ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު މުމްތާޒް
- ޤަޟިއްޔާ ނަންބަރު:
- 2019/HC-A/548
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 15/11/21
ކަނޑައެޅުނު އުސޫލު
18. މައްސަލައެއް ސާބިތުކުރުމަށް ނުވަތަ ދިފާޢުވުމަށް ކޯޓަށް ހުށަހެޅި ކަމަށް ބުނާ ހެއްކަކީ (މާއްދީ ހެކި) ކޯޓަށް ލިބިފައިނުވާ ހެއްކެއްނަމަ، އެހެކި ހުށަހެޅުމަށް އެންގުމުގެ ބާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ލިބިގެންވެއެވެ. މި ބާވަތުގެ މައްސަލަ ތަކުގަ އި އަނިޔާލިބުނު ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ (އިންޓަރވިއު ރިކޯޑިންގ) އެންމެ މުހިއްމު އެއް ހެކި ކަމުގައިވާއިރު، އަދި އެހެކި ހުށަހެޅިކަމަށް ލިޔުންތަކުގައި ބަޔާންކޮށްފައިވާއިރު، އެހެކީގެ ރިކޯޑިން (ސީޑީ) ނުވަތަ ޓްރާންސްކްރިޕްޓް (އިންޓަރވިއު) ކޯޓަށް ލިބިފައިނުވާކަން ސާފުކޮށް ފެންނަން އޮތްއިރު، އެހެކި ކޯޓަށް ލިބިފައިނުވާކަން ހާމަކޮށް ކުއްޖާގެ އިންޓަރވިއު ރިކޯޑްކޮށްފައިވާ ސީޑީ ނުވަތަ އިންޓަރވިއުގެ ޓްރާންސްކްރިޕްޓް (ބަޔާން) ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނާންގައި، ކުއްޖާގެ އެއިންޓަރވިއު ރިކޯޑިންގ (ކުޑަކުއްޖާގެ ބަޔާން) އަށް ނުބަލަން ކްރިމިނަލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ އެކަށީގެންވާ ރަނގަޅު ސަބަބެއްގެ މައްޗަށް ކަމަކަށް ނު ފެނެއެވެ. މިބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް ޢާންމު ގޮތެއްގައި ހުށަހެޅޭ ހެކި ބިނާވެފައި ހުންނަނީ ކުޑަކުއްޖާ ކިޔައިދޭކިޔައިދިނުމުގެ މައްޗަށް ކަމުގައިވާތީއާއި ކުއްޖާގެ ބަޔާނަކީ އެންމެ މުޙިއްމު އެއް ހެކި ކަމުގައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ބަހަށް ނުބަލައި ގޮތެއް ކަނޑައެޅުމަކީ އިންޞާފުވެރި ގޮތެއް ކަމަކަށް ނުފެނެއެވެ.
24. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކުއްޖާ ކިޔައިދިންކަމަށް ބުނެ ދޭހެކި ބަހަކީ ކުއްޖާގެ ބަހުގެ މައްޗަށް ބިނާވެފައިވާ ހެކިބަހެއްކަމާއި، ކުޑަކުއްޖާއަށް ޖިންސީގޯނާ ކުރިކަމަށް ބުނެވިދިޔަ އަކުރުގައި ބަޔާންކޮށްފައިވާ މީހެއް/މީހުން ގެ ގާތުގައި ބުނަންޖެހޭ ވަގުތަކީ/މުއްދަތަކީ، އެކަމެއް ހިނގުމުން ދާދި އަވަހަށް، ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސްކަން އެނގޭކަމާއި، މިއީ، ވަކި ގަޑިއަކަށް ނުވަތަ ދުވަހެއް ކަނޑައަޅައި ވަޒަން ކުރެވޭނެ ކަމެއްނޫ ން ކަމާއި، ޙާދިސާ ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް އެވާހަކަ ކިޔައިދީފައިވާކަމަށް ބެލެވޭނީ، އެމާއްދާގައި ބަޔާންކޮށްފައިވާ ފަރާތަކަށް ެވާހަކަ ކިޔައިދިނުމަށް އެކުއްޖާއަށް އެކަށީގެންވާ ގޮތެއްގައި އެންމެ ފުރަތަމަ ލިބޭ ފުރުސަތެއްގައި އެވާހަކަ ކިޔައިދީފައިވާނަމަ، ނުވަތަ އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެވާހަކަ ކިޔައިދީފައި ވާ ކަމަށް ޤަބޫލުކުރެވޭ ވަގުތެއްގައި ކިޔައިދީފައިވާނަމައެވެ.
ޤާނޫނީ ގޮތުން ކުޑަކުދިންނަކީ ޢުމުރުން ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. އުމުރުން 7 ނުވަތަ 10 އަހަތުގެ ކުއްޖަކު ކުއްޖާއާމެދު ކަންވީގޮތް ކިޔާދޭފަދަ ތަފްސީލްތަކާއެކު 4 ނުވަތަ 5 އަހަރުގެ ކުއްޖަކަށް އެކުއްޖާއާމެދު ކަންވީގޮތް ކިޔައިދޭން ނޭނގިދާނެކަމާއި، ޢުމުރު ހަގުކުއްޖަކަށް އެކުއްޖާއާމެދު ހިނގާފައިނުވާ ކަމެއް ނުވަތަ އެކުއްޖާއަށް ފެނިފައިނުވާ ކަމެއް/ހާދިސާއެއްގެ ވާހަކަ، ހަދައިގެން (ޙަޤީޤަތާ ޚިލާފަށް) ކިޔައިދޭން ނޭނގޭނެ ކަމަށް ބެލެވޭކަމާއި އެއާޚިލާފަށް ޢުމުރުގެ ގޮތުން 12 ނުވަތަ އެއަށްވުރެ ބޮޑެތި ކުދިންނަކީ އެކުދިންނަށް ފެނިފައިނުވާ ނުވަތަ މެދުވެރިވެފައިނުވާ ކަމެއް/ޙާދިސާއެއްގެ ވާހަކައެއް ހަދައިގެން ކިޔައިދިނުމުގެ ނުވަތަ އެހެންމީހަކު ބުނާ ގޮތަކަށް ތަފްސީލުތަކާއެކު ކިޔައިދިނުމުގެ ޤާބިލު ހުންނާނެ ކުދިންކަމުގައިވާތީ، އެޢުމުރުގެ ކުއްޖަކު ކިޔައިދޭ ވާހަކައަށްވުރެ ބޮޑަށް ހަގު ޢުމުރުގެ ކުއްޖަކު ކިޔައިދޭކިޔައިދިނުން ތެދުކަމަށް ބެލެވޭ މިންވަރު ބޮޑުކަން ފާހަގަކުރެވެއެވެ. މިބާވަތުގެ މައްސަލަތަކުގައި ޢާންމު އުޞޫލެއްގެ ގޮތުން ކުޑަކުއްޖާ ޝަރީޢަތަށް ޙާޟިރުކޮށް ސުވާލު ނުކުރެވޭކަމާއި، ކުއްޖާގެ ބަސް ފެންނަން އޮންނަނީ އެކުއްޖާއާ ތަޙްޤީޤުގައި ސުވާލުކުރެވޭއިރު، ކުރެވޭ ވީޑިއޯ ރިކޯޑިންގ އިން ކަމާއި، ކުއްޖާއާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދޭން އެނގޭ މިންވަރާއި އަދި ޙަޤީޤަތާއެއް ގޮތަށް ތެދު ބަހުން ވާހަކަ ދައްކަން އެނގޭ މިންވަރު އެވީޑިއޯ ރިކޯޑިންގގެ މައްޗަށް ބަލައި ފަނޑިޔާރަށް ނިންމިދާނެއެވެ.
ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިނުމުގެ އިޖްރާއަތު ހަމަޖެހިފައިވާ ގޮތުން ކޮންމެ މައްސަލައެއްގައިވެސް ހެކިބަސް ދިނުމުގެ ކުރިން އޭނާގެ ހެކިބަހުގައި ތެދު ބުނުމަށާއި އަދި ދޮގު ނުބުނުމުގެ މައްޗަށް ހުވާ ކުރަންޖެހެއެވެ. ހެކިބަސް ނެގުމުގެ އިޖްރާއަތު މިގޮތަށް ހަމަޖެހިފައިވުމަކީ ހުވާ ނުކޮށް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް (ބަޔާނެއް) ދިނުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ. ނަމަވެސް، ހުވައި ކޮށްގެން ހުރެ ދޭ ހެކިބަހާއި ހުވައިނުކޮށް ދޭ ހެކިބަހަށް ބުރަދަން ދިނުމު ގައި ތަފާތުތަކެއް ވެއެވެ. އެގޮތުން ،ހުވައިކޮށްގެން ހުރެ ދޭ ބަޔާނަކީ ހެކިބަހުގެ (ޝަހާދާ) ދަރަޖައިގައި ޝަރީޢަތަށް ޤަބޫލު ކުރެވޭއިރު، ހުވައިނުކޮށް ހުރެ ދޭ ބަޔާން ޝަރީޢަތަށް ޤަބޫލުކުރެވޭނީ ޤަރީނާއެއްގެ (ބައްޔިނާ) ދަރަޖައިގައެވެ. މިބާވަތުގެ މައްސަލަތަކުގައި ޢާންމު ގޮތެއްގައި ކުޑަކުއްޖާގެ ބަޔާން ޝަރީޢަތަށް ހުށަހަޅަނީ ތަޙްޤީޤުގައި ކުއްޖާއާ ކުރެވޭ އިންޓަރވިއު ވީޑިއޯ ރިކޯޑިންގ (ބަޔާން) ގޮތުގައި ކަމަށްވާތީއާއި އެކުއްޖާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް ނުވަތަ ހުވައިކޮށްގެން ބަޔާން ނުނަގައި، ތަޙްޤީޤުގައި އެކުއްޖާ ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށްގެން ކަމުގައިވާ ތީ އެފަދަ ބަޔާނަށް ޝަރީޢަތުން ބުރަދަން ދެވޭނީ ޤަރީނާ ގެ ދަރަޖައެވެ. އެފަދަ ޤަރީނާއެއްގެ މައްޗަށް އެކަނި މީހެއްގެ މައްޗަށް ޖިނާއީ ކުށް ސާބިތުވާކަމަށް ކަނޑަނޭޅޭނެއެވެ. އެކަމަކު އެހެކި އިތުރަށް ކަށަވަރުކޮށްދޭ (ކޮރޮބަރޭޓްކުރެވޭ) އިތުރު ހެކި/ހެކިތަކެއް ހުރެއްޖެނަމަ، ޖިނާއީ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ.
25. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ކުޑަކުއްޖާ (އެކި މަޤާމުތަކުގައި) ބޮޑެތި ފުށު އެރުންތަކެއް ނެތި ކިޔައިދޭ ކިޔައިދިނުމަކީ އެކުއްޖާއާމެދު އެފަދަ ޢަމަލެއް ހިންގި ކަމަށް އެކުއްޖާ ކިޔައިދޭ ކިޔައިދިނުން ތެދު ކަމަށް ބެލެވިދާ ނެ ކަމެއް ކަމުގައި ވީނަމަވެސް، އެމީހުންގެ ގާތުގައި އެކުއްޖާ ކިޔައިދިން ވާހަކަ އެމީހުން ބުނުމަކީ އެކުއްޖާއާ މެދު ޖިންސީ ޢަމަލު ހިންގި ކަމަށް ބުނާ ޙާދިސާ ސާބިތުކުރެވޭ ހެއްކެއް ނޫނެ ވެ. އެކަމަކު އެއީ އެކުއްޖާގެ ބަސް ތެދުކަމަށް ބާރު ލިބޭނެ ގަރީނާއެކެވެ. ކުއްޖާ ކިޔައިދޭދިނުމަށް ކޮރޮބޮރޭޓް ކުރެވޭ ހެއްކަކީ އެކުއްޖާގެ ފަރާތުން ނޫން އެހެން ޒަރީޢާ (source) އަކުން ލިބިފައިވާ ހެއްކަށް ވާންޖެހޭނެއެވެ. މައްސަލައެއްގައި ހުށަހެޅިފައިވާ ހެއްކަށް ކޮރޮބޮރޭޓް ކުރެވޭ ހެއްކަކީ މުސްތަޤިއްލު ހެކި ކަމުގައިވުން ޝަރުޠަ ކަށްވާކަމާއި، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގިކަމަށް އެކުއްޖާ ކިޔައިދިން 18 ކަމަށް އެހެންމީހަކު ބުނާބުނުމަކީ މުސްތަޤިއްލު ހެއްކެއް ނޫން ކަމާއި އެއީ ހިޔަރސޭ އެވިޑެންސް (މީހަކު ދެއްކިވާހަކަ އަޑުއެހިމީހާގެ ބަސް) އެވެ. މިބާވަތުގެ މައްސަލަތަކުގައި، ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާ ފައިވާ ކަމަށް އިސްވެ ބަޔާންވެ ދިޔަ އަކުރުގައި ބަޔާންކޮށްފައިވާ މީހުންގެ ގާތުގައި ބުނިކަމަށް އެމީހުން ޝަރީޢަތުގެ މަޖިލީހުގައި ބުނި ނަމަވެސް، އެޢަމަލު ހިންގި ކަމަށް ބާރު ލިބޭ އިތުރު ހެކި ނުވަތަ މުޞްތަޤިއްލު ހެކި ނެތްނަމަ، ހަމައެކަނި ކުއްޖާ ކިޔައިދޭކިޔައިދިނުމުގެ މައްޗަށް ބިނާކޮށް އެކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަން ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައެޅިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.