ޢަލީ ޒުބައިރު އަދި އިތުރު 2 މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2020/SC-A/108,109,110
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
29/12/20

ފަނޑިޔާރުން

ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޑރ.މުޙައްމަދު އިބްރާހިމް

މައްސަލައިގެ ޚުލާސާ

ގދ.ހޯޑެއްދޫ، ގުލޭނޫރަންމާގެ ޢަލީ ޒުބައިރު އާއި، ލ.ކަޅައިދޫ، މަތަރަސްމާގެ ޙުސައިން ޒަހީން އާއި ގދ.ހޯޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދަކީ އެއް މައްސަލައެއްގައި ތުހުމަތުކުރެވިގެން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ތިން މީހުންނެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި މި ތިން މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާއިރު، މި ތިން މީހުންގެ ބަންދު މުރާޖަޢާކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އާ އެއްގޮތަށް ދައުލަތުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ ބަންދު މުރާޖައާ އަޑުއެހުމުގައި މި ތިން މީހުންވެސް ކްރިމިނަލް ކޯޓުގައި ވާހަކަދެއްކިއެވެ. މި އަޑުއެހުމުގައި މި ތިން މީހުންނާއި ދައުލަތުގެ ވާހަކަތަކަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުން ނިންމީ، މި ތިން މީހުން ބަންދުގައި ބޭތިއްބުމަށް ކުރި އަމުރުތަކަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. ބަންދު މުރާޖަޢާކޮށް ނިންމި ނިންމުންތައް މި ތިން މީހުންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމިއެވެ.

މިއީ ހައިކޯޓުގެ ޙުކުމް ޢަލީ ޒުބައިރު، ޙުސައިން ޒަހީން އަދި އަރުޝަދު ޚާލިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތުގައި ބަންދު މުރާޖައާ ނުކުރުމުން ނުކުންނާނެ ނަތީޖާއަކީ ކޮބާ؟

2. އިޖުރާއަތެއް ގޯސްވުމުގެ ނަތީޖާއަކީ ކޮބާ؟

3. 60 ވަނަ މާއްދާގެ (ވ) އަކީ ކޮން ބާވަތެއްގެ އިޖުރާއަތެއް؟

4. މުޖްތަމަޢުގެ ޙައްޤާއި ތުހުމަތުކުރެވޭ މީހާގެ ޙައްޤުތައް އެއްހަމަކުރާނީ ކިހިނެއް؟

5.ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ މަޤްސަދަކީ ކޮބާ؟

6. 30 ދުވަހުން ބަންދު މުރާޖައާ ނުކުރެވޭ މީހުންގެ ބަންދުވާނީ ޣައިރު ޤާނޫނީ ބަންދަކަށްތަ؟

7. ޣައިރު ޤާނޫނީ ކަމެއްތޯ ނޫންތޯ ކަނޑައަޅާނެ ޓެސްޓަކީ ކޮބާ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ބަންދު މުރާޖަޢާކުރުން

- ޖިނާއީ އިޖުރާއަތުގެ 60 ވަނަ މާއްދާ : ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވާ ނިންމުން ނިންމުމުގެ ބާރު 30 ދުވަހުގެ މުއްދަތަށް ކުރުކޮށްފައެއެް ނުވާކަން. ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރަން 60 ވަނަ މާއްދާގެ (ށ) (ކ) އިން ފަނޑިޔާރަށް ލިބިދެވޭ ބާރު ހަނިކޮށްފައެއް ނުވާކަން. 60 ވަނަ މާއްދާގެ (ވ) އިން ހަމައެކަނި އިތުރުކުރެވިފައިވާ އިޖުރާއަތަކީ ކޮންމެ 30 ދުވަހަކުން ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ ނިންމުން މުރާޖަޢާ ކުރަންޖެހުންކަން.

- ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުން ތަންފީޒުކުރުން ލާޒިމް ނިންމުމެއްގެ ގޮތުގައި އޮތްކަމާއި އެ ނިންމުން ވުޖޫދުގައި އޮއްވައި އެ ނިންމުމާ ޚިލާފަށް ޢަމަލު ނުކުރެވޭނެކަން.

- 60 ވަނަ މާއްދާގެ (ވ) އިން ޞަރީޙަކޮށް ބަންދު އަމުރު ބާތިލްވާނެކަން އެނގެން ނެތްއިރު، އިޖުރާއަތާއި ޚިލާފުވާއިރަށް އޭނާ ބަންދުން ދޫވާނަމަ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރުން އަމުރުގެ ބާރު ކެނޑިގެންދާކަމާއި ޤާނޫނު މާނަކުރަންވާނީ ޝަރުޢީ ކޯޓުތަކަށް ލިބިފައިވާ ބާރު ނުކެނޑޭނެފަދަ ގޮތަކަށްކަން.

- ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިނަމަ ދެން އެ އަމުރު މުރާޖަޢާކޮށް ބާތިލްކުރަންދެން އޭގެ ބާރު ދެމިއޮއްނާނެ. މިކަމަށް އިތުރަށް ބާރު ލިބެނީ ޕީޖީ އޮފީހަށް އަމުރު ބާތިލްކުރުމަށް އެދުމުގެ ބާރު 60 ވަނަ މާއްދާގެ (މ) އިން ދީފައިވާތީކަން.

އިޖުރާއީ ގޯސް

- ބައެއް އިޖުރާއަތަކީ އެއާ ޚިލާފުވުމުން ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނެ ކަންކަން އަދި އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރުކުރާނެ ކަންކަން. (ބަންދުގައި ހުރި މީހެއް ބަންދުން ދޫވުން).

- އަނެއްބައި އިޖުރާއަތަކީ މީހާގެ އަސާސީ ޙައްޤަކާއި ގުޅުމެއްނެތް އަދި އެ އިޖުރާއަތު ރަނގަޅުކުރުމުގެ ފުރުސަތު އޮންނަ އިދާރީ އިންތިޒާމްތަކެއް އަދި ރަނގަޅުކުރުމާއެކު މައްސަލައާގެން ކުރިއަށް ދެވޭނެ ކަންކަން.

- 60 ވަނަ މާއްދާގެ (ވ) : މައްސަލައިގެ މައުޟޫއަށް އަދި ނިޔާއަށް އަސަރެއް ނުކުރާކަން. އަސާސީ ޙައްޤެއް ގެއްލިގެނެއް ނުދާކަން. ޚިލާފުވުމުން ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް އިޞްލާޙުކުރުމުގެ ފުރުޞަތު އެބައޮތްކަން. އިޖުރާއަތާއި ޚިލާފުވުމުގައި އިހުމާލުވި ފަރާތްތަކަށް  ފިޔަވަޅު އަޅާނީކަން. 

- މުޖްތަމަޢުގެ ޙައްޤާއި ތުހުމަތުކުރެވޭ މީހާގެ ޙައްޤަކީ އެއްހަމައެއްގައި އެއްވަރަކަށް އޭގެ ޙައްޤުވެރިންނަށް ލިބިދެވެންޖެހޭ ދެ ޙައްޤުކަން: 1. (މުޖްތަމަޢު): ކޮންމެ އިޖުރާއީ ގޯހަކީ މައްސަލަ ބާތިލުވުން ނުވަތަ ބަންދުގައި ހުރި މީހާ ދޫކޮށްލުންކަމަށްވާނަމަ، މުޖްތަމަޢުގެ ޙައްޤަށް ނުބައި އަސަރުކުރޭ. މުޖްތަމަޢުގެ ޙައްޤަކީ އަމާންކަން ލިބުން. އަމާންކަން ލިބޭނީ ކުށްކުރާ މީހުންނަށް ދޭންޖެހޭ އަދަބުދީ އެމީހުން މުޖްތަމަޢަށް ގެނައުމުން. މި ޙައްޤު މުޖްތަމަޢަށް ލިބިދިނުމަކީ އިޖްރާއަތު ޤާނޫނުގެ މަޤްޞަދެއް. މުޖްތަމަޢުގެ އަމާންކަމާއި ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ބިނާވެގެންވަނީ މި ޙައްޤު މުޖްތަމަޢަށް ލިބޭ ގޮތުގެ މައްޗަށް. 2. (ތުހުމަތުކުރެވޭ މީހާ): ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވޭ. ކުށް ސާބިތުވަންދެން މަޢުޞޫމް މީހެއްކަމުގައި ބެލެވޭއިރު، އެކަން ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވޭ.

- އިންސާފު ޤާއިމްކުރުމުގެ ގޮތުން، މުޖްތަމަޢުގެ ރައްކާތެރިކަމަށްޓަކައި ޙުކުމުގެ ކުރިން ތުހުމަތުކުރެވޭ މީހާ އިސްތިސްނާ ގޮތެއްގައި ބަންދުގައި ބެހެއްޓޭކަން. މިއީ 2 ޙައްޤު ހަމަހަމަކުރުމަށް ކުރެވޭ ކަމެއްކަން. މިގޮތުން އިސްތިސްނާ 4 ޙާލަތެއް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި ޖިނާއީ އިޖުރާއަތުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވޭ:

- 1، 2، އަދި 3: ބަންދުގައި ނުބަހައްޓައިފިނަމަ، އިންސާފު ޤާއިމްކުރުމަށް ދަތިވާނެތީ ބަންދުކުރަންޖެހޭ ޙާލަތްތައް. 4: ބަންދުން ދޫވެއްޖެނަމަ މުޖްތަމަޢުގެ ރައްކަލަށް ބުރޫއަރާފާނެކަމަށް ބަލާފައި.

- އެހެންކަމުން މިއިން ޙާލަތެއް އޮވެގެން  މީހަކު ބަންދުކުރުމުން އެއީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާ ޚިލާފެކޭ ނުބުނެވޭނެ. އެގޮތުން ބަންދުގައި ބަހައްޓަން ނިންމާ ނިންމުން މުރާޖަޢާކޮށް އިތުރު ގޮތެއް ނިންމުމުގެ ކުރިން މުއްދަތު ފާއިތުވިޔަސް އެމީހާ ބަންދުގައި ބަހައްޓަން ނެރުނު އަމުރު ދެމިއޮއްނާނެ. ނޫންނަމަ، ޢަދުލް އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅި، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާނެ. މިއީ އިޖުރާއަތު ޤާނޫނުގެ 60 (ވ) ގެ މަޤްޞަދެއް ނޫން.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 (ވ) ގެ މަޤްސަދު

އެއީ ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމަން ބާރުއެޅުންކަން. ބަންދުގައި ބެހެއްޓި ސަބަބު ދެމިއޮތްތޯ ބަލައި ނެތްނަމަ ދޫކޮށްލުން އަދި ސަބަބު ދެމިއޮތްނަމަ ބަންދު ދެމެހެއްޓުންކަން.

މި މާއްދާގެ ސަބަބުން މައްސަލަައިގެ ވާނުވާ ނޭގި ބަންދުގައި މީހުން ތިބުމަށް ނިމުމެއް ގެނެވޭނެކަން. އިޖުރާއަތު ފުރިހަމަކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ މަގުފަހިކޮށް، އެފަދައިން ކުރިއަށް ދިއުމަކީ އިޖުރާއަތާއި އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުންކަން.

މި މާއްދާގެ މަޤްޞަދަކީ އިޖުރާއަތު ފުރިހަމަނުވުމުން ދޫކުރުން ނޫންކަން. އެއީ އަސާސީ ޙައްޤެއް ގެއްލިގެން ގޮސްފައިނުވުމާއި ނިޔާއަށް އަސަރުކޮށްފައި ނުވުމާއި އަދި އިޖުރާއަތު ފަހުން އިޞްލާޙުކުރުމުގެ ފުރުޞަތު އޮންނާތީކަން.

އިޖުރާއަތާއި ޚިލާފުވުމުގެ ނަތީޖާ އަދި ޣައިރު ޤާނޫނީ ބަންދު

- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތެއް އޮތް ކަމަށާއި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) (ކ) ގައި ބުނާ 'އެމީހަކާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް' ފަނޑިޔާރަކު ނެރެފައިވާ އަމުރެއް ދެމި އޮންނަހާހިނދަކު އެމީހާގެ ބަންދަކީ ދުސްތޫރީ ގޮތުން ޞައްޙަ ބަންދެއްކަން. އެއީ 60 ވަނަ މާއްދާގެ (ވ) ގެ މަޤްޞަދަކީ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު އޮތްތޯ ނެތްތޯ ބެލުމަށްޓަކައި ކުރަން އޮންނަ ކަމެއްކަން.

- ޤާނޫނަކުން މަނާކޮށްފައިވާ ކަމެއް ކުރުމުން ނުކުންނަ ނަތީޖާ އާއި އިޖުރާއީ ޤާނޫނެއްގެ ވަކިކަމެއް ވަކިގޮތަކަށް ކުރަން ބަޔާންވެފައި ވަނިކޮށް އެހެން ގޮތަކަށް ޢަމަލުކުރުމުން ނުކުންނަ ނަތީޖާއަކީ ތަފާތު ދެ ނަތީޖާއެއްކަން.

- ޤާނޫނެއްގައި މަނާކަމެއް ކުރުމުން އެއީ ކުށެއް އަދި އެކަމުގެ ޖަޒާ ޤާނޫނުގައިވާ ގޮތުގެ ލިބެންވާނެކަން އަދި މަނާކޮށްފައިވާ ޢަމަލުވެސް ވާނީ ބާތިލު ޢަމަލަކަށްކަން.

އިޖްރާއަތެއް ބަޔާންކުރާ ޤާނޫނަކާއި ޚިލާފުވީމާ ނުކުންނަނީ ދެ ނަތީޖާއެއް:

- އިހުމާލުވީ ފަަރާތަށް ޖަޒާ ލިބުން.

- އިޖުރާއަތާއި ޚިލާފަށް ކުރުމުން އެކަން ބާތިލުކަމަށް ޤާނޫނު ޤަބޫލުކުރާ ޙާލަތާއި އުނިކަމާއި އެކުވެސް އެކަން ޞައްޙަކަމެއްކަމަށް ޤާނޫނު ޤަބޫލުކުރާ ޙާލަތް.

- އިޖުރާއަތާއި ޚިލާފަށް ޢަމަލުކުރުމުން ބާތިލުވާނީ:

ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލީކަމަކާއި ޚިލާފުވުން.

އެއްވެސް ވަރަކަށް އިޖުރާއަތު ނުހިންގައި ބޮލާލައި ޖަހާފައިވުން.

ޣައިރު ޤާނޫނީ ކަމެއްތޯ ނުވަތަ ނޫންތޯ ބަލާ ޓެސްޓް

- ޣައިރު ޤާނޫނީ ކަމެއްތޯ ނުވަތަ ނޫންތޯ ބަލާނީ ޤާނޫނުގައި އެކަން ބަޔާންކޮށްފައިވާ އިބާރާތަށް ބަލައިގެންކަން: އިޖުރާއީ ޤާނޫނެއްގައި ވަކިކަމެއް ކުރުން މަނާކޮށްފައިވަނިކޮށް، އެނޫންގޮތަކަށް އެކަމެއް ކޮށްފިނަމަ ޣައިރު ޤާނޫނީ ކަމަކަށް ވާނެކަން.

- ޣައިރު ޤާނޫނީ ނުވެ ހަމައެކަނި ޚިލާފުވީ ކަމަށްވާނީ ޤާނޫނުގައި ވަކި ގޮތަކަށް ކުރަން ލާޒިމްކޮށްފައިވާ ކަމެއް އެންމެ ފުރިހަމައަށް ކޮށްފައިނުވާނަމަކަން.

-  30 ދުވަހުން ބަންދު މުރާޖައާ ނުކުރެވޭ މީހުންގެ ބަންދު ޣައިރު ޤާނޫނީ ބަންދަކަށް ނުވާނެކަން. އެފަދަ ޙާލަތުގައި ބަންދު މުރާޖައާ ވަގުތަށް ނުކުރެވުމުގައި ބައެއްގެ އިހުމާލުވާނަމަ، އެބަޔަކަށް ފިޔަވަޅު އަޅާނީކަން.

- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2018/HC-A/292ގެ 3 ވަނަ ނުކުތާގެ (އ) ގެ ޕެރެގްރާފްގެ 6 ވަނަ ފޮޅުވަތުގައި 'އިޖުރާއީ ކަންތައްތައް ފުރިހަމަނުކޮށް' މިހެން ލިޔެވިފައިވަނީ ހުރިހާ އިޖުރާއަތު ހިމެނޭ ގޮތަށް ކަމުން އެގޮތް ގޯސްކަން. ފުރިހަމައަށް ނެތް ރަނގަޅު ކުރެވިދާނެ އިޖުރާއީ އުނި ކަންތައްތަކުގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ބާތިލްވާނަމަ ޖިނާއީ ޢަދުލުގެ ނިޒާމް އެއްކޮށް ބުރައެއްގެ ތެރެއަށް ދާނެކަމާއި ކުށްކޮށްފައިވާކަން ޔަޤީންވާ މީހުންވެސް ކުށުން ވީއްލުމުގެ ފުރުޞަތު އޮތްކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ