(ނަން އުނިކުރެވިފައި) ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/HC-A/229
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ޑައިމޯފިން ޓްރެފިކް ކުރުން
ނިމުނު ތާރީޚު:
21/06/23

ފަނޑިޔާރުން

މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު، ޙުސައިން ޝަހީދު

މައްސަލައިގެ ޚުލާސާ

ދައުވާލިބޭ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅުނު ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެކޯޓުން ކަނޑައެޅުމަށްފަހު އެ މައްސަލައިގެ ޙުކުމް ނުކުރަނީސް އެމައްސަލަ ދައުވާލިބޭ ކުއްޖާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެކެވެ.

އިޝޫ

މައްސަލައެއް އަދަބު ކަނޑައެޅުއްވުމާއި ނުލައި ހަމައެކަނި ސާބިތުވާކަމަށް ކަނޑައެޅުއްވުމަކީ ކޯޓުން ކުރާ ޙުކުމަކަށް ނުވާތީ މިބާވަތުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްނުކުރެވޭނެކަން.

ނިންމިގޮތް

އިސްތިއުނާފްކޮށްފައިވާ ޖުވެނައިލް ކޯޓުގެ ނަންބަރު 14/Jv-C/2021  ޤަޟިއްޔާއަކީ އެ ކޯޓުން އަދި ޙުކުމްކޮށްފައިވާ މައްސަލައެއްކަމުގައި ނުވާތީ މި ބާވަތުގެ މައްސަލަތަކަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރެވޭ ބާވަތުގެ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

- ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ގޮތުންނަމަ އިސްތިއުނާފްކުރެވޭނީ ތިން ބާވަތުގެ ނިންމުންކަމަށާއި، ޤާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއީ (1) ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނުވަތަ (2) ނެރެފައިވާ އަމުރެއް، ނުވަތަ (3) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ޤާނޫނު އަސާސީއާއި ނުވަތަ ޝަރުއީ އަދި ޤާނޫނީ އުސޫލަކާ ޚިލާފުކަމަށް ޤަބޫލުކުރެވޭނަމަ އެނިންމުމެވެ.

- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 08 ވަނަ މާއްދާގައި ޙުކުމް ކުރުމަކީ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ޖިނާއީ ދަޢުވާއެއްގެ ޝަރީއަތް ހިންގުމަށްފަހު ނުވަތަ އެފަދަ މައްސަލައެއް އަވަސް ނިޔާއިން ބެލުމަށްފަހު އެ ދަޢުވާގައި ބަޔާންކުރާ ކުށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅައި ނުވަތަ ދައުވާލިބޭ ފަރާޓް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކަމަށް ކަނޑައަޅައި ޤަނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ޙުކުމެވެ.

- ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅަނީ ނަމަ އެ ޙުކުމުގައި ހުންނަންޖެހޭ ކަންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 156 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ވަނީ ދައުވާލިބޭ މީހާގެ މައްޗަށް ކަނޑައަޅާ އަދަބެވެ.

- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޤާނޫނު މާނަކުރުމަށްޓަކައި ޤާނޫނު ކިޔަންވީ ގޮތާއި ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުސޫލަށް ރިއާޔަތްކޮށް އެ އުސޫލު މި މައްސަލައަށް ތަތުބިޤުކޮށްފައިވެއެވެ. މިގޮތުން ޙުކުމްކުރުމުގެ މާނައިގެ ތެރޭގައި ދައުވާލިބޭ މީހާގެ މައްޗަށް ކަނޑައެޅޭ އަދަބު ހިމެނޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ