މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2021/SC-A/83
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ރޭޕްކުރުން
ނިމުނު ތާރީޚު:
15/02/22

ފަނޑިޔާރުން

ޙުސްނުއް ސުޢޫދު (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު، ޑރ.އަޒްމިރާލްދާ ޒާހިރު

މައްސަލައިގެ ޚުލާސާ

2015 ފެބުރުވަރީ 16 ދުވަހުގެ މެންދަމު 03:30 ހާއިރު، ކޮރެޔާގެ ރައްޔިތެއް ރޭޕްކުރުމުގެ މައްސަލައިގައި ދައުލަތުން 3 މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލިއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުނުވާކަމަށް ކުރި ޙުކުމް ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، 3 މީހުންގެ ތެރެއިން މުޙައްމަދު ނިޔާޒުގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިއެވެ. މިއީ ހައިކޯޓުގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދި މުޙައްމަދު ނިޔާޒު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެވެ.

އިޝޫ

1. ރޭޕް މައްސަލައެއް ސާބިތުކުރުމުގައި ޑީއެންއޭ ހެއްކަށް ދެވޭނެ ބުރަދަނާއި އަނިޔާ ލިބިފައިވާ މީހާގެ ބަހަށް ދެވޭނެ ބުރަދަނަކީ ކޮބައިކަން؟

2. ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާގައިވާ ހެކިތައް ވަޒަންކުރާނީ ކިހިނެއް؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ރޭޕް މައްސަލައެއް ސާބިތުކުރުމުގައި ޑީއެންއޭ ހެއްކަށް ދެވޭނެ ބުރަދަން

- ޑީއެންއޭ ހެއްކަކީ އެ ހެކި އެކަނި އޮވެގެން ރޭޕްގެ ކުށް ސާބިތުވާނެ ހެއްކެއް ނޫންކަމުގައި ވީނަމަވެސް ރޭޕްގެ ކުށް ސާބިތުވުމަށް ޑީއެންއޭގެ ހެއްކަށް ބާރުދެނިވި އެހެން ހެއްކެއް ނުވަތަ ޤަރީނާއެއް އޮތްނަމަ ރޭޕްގެ ކުށް ސާބިތުކުރެވިދާނެކަން. މި ގޮތުން އަނިޔާ ލިބިފައިވާ ފަރާތުގެ ފަރުޖުގެ ތެރެއިން ރޭޕްގެ ޢަމަލު ހިންގި ފަރާތުގެ ޑީއެންއޭ ފެންނަ ޙާލަތުގައި، އެ ޑީއެންއޭ ހެކި ކޮރޮބޮރޭޓް ކުރުމަށް މޯޓިވްއެއް އޮތް ކަމަށް ދައްކައިދޭ ޤަރީނާ، ކުށްކުރުމަށް ފުރުސަތު ލިބިފައި އޮތް ކަމުގެ ޤަރީނާ އަދި ރުހުން ނެތްކަން އެނގޭނޭ ޤަރީނާ ހުރި ނަމަ، ޑީއެންއޭ ހެކީގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވާނެކަން.  

ރޭޕްގެ މައްސަލައެއް ސާބިތުވުމުގައި އަނިޔާ ލިބިފައިވާ މީހާގެ ބަހަށް ދެވޭނެ ބުރަދަން

- އަނިޔާ ލިބުނު ފަރާތުގެ ބަސް އާދަޔާ ޚިލާފަށް ތެދު ކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި، އެއީ އެންމެ ބުރަދަން ހުރި ހެކިކަން. އަނިޔާ ލިބިފައިވާ ފަރާތުގެ ހެކިބަހުގެ މައްޗަށް ބުރަވެ، އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ ޤަރީނާ ހުރެއްޖެނަމަ، އެ މިންވަރުން ރޭޕްގެ ކުށް ސާބިތުކުރުމަށް ފުދޭކަން.

ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާ މާނަކުރާނެ ގޮތް

- މި މާއްދާ މާނަކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައިވާ ހެކިބަހުގެ ހަމަތަކަށް ރިޢާޔަތްކުރަންޖެހޭނެކަން.

- މި މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ވަކި ޢަދަދެއް ހަމަކުރުން ލާޒިމް ނޫންކަން.

- އަނިޔާ ލިބުނު ފަރާތް ކިޔައިދޭ ކިޔައިދނުން ނުވަތަ ހެކިބަހަކީ މައިގަނޑު އަސާސްކަމަށް ބަލައި، އެއަށް ބާރު ލިބިދޭ އިތުރު އެއް ހެއްކަކުންވެސް ދަޢުވާ ލިބޭ ފަރާތް ކުށްކޮށްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ކުށް ސާބިތުކުރުމަށް ފުދޭކަން.

- ޖިންސީ ކުށުގެ ޤާނޫނުން ދަޢުވާ ކުރެވޭ މައްސަލަތަކުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން ކުށް ސާބިތުވޭތޯ ބަލާނީ އަނިޔާ ލިބުނު ފަރާތުގެ ވާހަކައަކީ ނުވަތަ ހެކިބަހަކީ އަސާސްކަމުގައި ބަލައިގެން އެ ހެކިބަސް ކޮރޮބޮރޭޓްވޭތޯ ބެލުމުގެ މައްޗަށްކަން.

- ބައެއް ޙާލަތްތަކުގައި ދަޢުވާލިބޭ ފަރާތް ހުންނަ މަޤާމުގެ ގޮތުން، ކަން ހިނގިގޮތް އެނގޭނީ ހަމައެކަނި އޭނާއަށް ކަމަށްވާތީވެ، ކަން ހިނގިގޮތް އޮޅުން ފިލުވައިނުދީފިނަމަ ނުވަތަ އެފަރާތުން ކަނޑައެޅިގެން ދޮގު ހަދާކަން އެނގޭނަމަ، އެއީ ދަޢުވާ ލިބޭ މީހާގެ މައުސޫމްކަމާމެދު ސުވާލު އުފެއްދޭނެ ކަމެއްކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ