ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2023/SC-A/16,17
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
- ނިމުނު ތާރީޚު:
- 15/05/23
ފަނޑިޔާރުން
ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންގްރިންގގެ ދަޢުވާ އަދި އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމާއި، މަނީލޯންޑްރިންގގެ ދަޢުވާ ކްރިމިނަލް ކޯޓަށް 2020 ވަނަ އަހަރު ހުށަހެޅިއެވެ. މި މައްސަލަތަކުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅީ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތައް ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައި ދިނުމަށާއި، ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާއަށް ޙަވާލާދީ ދަޢުވާކުރުމުގައި އުނިކަމެއް ހުރުމުން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށާއި، ދިފާޢަށް ލިބިފައިނުވާ ހެކިތައް ހާމަކުރުމަށް އަމުރުކޮށްދިނުމަށެވެ. މި ހުށަހެޅުންތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމެވީ އޭސީސީގެ ތަޙްޤީޤު ރިޕޯޓުގައި ހިމެނޭ ރ.ފުއްގިރިއާ ގުޅޭ މަޢުލޫމާތު ހިމެނޭ ބަޔާންތަކާއި އެ ބަޔާންތަކުގެ ރެކޯޑިންގ ހާމަކުރުމަށާއި، ބާކީ ހުރި ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން މި ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުގެ އަޣްލަބިއްޔަތުން ނިންމެވީ ހެކި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުން އިސްތިއުނާފީ ކޯޓުން ބަލަންޖެހޭ ސަބަބެއް ދިފާޢަށް ސާފުކޮށްދެވިފައިނުވާ ކަމަށާއި، ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއްގައި ހެކީގެ ރެލެވެންސީއާ މެދު ސުވާލު އުފައްދާނަމަ ފަނޑިޔާރު ގޮތް ކަނޑައަޅުއްވާނީ މަތިމަތިން ޖުމްލަކޮށް ބައްލަވާފައި ކަމަށާއި، އިތުރަށް ރެލެވެންސީއާމެދު ގޮތް ނިންމަވާނީ ޝަރީޢަތުގެ މަރުޙަލާގައި ކަމަށާއި، ހެއްކާބެހޭ ޤާނޫނުގައި މައުޟޫއީ ކަންކަމުގެ އިތުރުން އިޖުރާއީ ކަންކަންވެސް ހިމެނޭ ކަމަށާއި، ކުރިން ނިންމާފައިވާ ތަޙްޤީޤުތަކަށް މުޅި ޤާނޫނު އެއްކޮށް ރަޖުއީކޮށް ތަޠްބީޤުނުކުރެވޭނެ ކަމަށެވެ.
އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ހުށަހެޅީ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތައް ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައި ދިނުމަށާއި، ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާއަށް ޙަވާލާދީ ދަޢުވާކުރުމުގައި އުނިކަމެއް ހުރުމުން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށާއި، ދިފާޢަށް ލިބިފައިނުވާ ހެކިތައް ހާމަކުރުމަށް އަދި ހެކި ރައްކާތެރިކުރުމުގެ އަމުރުކޮށްދިނުމަށެވެ. މި ހުށަހެޅުންތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމެވީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީ އަކާއި، 2015 ވަނަ އަހަރުގެ ޖަލްސާއެއްގެ ޔައުމިއްޔާ ހާމަކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަތުމަށާއިި، ބާކީ ހުރި ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އަޙްމަދު ކްރިކް ރިޟާގެ ފަރާތުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ނިންމެވީ އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ކުރަންޖެހޭނީ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަމަށާއި، ހާމަކޮށްދިނުމަށް އެދިފައިވާ ހެކިންގެ އިންޓަވިއު ރެކޯޑިންގއަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ނޫންކަމަށާއި، ބަލައިގަތުމަށް ނިންމާފައިވާ ބައެއް ހެކިންނާއި ގުޅިގެން ވާހަކަދައްކަން ފުރުސަތު ނުލިބޭނެކަމަށް ބުނާ ބުނުން ދިފާޢަށް ސާފުކޮށްދެވިފައިނުވާ ކަމަށެވެ.
މިއީ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ހެއްކަކީ ގުޅުންހުރި ހެއްކެއްކަން ނުވަތަ ނޫންކަން ބެލުމުގައި ބޭނުންކުރެވޭނެ އުސޫލުތަކަކީ ކޮބާ؟
2. ގުޅުމެއް ނެތް ވާޤިޢާ އެއް ގުޅުން ހުރި ވާޤިޢާއަކަށް ވާނެ ގޮތަކީ ކޮބައި؟
3. ހެއްކާބެހޭ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ކުރުން.
4. ހެކި ހާމަކުރުމާގުޅޭ އުސޫލުތަކަކީ ކޮބާ؟
5. ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ތަޠުބީޤު ކުރާނީ ކިހިނެތް؟
ނިންމިގޮތް
ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް، ނަމަވެސް ހައިކޯޓުގެ ނިންމުމަށް ވާސިލްވި ސަބަބުތައް މި ޤަޟިއްޔާގެ ނިންމުމަށް ވާސިލްވި ސަބަބުތަކާ ތައާރުޒުވާ މިންވަރުން ބާތިލްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން. |
ކަނޑައެޅުނު އުސޫލު
ގުޅުންހުރި ހެއްކެއްތޯ ބެލުމުގެ އުސޫލުތައް - އެ ވާޤިއާއަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިއާއެއް ނޫންނަމަވެސް އެ ވާޤިއާއަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިއާއާ އެއް މުޢާމަލާތެއްގެ ބައެއްކަމަށްވާނަމަ، އެއީ ގުޅުންހުރި ވާޤިއާއެއްކަން. އެ ވާޤިއާ މެދުވެރިވީ ހަމަ އެ ވަގުތު ކަމަށްވިޔަސް، ހަމަ އެތަނުގައި ކަމަށްވިޔަސް، އެހެން ވަގުތެއްގައި އެހެން ތަނެއްގައި ކަމަށްވިޔަސް. - ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިއާއަށް މަގުފަހިކުރި ނުވަތަ އެ ވާޤިއާގެ ނަތީޖާއެއްގެ ގޮތުން އުފެދުނު ވާޤިއާއަކީ ގުޅުންހުރި ވާޤިއާއެއްކަން. - ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާޤިއާއަށް ތައްޔާރުވުމާއި ބޭނުންވާ ސަބަބު (މޯޓިވް) ދައްކައިދޭ ނުވަތަ އަންގައިދޭ ކޮންމެ ވާޤިއާއަކީ ގުޅުންހުރި ވާޤިއާއެއްކަން. - ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާޤިއާއަށް ޚަސްމު ނުވަތަ ޚަސްމުގެ އެޖެއްޓެއްގެ ފަރާތުން އެ ވާޤިއާގެ ކުރިން ނަމަވެސް އަދި ފަހުން ނަމަވެސް އެއްވެސް ނުފޫޒެއް ފޯރުވާނަމަ/ފޯރުވާފައިވާނަމަ، އެއީ ގުޅުންހުރި ވާޤިއާއެއްކަން. - މީހެއްގެ އަމަލަކީ ގުޅުންހުރި އަމަލެއް ކަމުގައިވާނަމަ، އެ ޢަމަލަށް ނުފޫޒުފޯރާ ގޮތަށް އެ ޢަމަލުކުރާ މީހާއާ މުޚާތަބުކޮށް ނުވަތަ އެމީހާގެ ހާޒިރުގައި އެހެން މީހަކު ބުނާ ބަހަކީ ގުޅުންހުރި ބަހެއްކަން. - ގުޅުންހުރި ވާޤިއާތައް އޮޅުންފިލުވައިދޭ އަދި ތަޢާރަފުކޮށްދޭ ކޮންމެ ވާޤިއާއަކީ ގުޅުންހުރި ވާޤިއާއެއްކަން. - ގުޅުންހުރި ވާޤިއާއަށް ތާއީދު ލިބޭ ނުވަތަ ގުޅުންހުރި ވާޤިއާއެއް ނަފީކުރާ ކޮންމެ ވާޤިއާއަކީވެސް ގުޅުންހުރި ވާޤިއާއެއްކަން. - ގުޅުންހުރި މީހަކީ ކާކުކަން އަންގައިދޭ ނުވަތަ ގުޅުންހުރި ވާޤިއާއެއް ހިނގި ތަނާއި ވަގުތު އަންގައިދޭ ކޮންމެ ވާޤިއާއަކީ ގުޅުންހުރި ވާޤިއާއެއްކަން. މުއާމަލާތު ކޮށްފައިވާ ފަރާތްތަކުގެ ގުޅުން އަންގައިދޭ ވާޤިއާތަށްވެސް މީގެ ތެރޭގައި ހިމެނޭ. - ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުށްކުރަން ރޭވުމުގައި، އެ ކުށްކުރަން ގަސްދުކުރާކަން އެއިން އެކަކު ހާމަކުރުމުގެ ފަހުން، އެ މީހުން އެއް މަޤްސަދެއްގައި ހަރަކާތްތެރިވިކަން އަންގައިދޭ ކަންކަން (އެއިން ކޮންމެ މީހަކު ދައްކާފައިވާ ވާހަކަތައް، ލިޔެފައިވާ ލިޔުންތައް އަދި ކޮށްފައިވާ ކަންކަން) އެއިން ކޮންމެ މީހަކާ ގުޅިގެން އެ ކުށްކުރަން ރޭވުމުގައި ބައިވެރިވެފައިވާކަން ސާބިތުކުރުމަށް ބޭނުންކުރެވޭނެ ގުޅުންހުރި ވާޤިއާއެއްކަން. - ޙައްޤެއް ނުވަތަ އާދައެއް އޮތްކަމާމެދު ސުވާލު އުފެދޭ ޙާލަތުގައި ގުޅުންހުރި ވާޤިއާއަކަށްވާނީ: ޙައްޤު ނުވަތަ އާދަ އުފެދުނު / ބަދަލުވި / ޤަބޫލުކުރެވުނު / ހޯދުމަށް ދަޢުވާކުރި / ލިބިދިނުމަށް / އިންކާރުކުރި / ވުޖޫދުގައިވުމާ ތަޢާރުޒުވާ ކޮންމެ ވާޤިއާއެއް. ޙައްޤު ނުވަތަ އާދައެއްގެ މައްޗަށް ދަޢުވާކުރި / ޤަބޫލުކުރެވުނު / އެ ބޭނުންކުރި / ބޭނުންކުރުމާ ދެކޮޅު ހެދި ލިބެންޖެހޭނެކަމަށް ބުނި / އެއާ ޚިލާފަށް ޢަމަލުކުރި ޙާލަތުތަކާއި ދަނޑިވަޅުތަކުގެ ވާޤިއާތައް. - މީހެއްގެ ވިސްނުމުގެ ހާލަތުތަކާމެދު (ނިޔަތް، އެނގުން، ތެދު ނިޔަތް، އިހުމާލު، ފަރުވާލެއްނެތުން، ވަކި މީހަކަށް ދެރަ ގޮތެއް ނުވަތަ ހެޔޮގޮތެއްވުމަށް އެދުން، ހަށިގަނޑުގެ ޙާލަތު، ހަށިގަނޑުގެ އިޙްސާސްތަކުގެ ޙާލަތު) ގޮތެއް ކަނޑައަޅަންޖެހޭ ހިނދު އެއިން ކޮންމެ ވާޤިއާއެއް. - ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ކަން ހިނގާފައިވަނީ އެކްސިޑެންޓަކުން / ޤަސްދުގައިކަން / އެނގިގެންކަން / އިހުމާލުންކަން ދެއްކުމަށްޓަކައި ސިލްސިލާ ގޮތެއްގައި ހިނގާފައިވަނީ އެ ބާވަތުގެ އެންމެހައި ކަންކަމަކީ ގުޅުންހުރި ވާޤިއާކަން. - ވަކި ކަމެއް ކޮށްފައިވާ ކަމުގެ ސުވާލު އުފެދޭ ހިނދު، އާންމުކޮށް ކަން ކުރުމަށް ހަމަޖައްސާފައިވާ އުސޫލުން އެއީ ކުރަންޖެހޭ ކަމެއްނަމަ، އެކަން އޮތީ ކޮށްފައިކަން ދެއްކުމަކީ ގުޅުންހުރި ވާޤިއާއެއްކަން. ގުޅުމެއް ނެތް ވާޤިއާއެއް ގުޅުންހުރި ވާޤިއާކަށްވާނީ: އެއީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާޤިއާއާ ފުށުއަރާ ވާޤިއާއެއް ކަމަށްވުން. އެ ވާޤިއާއަކުން ނުވަތަ އެ ވާޤިއާ އެހެން ވާޤިއާއަކާ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާޤިއާ ނުވަތަ ގުޅުންހުރި ވާޤިއާ ވުޖޫދުގައިވާކަން ނުވަތަ ނޫންކަމުގެ އިޙްތިމާލު ވަރަށް ބޮޑަށް އުފައްދައިދޭނަމަ. ގުޅުންހުރި ހެއްކެއްތޯ ބެލުމުގެ ޓެސްޓް (1) އެ ހެކި ޚަސްމަކު ހުށަހެޅުން. (2) އެ ހެއްކަކީ ގުޅުންހުރި ހެއްކަކަށްވުން. (ކޯޓުން ގޮތެއް ނިންމަންޖެހޭ ވާޤިއާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ހެއްކަކަށްވުން) (3) އެ ހެކި ޤާނޫނީ ޓެސްޓުން ފާސްވުން (ޤާނޫނު ހުއްދަކުރާ ހެއްކަކަށްވުން) - ގުޅުންހުރި ނަމަވެސް އިތުބާރު ނެތް ހެއްކެއްކަމަށްވާނަމަ، ހެކިބަސް ނުވަތަ ހެކި ހުށަހަޅާ ފަރާތުން ހެކި ހުށަހެޅުމުން އެ މަރުޙަލާގައި ސަބަބު ބަޔާންކޮށް ނުވަތަ އޭގެ އިދިކޮޅު ދޭހަވާ ހެކި ހުށަހަޅާއި އެ މަރުޙަލާގައި ހެކި ތައުނުކޮށް ވާހަކަދައްކަން ޝަރީޢަތްކުރާ ފަނޑިޔާރު އަނެއް ޚަސްމަށް ފުރުސަތުދޭންވާނެކަން. - ނުގަވައިދުން ހެއްކެއް ބަލައިގަނެފައިވާ ކަމަށް ބުނެ ނުވަތަ އެއްކިބާކޮށްފައިވާކަމަށް ބުނެ އިސްތިއުނާފުކުރާނަމަ، އެކަމުގެ ސަބަބުން އަދުލުއިންސާފު އެކަމުގެ ސަބަބުން އެއްކޮށް ގެއްލިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ދައްކުވައިދޭންވާނެކަން. - ހެއްކެއް ބަލައިގަންނަން ނުވަތަ ބަލައިނުގަންނަން ނިންމަވާ ސަބަބު ފަނޑިޔާރު ތަފްސީލްކޮށް ލިޔަންވާނެކަން. ހެއްކާބެހޭ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ކުރުން - ޤާނޫނެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި ޤާނޫނުތައް ހިންގަން ފަށަންވާނީ އެ ޤާނޫނުތަކަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެންކަން. - ހެއްކާބެހޭ ޤާނޫނަކީ ކުށުގެ އަދަބަށް ލުއިދީފައިވާ ޤާނޫނެއް ނޫންކަމުން ޤާނޫނުއަސާސީގެ 59 މާއްދާގެ (ހ) ހެއްކާބެހޭ ޤާނޫނަށް ތަޠުބީޤު ނުވާނެކަން. - ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހިނގާ ޝަރީޢަތްތަކުގައި ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރުން ލާޒިމުވާނެކަން. ހެކި ހާމަކުރުމާ ގުޅޭ - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭނީ އެ މަޢުލޫމާތަކީ ނުވަތަ އެ ހެއްކަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަޙްޤީޤެއްގައި ނުވަތަ ކުރި ސުވާލެއްގެ ޖަވާބުގައި ލިބިފައިވާ މަޢުލޫމާތު ކަމުގައިވާނަމަކަން. - ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) : ޤާނޫނު ތަންފީޒުކުރާ އިދާރާއިން ތަޙްޤީޤުގެ ބޭނުމަށް އެއްކޮށްފައި ހުރި ހުރިހާ މަޢުލޫމާތެއް ދިފާޢަށް ލިބޭނެ ފުރުސަތު ދޭންޖެހޭނެކަން. - ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ އުސޫލަކުން ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ނުވަތަ ބޭނުންކުރާ މައްސަލައިގެ ފައިލް ބެލުމުގެ ޙައްޤުވެސް ދިފާޢަށް ލިބިގެންވާކަން. އެއީ ތަޙްޤީޤު ކުރިއަށް ގެންދިޔަ ގޮތުގެ ލޮގް އަދި ހޯދުންތަކުގެ ލޮގްވެސް ހިމެނޭ ގޮތުން. - މުޅި ތަޙްޤީޤު ފައިލް އަދި ލޮގްތައް ދިފާޢަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ފަނޑިޔާރު އެގޮތަށް އަމުރުކޮށްފިނަމަ، ޕްރޮސިކިއުޝަންގެ ޒިންމާއެއްކަން. ހިމާޔަތްކުރަންޖެހޭ ސިއްރު ހެކިވެރިންގެ މަޢުލޫމާތު ހާމަނުކޮށް ހިފެހެއްޓުން ނުވަތަ އެނޫންވެސް މައްސަލައެއްގައި ހިމެނޭ އެފަދަ އެހެން މަސްލަހަތެއް ހިމާޔަތްކުރަންޖެހޭކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ އެފަދައިން އަމުރުކުރަންވާނެކަން. - މައްސަލައެއް ތަޙްޤީޤު ކުރި އިދާރާ ނޫން އެހެން ދައުލަތުގެ އިދާރާއެއް ނުވަތަ މިނިވަން މުއައްސަސާއެއްގައި ދަޢުވާ ލިބޭ މީހާގެ ދިފާޢު ބިނާކުރުމަށްޓަކައި ބޭނުންވާ ލިޔުމެއް / މަޢުލޫމާތެއް ހުރި ކަމަށް ދަޢުވާ ލިބޭ މީހާ ބުނާނަމަ، ނުވަތަ އެނޫންވެސް އަމިއްލަ ފަރާތެއްގައި އެފަދަ ލިޔުމެއް / މަޢުލޫމާތެއް ހުރި ކަމަށް ދިފާޢުން ކޯޓުގައ އެދިއްޖެނަމަ، ހެއްކާބެހޭ ޤާނޫނު އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން އިންތިޒާމްކުރުމަށް ޕްރޮސިކިއުޝަންގެ މައްޗަށް އަމުރުކުރެވިދާނެކަން. - ހެކި ހާމަކުރުމަށް އަމުރުކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ޓެސްޓަކީ ރެލެވެންސީ ނުވަތަ ގުޅުންހުރި ހެއްކެއްތޯ ނޫންތޯ އާއި، އެއްވެސް ޤާނޫނެއް / ޤަވާއިދަކުން އެ ހެކި ހާމަކުރުން މަނާކުރޭތޯ ނުވަތަ ނޫންތޯކަން. - ރެކޯޑްކުރުން ޤާނޫނުން ލާޒިމްނުކުރި ނަމަވެސް، އެފަދަ ރެކޯޑިންގއެއް އޮތްނަމަ، އަދި ހޯދަން އެދިއްޖެނަމަ، ދިފާޢަށް އެ ފަދަ އެއްޗެއް ހޯދަން އެދެވިދާނެކަން. ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ތަޠުބީޤު ކުރުން - ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު ޤަޟިއްޔާގައި ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) މާނަކޮށްދީފައިވާ ގޮތް މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ. - ޤާނޫނުލްއުޤޫބާތުގައި ކަނޑައެޅިފައިވާ ކުށަކާ އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ޤާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ ފުށުއެރުމެއް އޮތްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި ކޮންމެ މައްސަލައެއްގައި ދަޢުވާކޮށްފައިވާ ކުށުގެ ތަފްސީލަށް ދިއުން މުހިއްމުކަން. - ދެ ޤާނޫނެއްގައި އެއް ނަމެއްގައި ކުށް ބަޔާންކޮށްފައި އޮންނަ ޙާލަތުގައިވެސް، ކުށް ސާބިތުކުރުމަށް ހެކި ޤަރީނާ ބޭނުންވާ މިންވަރުގެ މައްޗަށް ރިޢާޔަތްކޮށް އެއީ ތަފާތު ދެ ކުށެއް ކަމަށް ބެލެވިދާނެކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ) |