ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޢާމިރު ޙަސަން

ޤަޟިއްޔާ ނަންބަރު:
2026/HC-B12/11
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ބަންދު އަމުރު
ނިމުނު ތާރީޚު:
30/04/26

ފަނޑިޔާރުން

ޙުސައިން މަޒީދު (ރިޔާސަތު)، ޢަބްދުލްމާނިޢު ޙުސައިން، އިސްމާޢީލް ޝަފީޢު

މައްސަލައިގެ ޚުލާސާ

  1. މި މައްސަލައަކީ މުޙައްމަދު ޢާމިރު ޙަސަން، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، އެކިދުވަސް މަތިން 13 އަހަރުގެ އަންހެން ކުއްޖަކަށް، އެކުއްޖާގެ ބަރަހަނާ ފޮޓޯ ލީކްކޮށްލާނެކަމަށް ބުނެ ބިރުދައްކާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ.

  2. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢާމިރު ޙަސަންގެ ހައްޔަރުކޮށްފައިވަނީ ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 257-MC/2025/82 (13 ޑިސެންބަރު 2025) "ހައްޔަރުކުރުމުގެ އަމުރު" ގެ ދަށުން 13 ޑިސެންބަރު 2025 ދުވަހުއެވެ.

  3. މުޙައްމަދު ޢާމިރު ޙަސަން ހައްޔަރުކުރުމަށްފަހު 4 (ހަތަރެއް) ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރެވިފައިވެއެވެ. މުޙައްމަދު ޢާމިރު ޙަސަން ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވަނީ ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: G1C/MA/2025/40 އާއި ނަންބަރު: 586/MA/2026/2 އާއި، ނަންނަބަރު: 586/MA/2026/4 އާއި، ނަންބަރު: 586/MA/2026/6 (14 މާރިޗު 2026) ގެ ދަށުންނެވެ. އެ ހަތަރު އަމުރުގެ ދަށުން ވެސް މުޙައްމަދު ޢާމިރު ޙަސަން ބަންދުކުރުމަށް ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތުމާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިޙްތިމާލު އޮތްކަމަށް ބަޔާންކޮށްފައިވެއެވެ.

  4. މުޙައްމަދު ޢާމިރު ޙަސަންގެ މައްޗަށް އެންމެ ފުރަތަމަ ތުހުމަތުކުރެވިފައިވަނީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން ކަމަށްވުމާއެކު މުޙައްމަދު ޢާމިރު ޙަސަން ބަންދުކުރުމަށް އަމުރުކުރައްވާފައިވަނީ އެ ޤާނޫނުގެ 28 ވަނަ މާއްދާއައި، 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި، 32 ވަނަ މާއްދާއާއި، 35 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

  5. މި މައްސަލައާ ގުޅިގެން މި އޮފީހުގެ ނަންބަރު: 383/2026/D10C/1 ދަޢުވާ ހުށަހަޅާ ފޯމް އިން 26 މާރިޗު 2026 ދުވަހު މުޙައްމަދު ޢާމިރު ޙަސަންގެ މައްޗަށް ޖުމްލަ 03 (ތިނެއް) ދަޢުވާއެއް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ. މި މައްސަލާގައި ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން ދަޢުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުންނެވެ. އެ ދަޢުވާތަކަކީ؛

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 141 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން މީހުންގެ ނަފުރަތު އަމާޒުކުރުވުމަށް، ނުވަތަ މީހުންގެ ކުރިމަތީގައި އޭނާގެ ޤަދަރާއި އަބުރަށް އުނިކަން ގެނައުމަށް، ނުވަތަ އޭނާއާ މެދު ޤަދަރުކުޑަވާނެގޮތް ހެދުމަށް، ނުވަތަ އޭނާގެ، ނުވަތަ އޭނާގެ ވިޔަފާރި މީހުންގެ ތެރޭގައި ކުޑަކުރުމަށް، ސިއްރެއްކަމުގައި ބެލެވޭ ކަމެއް ހާމަކޮށްފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދަޢުވާއާއި،

    2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 246 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން އެނގިހުރެ ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި،

    3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

  6. މައްސަލާގައި ދަޢުވާ އުފުލުމާއެކު، މި އޮފީހުގެ ނަންބަރު: J1/2026/83 "ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމް" އިން މުޙައްމަދު ޢާމިރު ޙަސަން ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްދިނުމަށް އެދި މި އޮފީހުން ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ. މުޙައްމަދު ޢާމިރު ޙަސަން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުންކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021-SC-REG-01 ޝަރީޢަތް ކުރުމާބެހޭ ޖނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މައްދާގެ (ހ) އާއި، (ނ) ގެ ދަށުންކަން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމުން އެނގެއެވެ.

  7. މި ފޯމް ހުށަހެޅުމާ ގުޅިގެން ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބޭއްވުނު އަޑުއެހުމުގައި ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: D10C-CA/02/2026 (29 މާރިޗު 2026) ކޯޓު އަމުރުން މުޙައްމަދު ޢާމިރު ޙަސަން ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައިވެއެވެ.

  8. މުޙައްމަދު ޢާމިރު ޙަސަން ބަންދުން ދޫކޮށްލުމަށް އަމުރު ކުރެއްވި ސަބަބުތަކަކީ؛

    (1) މި މައްސަލާގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވީނަމަވެސް، ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަންޖެހޭ ހާލަތަށް ބަލައި ވަޒަންކުރުމަށް މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ހެކިތަކަކީ ފޮރެންސިކް އަދި ޑިޖިޓަލް ވަސީލަތްތަކާއި ގުޅޭ ހެކިތަކަކަށްވެފައި އެހެކިތައް ހުރީ ދައުލަތުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައިކަމާއި، އަނިޔާ ލިބުނު ފަރާތާއި ތުހުމަތުކުރެވޭ ފަރާތް ހަމައެކަނި މުޢާމަލާތްކޮށްފައިވަނީ ސޯޝަލް މީޑިއާއާއި، ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް އެކަނި ކަމުންނާއި، ދެމީހުންވެސް ދިރިއުޅެނީ ނުވަތަ ވަޒަންވެރިވެފައިވަނީ ދެ ހިސާބެއްގެ ދެ ރަށުގައި ކަމާއި، އެހެންކަމުން މި ހެކިތަކަކަކީ ނުފޫޒެއް ފޯރުވޭނެ ހެކިތަކެއްކަމަށް ނުފެންނަކަން.

    (2) މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބަލާއިރު، ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ފަރާތުގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތްކަމާއި، މުޖުތަމަޢުގައި މީނާގެ އުޅުމާއި، ވައްޓަފާޅި ވަޒަންކޮށްފައިނުވާކަން.

    (3) މި މައްސަލާގައި ތަޙުޤީޤު ފުރިހަމަކޮށް ނިމިފައިވާތީއައި، މައްސަލާގައި ދަޢުވާކުރުމަށް ޝަރީޢަތަށް މައްސަލަ ހުށަހަޅާފައިވާކަން.

  9. މުޙައްމަދު ޢާމިރު ޙަސަން ބަންދުން ދޫކުރުމަށް ނިންމެވިއިރު ކަނޑައަޅުއްވާފައިވާ ޝަރުޠުތަކަކީ؛

    (1) އެއްވެސް ޤާނޫނާއި ޚިލާފު ޢަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުން.

    (2) މުޙައްމަދު ޢާމިރު ޙަސަންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާ މައްސަލާގައި ކޯޓަށް ޙާޟިރުވާން އަންގާ ދުވަސްތަކުގެ ގަޑިއަށް ކޯޓަށް ޙާޟިރުވުމަށް ނުވަތަ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މަޖިލިސްތަކުގައި ބައިވެރިވުން.

    (3) މުޙައްމަދު ޢާމިރު ޙަސަންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާ މައްސަލާގައި ހިމެނޭ އެއްވެސް ހެއްކަކަށް ބިރުދައްކައި ނުފޫޒެއް ނުފޯރުވުމާއި، މި މައްސަލާގައި ހެކިބަސްދޭނެކަމަށް ފެންނަ އަދި ޤަބޫލުކުރެވޭ އެންމެހައި މީހުންނާއި ފަރާތްތަކާއި، އެއްވެސް ގޮތަކަށް ބައްދަލުނުކުރުމާއި، އެއްވެސް ގޮތަކުން މުޢާމަލާތުނުކުރުން.

އިޝޫ

ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: D10C-CA/02/2026 (29 މާރިޗު 2026) ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު: 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ) އާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުން

ނިންމިގޮތް

މުޙައްމަދު ޢާމިރު ޙަސަން ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުން ރަނގަޅު ނޫންކަމަށް ކަނޑައެޅުއްވި. އަދި 3 ދުވަހުގެ ތެރޭގައި މުޙައްމަދު ޢާމިރު ޙަސަންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ދަށު ކޯޓަށް ހުށަހަޅައިފިނަމަ، 5 ދުވަހުގެ ތެރޭގައި ބަންދާމެދު ގޮތެއް ކަނޑައެޅުއްވުމަށް އަމުރުކުރެއްވި.

ކަނޑައެޅުނު އުސޫލު

މި މައްސަލާގައި މުޙައްމަދު ޢާމިރު ޙަސަން ބަންދުކުރަމުން އައި ސަބަބުތައް ފިލާގޮސްފައިނުވާކަމަށާއި، ހެއްކަށް ނުފޫޒު ފޯރުމުގެ އިޙުތިމާލު އޮތުމުންނާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުޞަތު ފިލާގޮސްފައިނުވާތީ (މައްސަލައިގެ ވާޤިއާތައް ގޮސް ގުޅިފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް ކަމަށްވާތީ) ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ނިންމަވާފައިވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ