(ނަން އުނިކުރެވިފައި) ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2023/HC-A/241
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 23/02/26
ފަނޑިޔާރުން
ފާތިމަތު ފަރުހީޒާ (ރިޔާސަތު)، ޢަބްދުﷲ ޖަމީލު މޫސާ، ޢަބްދުލްމާނިޢު ޙުސައިން
މައްސަލައިގެ ޚުލާސާ
ޙަސަން ޢީސާ، 2018 ޑިސެންބަރު މަހުން ފެށިގެން އެކި ދުވަސްމަތިން، މީނާގެ ދޮންދަރިއެއްކަމަށްވާ ކ. މާލެ ދަފްތަރު. ނަންބަރު ދރ 1632، ސަމްޙާ ޢަލީ (12 އަހަރު) މީނާ ދިރިއުޅޭ އެޕަރޓްމަންޓްގައި ސަމްޙާ ޢަލީގެ މޭމަތީގައިއާއި، ކުރިމަތިފަރާތުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ހުށަހެޅުމުން ބަލާފައިވާ މައްސަލައެވެ. މި ދަޢުވާގެ އިތުރުންވެސް ދެ ދަޢުވާއެއް ކޯޓަށް ހުށަހެޅުނެވެ.
އިޝޫ
ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު) ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، އަދި އެ މާއްދާގައި ބަޔާންކުރާ މިންވަރަށް ހެކި ލިބިފައި ނެތް ހާލަތުގައި މައްސަލަ ނިންމަވާފައިވާކަމަށް
މި މައްސަލައަކީ ރާވައިގެން ކޮށްފައިވާކަމެއްކަމާއި ކުއްޖާގެ ނުނިޔަތް އޮތްކަމަށް ބުނެ ހުށަހެޅި ބަހުސް
ނިންމިގޮތް
އިސްތިއުނާފުކުރާ މީހާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި އިސްތުއުނާފުކުރާ ފަރާތުން ފުށުއެރުންތަކުގެ ގޮތުގައި ފާހަގަކުރި ކަންކަމަކީ ޖައުހަރީ ފުށުއެރުންތަކެއް ނޫންކަމަށާއި،
ކުއްޖާގެ ބަޔާން ނުފެނި ތައްޔާރުކުރި އިސްތިއުނާފެއްކަމަށް އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާތީ އެކަމާގުޅިގެން ނިންމެވީ އެއީ ދަށުކޯޓުގައި ރައްތެރިކުރި ހެއްކެއްކަމަށާއި، މައްސަލާގައު ރައްކާތެރިކުރި ލިޔުންތައް ބެލުމަށް ރަސްމީ ވަގުތުތަކުގައި ކޯޓަށް ހާޒިރުވުމުން އެކަން ހަމަޖެހޭނެކަމަށް ޝަރީޢަތުން އަންގަވާފައިވަކަމަށާއި، ކުއްޖާގެ އިންޓަވިއު އޯޑިއޯ-ވީޑިއޯ ރެކޯޑިންގް ބެލުމަށް އެދި ދަށު މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައި ނުވާކަމަށާއި،
ކުއްޖާގެ ހެކިބަސް ޝަރީޢަތށް ނަގަނީ ވަރަސް އިސްތިސްނަ މަދު ހާލަތެއްގައިކަމަށާއި، 48 ވަނަ މާއްދާގެ ނައްސަށް ބަލާއިރު ކުއްޖާގެ ސީދާ ބަސް ޝަރީޢަތަށް ނެގުމަކީ އިޚްތިޔާރެއްކަމަށާއި އެކަމަށް ފޯރުކޮށްދީފައިވަނީ ވަރަށް ހަނި ފުރުސަތެއްކަމުގައެވެ.
ކޯޓުގެ އިސް މަޤާމެއްގައި ކުއްޖާގެ ބައްޕަ ހުރުމުން މައްސަލަ އެކޯޓުގައި ހިންގުމަކީ ރަނގަޅުގޮތް ނޫންކަމަށް ބުނެ އެއީ ޝަރީޢަތް ހިންގުމުގައި އައި އިޖުރާއީ އުނިކަމެއް ކަމަށް ފާހަގކުރި ނުކުތާގައި ނިންމެވީ އެކަމަކީ ދަށު މަރުހަލާގައި ފާހަގަކުރި ކަމެއް ނޫންކަމަށެވެ.
ޒާތީ ހަސަދައަކުން އުފަންވި މައްސަލައެއްކަމަށް ބުނެ ފާހަގކުރި ކަންކަމާ ގުޅިގެން ކުއްޖާގެ ނުނިޔަތް ސާބިތުކުރުމަކީ ދައުވާ ލިބޭ ފަރާތުގެ ޒިންމާއެއްކަމަށާއި އެފަދަ ހުށަހެޅުމެއް ދަށުކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި،، ކުއްޖާ މި ވާހަކަތައް ފުރަތަމަ ކިޔައިދިނީ ކުއްޖާގެ އެއްބަފާ ދައްތައަށްކަމަށާއި ކުއްޖާގެ ބައްޕައަށް އެ ވާހަކަ ކިޔައިދިނީ ކުއްޖާގެ ދައްތަ ހިތްވަރު ދީގެންކަމަށާއި، އެހެންކަމުން މިއީ ކުއްޖާގެ ބައްޕައާ އިސްތިއުނާފުކުރާ ފަރާތާ އޮތް ޒާތީ މައްސަލައެއްގެ ސަބަބުން ކުއްޖާ ލައްވައި ކުއްޖާގެ ބައްޕަ ދެއްކި ވާހަކައެއްނޫންކަމަށް ދަށުކޯޓުގެ ނިންމުމުގައި ފާހަގަކުރައައްވާފައިވާކަމަށް. އެހެންކަމުން މި ނުކުތާގައި ޕްރޮސިކިއުޝަނުން ފާހަގަކުރާ ފަދައިން ބަހުސެއް އޮޔްކަމަށް ނުފެންނާތީ މި ނުކުތާއަށް ގޮތެއް ކަނޑައަޅަން ޖެހޭކަމުގައި ނުދެކޭކަމަށް ފާހަގަކުރައްވާފައިވެއެވެ.