ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް
- ޤަޟިއްޔާ ނަންބަރު:
- 2014/SC-A/52
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަކަރާއި ޙީލަތްހެދުން
- ނިމުނު ތާރީޚު:
- 06/04/15
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާސާ
މިނިސްޓްރޯ އޮފް އެޓޯލްސް ޑިވަލޮޕްމަންޓަށް 15000 ދިވެހި ދިދަ ބޭނުންވެގެން 31 ޑިސެންބަރު 2003 ދުވަހު ކުރިކަމަށް ބުނާ އިޢުލާނަކާ ގުޅިގެން މ.ނިޔަދުރުގެ، އަޙްމަދު ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕވޓ ލޓޑގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ، އެ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން، ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ 4 ނަމެއް ބޭނުންކޮށްގެން ލެޓަރހެޑް ހަދައި، އެތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި، މަކަރާއި ޙީލަތުން މި ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާތީ، އަޙްމަދު ނާޒިމްގެ މައްޗަށް ކުރި މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ. މި ޙުކުމް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައިވެއެވެ.މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ނިންމުމެއްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
(ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/52 ޤަޟިއްޔާއިން މި ނިންމުން މުރާޖަޢާކޮށް މިއީ ބާޠިލް ނިންމުމެއްކަމަށް ވަނީ ކަނޑައަޅާފައި)
އިޝޫ
1. ޖިނާޢީ ދަޢުވާތަކާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ތަކަކީ ކޮބައި؟
2. ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ހިންގުމުން ޖިނާއީ ދަޢުވާ އުފުލުން؟
ނިންމިގޮތް
އަޙްމަދު ނާޡިމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި އަޙްމަދު ނާޠިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޠިފާޤުން ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ޖިނާޢީ މައްސަލަތަކާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލާއި ކޯޓުތަކުގެ މަސްޢޫލިއްޔަތު
- ޢަމަލެއް ތަޖުރީމުކުރުމާއި އެ ޢަމަލު ކުރާ މީގެއްގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ދަޢުވާކުރުމަކީ ތަފާތު ދެކަމެއް.
- އެ ދެކަމަކީ ދައުލަތުގެ ކަމާބެހޭ ދެ ފަރާތަކުން އަދާކުރަންޖެހޭ ދެ ބާވަތެއްގެ މަސްޢޫލިއްޔަތެއް.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތަކީ ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވުނު ކޮންމެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމާއި ކޯޓަށް ހުށަހެޅިފައިވާ ދައުވާތައް އަނބުރާ ގެންނަން ފެންނަނަމަ އެ ފަދަ ދައުވާތައް އަނބުރާ ގެނައުމާއި، ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުން މުރާޖަޢާކުރުމާއި ޖިނާއީ މައްސަލަތަކާ ގުޅިގެން ދަޢުވާކުރުމުގެ އެންމެހައި އުޞޫލުތައް ކަނޑައެޅުން.
- ޤާނޫނު އަސާސީއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ހަމަޔާއި އިންޞާފުގެ ޢާންމު އުޞޫލުތަކާއި ފުށުނާރާނެ ގޮތެއްގެމަތިން މި އިޚްތިޔާރު ބޭނުންކުރުމަކީ ޤާނޫނީގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިގެންވާ އިޚްތިޔާރެއް.
- ކޯޓުތަކުގެ މަސްއޫލިއްޔަތަކީ، ޝަރީޢަތަށް ހުށަހެޅޭ ދަޢުވާތައް ބެލުމުގައި ރިޢާޔަތްކުރަންޖެހޭ އެންމެހައި އިޖުރާއާތްތަކާއި އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅިފައިވާ ދަޢުވާ ބެލުމަށްފަހު އެ ދަޢުވާއާމެދު އުފެދިފައިވާ ޚުސޫމަތަށް ނިންމުމެއް ގެނެސްދޭ ފައިޞަލާކުރަނިވި ނިންމުމެއް ނިންމުން.
ކުންފުނީގެ ޤާނޫނީ ޝަހުޞިއްޔަތުގެ ނަހަމަގޮތުގައި ބޭނުންކޮށް މަކާރާޙީލަތް ހެދުން
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ޙީލަތްތެރިގޮތެއްގައި ރާވައިގެން ކުންފުނީގެ ޤާނޫނީ ޝަހުޞިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުން އެކަމުގެ ޒިންމާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަން.