ޖިނާއީ އިޖްރާއަތުގެ ޤާނޫނުތަކުންނާއި ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަންތަކުގައި ކަށަވަރުކޮށްދީފައިވާ މި ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާކަން.
މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެ ޙާލަތްތައް ކޯޓުތަކާއި ބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން. އެ ޙާލަތްތަކަށް ނުފެތޭނަމަ، އިސްތިޢުނާފީ މައްސަލައެއްގެ ގޮތުގައި ބަލައި ފައިސަލާކޮށްގެން ނުވާނެކަން.
އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން ކަމަށްވާނަމަ، އެ ސަބަބުތައް ބަޔާންކޮށް އިސްތިއުނާފީ ކޯޓަކަށް ހުށަހަޅައިފިނަމަ އެ މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓަށް ލިބިގެންވާކަން.
އެކަށީގެންވާ ވަސީލަތްތައް ދިނުމާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުން
އެއް ޚަސްމަކު ހުށަހަޅާ ހެކިތަކާއި ދަލީލުތަކާއި މުސްތަނަދުތަކުގެ މަޢުލޫމާތު އަނެއް ޚަސްމަށް ލިބިދިނުމާއި، އެތަކެތި ޚަސްމުންގެ މެދުގައި ބަދަލުކޮށް މުނާޤަޞާކުރުމުގެ ފުރުޞަތު ދިނުމަކީ ހަމަހަމަ އުޞޫލަކުން ލިބިދެވޭ އިޖްރާއީ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭކަންކަން.
ދަޢުވާގެ އެންމެހައި މަރުހަލާތަކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމަކީ ޖިނާއީ ޚުޞޫމަތްތަކުގައި ތުހުމަތުކުރެވޭ މީހާއަށް ލިބިގެންވާ ދިފާޢީ ޙާއްޤުތަކުގެ ތެރެއިން އެންމެ އަސާސީ އެއް ޙައްޤުކަން.
ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އެ ޙައްޤު ދޫކޮށްލައި ވަކީލަކާ ނުލައި ކޯޓުގައި ދިފާޢުވުމުގެ އިޚްތިޔާރު ތުހުމަތުކުރެވޭ ފަރާތަށް ލިބިގެންވާކަން.
ޤާނޫނީ ވަކީލެއް އައްޔަންކުރުމަށް ފުރުޞަތު ދިނުމުން ވަކީލަކު އައްޔަންކުރުމުގެ މާލީ ތަނަވަސްކަން ލިބިގެންނުވާނަމަ ދައުލަތުން ޤާނޫނީ ވަކީލެއް އައްޔަންކޮށްދިނުމަށް އެދުމަކާ ނުލައި، ވަކީލަކު އައްޔަންކުރުން މަނާވެގެންފިނަމަ، އެނާއަށް ލިބިގެންވާ ޙައްޤު ދޫކޮށްލީކަމަށް ބަލައި ވަކީލަކާ ނުލައި ޝަރީޢަތް ހިންގުމުގެ ބާރު ކޯޓަށް ލިބިގެންވާކަން.
މައްސަލައެއް ބަލައި ފަނޑިޔާރަކަށްވުން މަނާކުރެވޭ ޙާލަތްތައް
މައްސަލައެއް ތަޙްޤީޤުކޮށްފައިވާ ފަރާތަކަށްވުން.
ޚަސްމެއްގެ ފަރާތުން ވަކާލާތުކޮށްފައިވާ ޤާނޫނީ ވަކީލަކަށްވުމުން.
ހެކިބަސްދީފައިވާ ފަރާތަކަށްވުން.
އެކްސްޕާރޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.
މައްސަލައިގެ ވާޤިއާ ހިނގި މަސްރަޙުގައި ތިބި ބަޔަކަށް ވުމަކީ، އޭގެ ޒާތުގައި ފަނޑިޔާރުންނަށް އެ މައްސަލަ ނުބެލެންޖެހޭ ސަބަބެއް ނޫންކަން އަދި އެއީ ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ޠަޢުނުކުރެވޭ ފަދަ މަޤްބޫލު ސަބަބެއް ނޫންކަން. އެއީ ފަނޑިޔާރުން އެ މައްސަލަ ބެލުމުން މަނާވެގަންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނޫންކަން.
ހެކިންނާ ސުވާލުކުރުމާއި އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުން.
ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް ބަައިގެންފައިވާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ ޤަރީނާ (Presumption of law) ފިޔަވައި ވަކި ހެކިތަކެއް ނުވަތަ ޤަރީނާތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމެއް ނޫންކަން.
ޖިނާއީ މައްސަލައެއް ނިންމުމުގައި ފަނޑިޔާރުގެ އިޤުތިނާޢު ބިނާކުރަންވާނީ ހުށަހެޅޭ ދަލީލުތައް ތަޤްޔީމްކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި އެއިން ނިކުންނަ އިޖްމާލީ ނަތީޖާގެ މައްޗަށްކަން.
ޖިނާއީ މައްސަލައެއްގައި ސާބިތުކުރަންޖެހޭ ވާޤިއާއަކީ އިތުރަށް ސާބިތުކުރަންޖެހޭ މިންވަރަށްވުރެ ބޮޑަށް ފަނޑޔާރުންނަށް ސާފުވެފައިވާ ވާޤިޢާއެއް ނަމަ، ސަބަބު ބަޔާންކޮށް އެ ވާޤިޢާ ސާބިތުކުރުމަށް ހުށަހެޅޭ ހެކިންގެ ހެކިބަސް ނުނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން.
ދައުލަތުން ހުށަހެޅި ހެކިތަކުން މައްސަލާގައި ކަން ހިނގާފައިވާގޮތް ސާބިތުވާ ޙާލަތުގައި އެ ސަބަބަށްޓަކައި ދިފާޢުން ހުށަހަޅާ ހެކިން ޝަރީޢަތަށް ހާޒިރުނުކުރުމަށް ފަނޑިޔާރު ނިންމާ ނިންމުމަކީ ޤާނޫނު އަސާސީގެ 51 (ކ) ގައި ބުނާ އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމުގެ ޙައްޤާ ލިބިނުދީކަމަށް ބެލެވޭނެ ކަމެއް ނޫންކަން.