ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 މީހުން
- ޤަޟިއްޔާ ނަންބަރު:
- 2011/SC-A/23
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޣައިރު ޤާނޫނީ އެއްވުމަކުން އަމަން ނަގާލުން
- ނިމުނު ތާރީޚު:
- 11/06/12
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު، އަޙްމަދު މުޢުތަޞިމް ޢަދުނާން، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާސާ
ގއ.ވިލިނގިލި "ސާޅިހާ" ދޯނީގައި އަލިފާންޖަހައި ރޯކޮށްލުމުގައި، ޙަސަން ޢަބްދުﷲ، އަންވަރު ސާދާތު، ސަޢީދު ޙަސަން، ޝަހްނީޒު މުޙައްމަދު، ޝަހުރުޔާޛު ރަހާ، މުޙައްމަދު ފިރުދައުސް އަދި ފަތްޙުﷲ ޖަމީލު ބައިވެރިވެފައިވާތީ، މި 07 މީހުންގެ މައްޗަށް ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި މިމީހުން ބައިވެރިވި ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމުގައި މި 7 މީހުން ޒިންމާވާންޖެހޭ މިންވަރު އެމީހުންގެ އަތުން ހޯދުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީ ކޯޓަށް ހުށަހަޅާފައިވެއެވެ. ޖިނާއީ ކޯޓުން ނިންމާފައިވަނީ ދައުލަތުން ކުރި ދަޢުވާ 7 މީހުންގެ މައްޗަށް ސާބިތުނުވާކަމަށެވެ. މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.
އިޝޫ
1. ޖިނާއީ މައްސަލައެއް ސާބިތުވާކަމަށް ކަނޑައަޅާނެ މިންގަނޑަކީ ކޮބައިތޯ؟
2. ޤަޟާއީ ނޫން އިޢުތިރާފެއްގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެތޯ؟
3. 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމަކަށް އެ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ކަންކަން ރަޖުޢީކޮށް ތަޠްބީޤުކުރެވިދާނެތޯ؟
ނިންމިގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތަޢީދުކޮށް އެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބަލާނެ ހަމައެއް ނެތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި. |
ކަނޑައެޅުނު އުސޫލު
ޖިނާއީ މައްސަލަތައް ސާބިތުކުރަންޖެހޭ މިންގަނޑު - ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ އީޖާބީ ދައުރެއް. - ޖިނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރަށް ލާޒިމެއް ނޫން. - ހުށަހެޅޭ ހެކިތަކާއި ދަލީލުތައް ތަޤްޔީމްކޮށް (evaluate) ވަޒަންކުރުމަށްފަހު، ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލިތަކާއި އެ ތަކެތިން ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން ނޫންގޮތަކަށް ޖިނާއީ މައްސަލައެއް ސާބިތުވާކަމަށް ޙުކުމްކޮށްގެން ނުވާނެ. ޖިނާއީ ޤާނޫނުތަކުގައި އިޢުތިރާފް (Confession) - އިޢުތިރާފަކީ ތުހުމަތުކުރެވޭ މީހާ އޭނާއަށް ތުހުމަތުކުރެވޭ ކުށުގައި ޝާމިލު ޢަމަލެއް ކުރިކަމަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވާ އިޤުރާރެއް. - މިއީ ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ މުހިއްމު އެއް ވަޞީލަތް. - އިޢުތިރާފް މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބެހިގެންވޭ. އެއީ ޤަޟާއީ އިޢުތިރާފް (Judicial confession) އާއި ޤާޟާއީ ނޫން އިޢުތިރާފް (Extrajudicial confession). - ޤަޟާއީ އިޢުތިރާފަކީ، ޝަރީޢަތުގެ މަޖިލީހުގެ ކުރިމަތީގައި ތުހުމަތުކުރެވޭ މީހާ ވާ އިޢުތިރާފް. - ޤަޟާއީ ނޫން އިޢުތިރާފަކީ، ޝަރީއަތުގެ މަޖިލީހުން ބޭރުގައި ތަޙުޤީޤު މަރުހަލާގައި ތަޙްޤީޤުކުރާ ފަރާތުގެ ކުރިމަތީގައި ނުވަތަ އެނޫންވެސް ފަރާތެއްގެ ކުރިމަތީގައި ތުހުމަތުކުރެވެ ފަރާތް ވާ އިޢުތިރާފް. - ޤަޟާއީ ނޫން އިޢުތިރާފް ދެ ގޮތަކަށް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ. - ފުރަތަމަ ގޮތަކީ، ތުހުމަތުކުރެވޭ މީހާ އިޢުތިރާފްވީކަމަށް ޝަރީޢަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފައިގައި ހުށަހެޅުން. - ދެވަނަ ގޮތަކީ، ތުހުމަތުކުރެވޭ މީހާގެ އިޢުތިރާފް ބަޔާންކޮށް މަޙްޟަރުކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައި ހުށަހެޅުން. - މީގެން ކޮންމެ ގޮތަކަށް ހުށަހެޅި ނަމަވެސް ޤަޟާއީ ނޫން އިޢުތިރާފްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދަޢުވާ ސާބިތުވާނީ، އެހެން ހެކިތަކާއި ދަލީލުތައް ފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފާމެދު އިޤްތިނާޢު ވެވިގެން. ޤާނޫނު ރަޖްޢީ (retrospective) ކޮށް ތަޠްބީޤްކުރުން - ޖިނާއީ ޤާނޫނުތައް ރަޖްޢީކޮށް މާޒީގައި ހިނގާފައިވާ ކަންކަމަށް ތަޠްބީޤު ނުކުރުމުގެ މަބްދައުއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެފައިވާ އަދި ތަފާތު ދިމިޤްރާތީ ދައުލަތްތަކުގެ ދުސްތޫރުތަކުގައި ކަނޑައެޅިފައިވާ މަބްދައުއެއް. - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި މި މަބްދައު ޝާމިލްވެ ބަޔާންވެގެންވޭ. - މި މަބްދައު ބިނާވެގެންވަނީ "ޖިނާއީ ޝަރުޢިއްޔަތު" (Criminal liability) ގެ މަބްދައުގެ މައްޗަށް. - އެއްވެސް ޢަމަލެއް ކުށެއްކަމަށް ކަނޑައަޅައި އެއަށް އަދަބު ޤާނޫނީ ނައްޞަކުން މެނުވީ ކަނޑަނޭޅޭނެ. އަލަށް އަމަލުކުރަން ފަށާ ޤާނޫނެއް އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާއަކަށް ތަޠްބީޤެއް ނުކުރެވޭނެ. ނަމަވެސް އަލަށް އަމަލުކުރަން ފަށާ ޤާނޫނަކީ ތުހުމަތުކުރެވޭ މީހާއަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައި ވާނަމަ، އެ ޤާނޫނު މަޒީގައި ހިނގާފައިވާ އަދި އޭގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ނާންނަ ވާޤިޢާތަކުގެ މައްޗަށް ތަޠްބީޤުކުރުމުގެ އުޞޫލަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ މަބްދައުއެއް. - ތުހުމަތުކުރެވޭ މީހާއަށް މަޞްލަޙަތު ރަނގަޅު ޤާނޫނު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކެއް ވޭ. އެގޮތުން ކުރީގައި ޖަރީމާއެއްކަމުގައި ބެލެވޭ ކަމެއް ޖަރީމާއެއް ނޫންކަމުގައި ކަނޑައެޅުމާއި، ޖަރީމާއަށް ކަނޑައެޅިފައިވާ ދަރަޖަ ޖިނާޔަތު އަކުން ޖުނަޙް އަކަށް ބަދަލުކުރުމާއި، ޖަރީމާއަށް ކަނޑައެޅިފައިވާ އުޤޫބާތްތަކުގެ ތެރެއިން އުޤޫބާތެއް އުވާލުމާއި އުޤޫބާތުގެ މިންވަރު ކުޑަކުރުން ފަދަ ޖަރީމާ އާއި އުޤޫބާތުގެ ޙުދޫދު ތުހުމަތުކުރެވޭ މީހާގެ މަޞްލަޙަތަށް ހަނިކޮށް އަމަލުކުރަން ފެށޭ ޤާނޫނުތަކަކީ އޭނާއަށް މަޞްލަޙަތު ރަނގަޅު ޤާނޫނުކަމުގައި ބެލެވޭނެ. - މި އުޞޫލު ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އިޖްރާއަތްތަކާ ގުޅޭ އަލަށް އަމަލުކުރެވޭ ޤާނޫނުތަކަށްވެސް ހިނގާނެ. - ފަހުން އަމަލުކުރަން ފެށޭ ޖިނާއީ އިޖްރާއަތްތައް ބަޔާންކުރާ ޤާނޫނަކީ ތުހުމަތުކުރެވޭ މީހާއަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައި ވާނަމަ، އެ ޤާނޫނު ކުރީގައި ހިނގާފައިވާ ވާޤިޢާތައް ސާބިތުކުރުމުގައި ރަޖްޢީކޮށް ތަޠްބީޤު ކުރެވޭނެ. - ކުރީގައި އަމަލުކުރަމުން ދިޔަ ޤާނޫނެއްގެ ދަށުން ޖިނާއީ މައްސަލަ ސާބިތުކުރުން ހުއްދަ އިޖުރާއަތަކީ ނުވަތަ ވަޞީލަތަކީ އެފަދަ މައްސަލަ ސާބިތުކުރުމަށް މުޖުތަމަޢަށް ޤަބޫލުނުކުރެވޭ އިޖުރާއަތެއް ނުވަތަ ވަޞީލަތެއްކަމުގައި އަލަށް އަމަލުކުރަން ފެށޭ ޤާނޫނަކުން ކަނޑައެޅިއްޖެނަމަ، އެ ޤާނޫނަށް އަމަލުކުރަން ފަށާފަހުން ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ކުރީގެ ޤާނޫނުގައި ހުރި ކަންކަން ތަޠްބީޤުކުރުމަކީ، ޤާނޫނީ މަންޠިޤު ޤަބޫލުނުކުރާ އަދި ޖިނާއީ ޝަރުޢިއްޔަތުގެ އުޞޫލާއި ޚިލާފުކަމެއް. |