ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ޝާހިދު
- ޤަޟިއްޔާ ނަންބަރު:
- 2020/HC-A/40
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- މަކަރާއި ޙީލަތްހެދުން
- ނިމުނު ތާރީޚު:
- 18/08/22
ފަނޑިޔާރުން
މުޙައްމަދު ނިޔާޒު (ރިޔާސަތު)، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
މައްސަލައިގެ ޚުލާސާ
އިބްރާހީމް ޝާހިދު 09 ނޮވެންބަރު 2011 ދުވަހާއި 20 ނޮވެންބަރު 2011 ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހ.ޝީޝާވެހި، އަޙްމަދު ޙަސަން މަނިކާއި މއ.ހުޝާމިން، އިބްރާހީމް ޙުޝާމާއި މއ.ހުޝާމިން، ޙުސައިން ހުޝާމް ހުޅުވާފައި އޮންނަ ނަންބަރު 10201 56353 1260 އެކައުންޓުން އެފަރާތްތަކަށް ނޭނގި، އެކު ޖުމްލަ -/18،000،000ރ. (އަށާރަ މިލިޔަން ރުފިޔާ) އިބްރާހީމް ޝާހިދު އާއި ދަފްތަރު ނަންބަރު ރސ 1307 (ބ.ހިތާދޫ، ނޫރާނީމާގެ) މުޙައްމަދު ރަޝީދު ޢަބްދުލްބާޤިރުގެ ބީ.އެމް.އެލް ޖޮއިންޓް އެކައުންޓެއްކަމަށްވާ 7704 282831 001 ނަންބަރު އެކައުންޓަށް ޖަމާކޮށްފައިވާއިރު، މިފައިސާ ޖަމާވުމުން، 16 ނޮވެންބަރު 2011 ދުވަހު -/4،419،555 (ހަތަރު މިލިއަން ހަތަރުލައްކަ ނަވާރަހާސް ފައްސަތޭކަ ފަންސާސްފަސް ރުފިޔާ) ނެގޭގޮތަށް 000014 ނަންބަރު ޗެކާއި 17 ނޮވެންބަރު 2011 ދުވަހު -/3،967،500ރ. )ތިންމިލިއަން ނުވަލައްކަ ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ރުފިޔާ) ނެގޭގޮތަށް 000025 ނަންބަރު ޗެކާއި 21 ނޮވެންބަރު 2011 ދުވަހު -/5،160،000ރ. (ފަސްމިލިއަން އެއްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ( ނެގޭގޮތަށް 000022 ނަންބަރު ޗެކު ހ.ހަބަރުގެ، ޝައުކަތު އިބްރާހީމަށް ދޫކޮށްފައިވާއިރު، މިޗެކުތަކުގައި ކޮށްފައިވާ ދެސޮއިގެ ތެރެއިން އެއް ސޮޔަކީ އިބްރާހީމް ޝާހިދުގެ ސޮއިކަން ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓުން އެނގެން އޮންނާތީ، އަޙުމަދު ޙަސަން މަނިކުގެ ނަންބަރު 10201 53653 1260 އެކައުންޓުން އެ އެކައުންޓުގެ ވެރިފަރާތަށް ނޭނގި މަކަރާއި ޙީލަތުން އެފައިސާތައް އިބްރާހީމް ޝާހިދު ނަގާފައިވާކަން އެނގެން އޮންނާތީ ދައުލަތުން އިބްރާހީމް ޝަހީދުގެ މައްޗަށް ކުރި ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރެއްވިއެވެ.
މިއީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލް އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފު ޤަޟިއްޔާއެވެ.
އިޝޫ
1.މަކަރާއި ޙީލަތްހެދުމުގެ ކުށުގެ ދަޢުވާގެ އުންސުރުތަކަކީ ކޮބާ؟
2.މަކަރާއި ޙީލަތް ހެދުން ތަފާތުވާ ގޮތަކީ ކޮބާ؟
3.މަކަރާއި ހީލަތް ހެދުމުގައި އޮޅުވާލެވޭ ފަރާތް ނިސްބަތްވަނީ ކާކަށް؟
4.ކުށެއް މާނަކޮށްދިނުމުގައި "އޮޅުވާލުން" މިބަސް ހިމެނިގެންވާނަމަ، އެ ކުށެއްގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ ޝަރުތަކީ ކޮބާ؟
5.މަކަރާއި ޙީލަތް ހެދުމުގައި އޮޅުވާލުން ހިމެނިގެންވާކަން ނުވަތަ ނޫންކަން ދެނެގަނެވިދާނެ ގޮތެއް އޮވޭތަ؟
6.ޕްރޮސިކިއުޝަނުން ހުށަހަޅާ ދަޢުވާގެ ޞީޣާގައި، ކުށުގެ އުންސުރެއް މަދުވާގޮތަށް ސީޣާ ލިޔެފައިވާނަމަ އޭގެ ނަތީޖާއަކީ ކޮބާ؟
7.ދަޢުވާ ކުރިއިރު ޢަމަލުކުރަމުން އައި ޤާނޫނާއި، ޙުކުމް ކުރުމުގެ ކުރިން ޢަމަލުކުރަން ފެށި ޤާނޫނެއްގައި ދަޢުވާ ކޮށްފައިވާ ކުށަށް އަންނަ އަދަބު ބަޔާންވެފައިވާނަމަ ޢަމަލުކުރާނީ ކިހިނެއް؟
8.ކުށުގެ އަދަބުގެ ބައެއް ގޭގައި ބަންދު ކުރުމުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅުމުގެއިޚްތިޔާރީ ބާރު ބޭނުންކުރުމުގެ މިންގަނޑަކީ ކޮބާ؟
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޤާނޫނާއި އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށްނުވާތީ، އެ ޙުކުމް ބާޠިލްކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާގެ އުންސުރުތައް
- މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއެއްގައި ހިމެނޭ އުންސުރުތަކަކީ؛ (1) އަނެކާއަށް ހަގީގަތް އޮޅުވާލުން (2) ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުން. (3) އަނެކަކަށް ގެއްލުމެއް ވުން. މި 3 އުންސުރުކަމަށް ބަޔާންކޮށްފައިވޭ.
- އެ ޢަމަލަކީ ޓެކުމުގެ ތަޢުރީފުން ބޭރު ޢަމަލެއް ކަމުގައި ވާންޖެހޭ ކަމަށާއި، ނަމަވެސް، ޓެކުމުގެ ޢަމަލެއް ކަމުގައި ނުވުމަކީ މަކަރާއި ޙީލަތުގެ އުންސުރެއް ނޫން ކަމަށް ބަޔާންކޮށްފައިވޭ.
މަކަރާއި ޙީލަތް ހެދުމާއި، ޓެކުމުގެ ކުށް ތަފާތު ވާ ގޮތް
މަކަރާއި ޙީލަތް ހެދުމުގެ ކުށް | ޓެކުމުގެ ކުށް |
1- ކުށް ކުރާ ފަރާތުން އެކަން ކުރަނީ މުދަލުގެ ވެރިފަރާތަށް ނުވަތަ މުދަލާ ޙަވާލުވެ ހުރި ފަރާތަށް އޮޅުވާލައިގެން. | 1- ފައިސާ ނުވަތަ ތަކެތި (މުދާ) އަތުލަނީ ވެރިފަރާތުގެ ރުހުން އޮވެގެން އޭނާގެ އެގުމާއި ފެނުމުގެ ތެރެއިން. |
2- ފެށުނީންސުރެ ނިމެންދެން އެއީ ޤާނޫނާއި ޚީލާފު ކުށުގެ ޢަމަލެއް ކަމުގައިވެގެންދާކަން. | 2- ފުރަތަމަ މުދާ އަތުލާ އަތުލުން އެއީ ކުށެއް ކަމުގައި ނުވާކަން. ނަމަވެސް ކުށަކަށްވަނީ އެމުދާ އަމިއްލަ ބޭނުމަށް ބޭނުންކުރަން ފަށާހިސާބުންކަން. |
3- މަކަރާއި ޙީލަތުގެ ކުށަކީ ކޮންމެ މީހަކުވެސް ކޮށްފާނެ ކުށެއްކަން. | 3- އާންމުގޮތެއްގައި ޓެކުމުގެ ކުށް ކުރެވޭނީ، ދަންނަ މީހުން، ގާތްތިމާގެ މީހުން ރައްޓެހި ރަޙްމަތެރިން ނޫނީ މުދަލުގެ ޙިއްޞާއެއް އޮންނަ ނޫނީ ކޮންމެވެސް ގޮތަކަށް ކޮންމެވެސް މިންވަރަކަށް ދެކެފަރިތަ ދަންނަ މީހުންކަން. |
4- މަކަރާއި ޙީލަތުގައި ލިބޭ ގެއްލުމަކީ އަނެކަކަށް ގެއްލުމެއް ލިބޭ ކޮންމެ ކަމެއްކަން. ވީމާ، މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން، ނަފްސާނީ ޖިސްމާނީ އަދި އަބުރަށް ލިބޭ ގެއްލުންވެސް ހިމެނިދާނެކަން. | 4- ޓެކުމުގައި ގެއްލުން ލިބެނީ ފައިސާ ނުވަތަ ތަކެއްޗަށްކަން. އެހެން ގޮތަކަށް ބުނާނަމަ، ނަފްސާނީ ޖިސްމާނީ ނޫނީ އަބުރަށް ލިބޭ ގެއްލުން ޓެކުމުގައި ނުހިމެނޭކަން. |
- މަތީގައިވާ ތަފާތު ތަކަށް ބެލުމުން، މަކާރާއި ޙީލަތް ހެދުމުގެ ކުށާއި ޓެކުމުގެ ކުށަކީ، އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް، ތަފާތު ދެކުށެއް ކަން އެނގޭތީ، މަކަރާއި ޙީލަތުގެ ކުށް މާނަ ކޮށްދިނުމުގައި ޓެކުމުގެ ޢަމަލު ހިމެނިގެން ނުދާނެކަން ބަޔާން ކުރުމުގެ ގޮތުން، "ޓެކުމަކަށް ނުހިމެނޭ ގޮތުން" މިޢިބާރާތް ބޭނުން ކޮށްފައި ވަނީކަން އެނގޭކަން ބަޔާންކޮށްފައިވޭ.
މަކަރާއި ޙީލަތް ހެދުމުގައި އޮޅޫވާލެވޭ ފަރާތަށް ނިސްބަތްވާ މީހާ
-މަކަރާޙީލަތް ހެދުމުގެ ކުށުގައި އޮޅުވާލެވޭ ފަރާތަކީ މުދަލެއްގެ އަސްލު މިލްކުވެރިކަން (ownweship) އޮތް ފަރާތަށް ކޮންމެހެން ވާކަށް ނުޖެހޭ ކަމާއި، ސަބަބަކީ މުދަލުގެ އަތުގެވެރިކަން (possession) އެހެން މީހެއްގެ ކިބައިގައި ވެސް އޮވެދާނެ ކަމަށްޓަކައި ކަމަށް ބަޔާންކޮށްފއިވޭ.
-މިކުށުގައި ބަލަންޖެހޭ ކަމަކީ، އެއޮޅުވާލުމުގެ ސަބަބުން، "...ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް..." ލިބިގަނެވޭ ގޮތަށް އެއޮޅުވާލުން އަމާޒު ކުރެވުނު ފަރާތުން ޢަމަލު ކުރި ތޯއެވެ. އަދި އެކަމުން " ....އަނެކަކަށް ގެއްލުމެއް..." ލިބުނު ތޯއެވެ. އެގެއްލުން ލިބުނީ އެމުދަލުގެ މިލްކުވެރި ފަރާތް ނުވަތަ އެވަގުތަކު އެމުދަލަކާއި ޙަވާލުވެހުރި ފަރާތް ކަމަށްވެސް ވެދާނެކަމަށް ބަޔާންކޮށްފައިވޭ.
ކުށެއް މާނަކޮށްދިނުމުގައި "އޮޅުވާލުން" މިބަސް ހިމެނިގެންވާނަމަ، އެކުށެއް ފުރިހަމަވުމުގެ އަސާސީ 02 ޝަރުޠު
-ފުރަތަމަ ޝަރުޠަކީ އެކުށުގައި މަކަރުހެދުން، ނޫނީ މަކަރުވެރިކަމުގެ ނިޔަތެއްވުން، ނޫނީ ބައެއް ޙާލަތްތަކުގައި ސިއްރުކުރުން ހިމެނިގެން ވުން ކަމާއި، ދެވަނަ ޝަރުތަކީ، އެމަކަރުވެރިކަމުން ނޫނީ ސިއްރުކުރުމުގެ ސަބަބުން ހަގީގީ ގެއްލުމެއް މީހަކަށް ލިބުން، ނޫނީ ގެއްލުމެއް ލިބިދާނެ ޙާލަތެއް މީހަކަށް މެދުވެރިވުން، ނުވަތަ ބައެއް ޙާލަތްތަކުގައި، ހަގީގީ ގެއްލުމެއް މީހަކަށް ދިނުމަށް ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ޙާލަތަށް މީހަކު ހުށަހެޅުމުގެ ނިޔަތެއް އޮތުން ކަމަށް ބަޔާންކޮށްފައިވޭ.
މަކަރާއި ޙީލަތް ހެދުމުގައި އޮޅުވާލުން ހިމެނިގެންވާކަން ނުވަތަ ނޫންކަން 2 ސުވާލެއް ކޮށްގެން ދެނެގަނެވިދާނެ
- ފުރަތަމަ ސުވާލަކީ، މަކަރާ ޙީލަތް ހެދި މީހާ އެކަމުން ފައިދާއެއް ހޯދި ހެއްޔެވެ؟ ޖަވާބަކީ، އާއެކޭ ނަމަ، ދެވަނަ ސުވާލަކީ، އެކަމުގެ ހަގީގަތަކީ ކޮބާކަން އެގިފައި އޮތްނަމަ، އެފައިދާ އޭނާއަށް ހޯދުނީސް ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭނަމަ، އޭނާ އެހޯދި ފައިދާއަކީ، ކޮންމެވެސް އެހެން މީހަކަށް (އަނެކާއަށް) ލިބުނު ގެއްލުމެއް ކަމަށްވާނެތީ، އެކަމުގައި އޮޅުވާލުން ހިމެނިގެންވުންކަމަށް ބަޔާންކޮށްފައިވޭ.
ޕްރޮސިކިއުޝަނުން ހުށަހަޅާ ދަޢުވާގެ، ޞީޣާގައި ކުށުގެ އުންސުރެއް މަދުވާ ގޮތަށް ސިޣާ އޮތުމުން ނިކުންނަ ނަތީޖާ
-ކުށުގެ އުންސުރެއް ސީޣާ ގައި މަދުވި ނަމަވެސް ދަޢުވާ ކުރާ ކުށުގެ ބާވަތް ސާބިތުކުރުމަށް ހުށަހަޅާ ހެކީގެ ތެރޭގައި އެ އުންސުރު ސާބިތުކޮށްދޭން ހެކި ހުށަހަޅާފައިވާނަމަ އެއީ ދަޢުވާގެ އަޞްލު ބާޠިލްވެގެންދާނެ، ޖައުހަރީ ގޯހެއް ނޫންކަމަށް ބަޔާންކޮށްފައިވޭ.
ދަޢުވާ ކުރިއިރު ޢަމަލުކުރި ޤާނޫނާއި، ޙުކުމް ކުރުމުގެ ކުރިން ޢަމަލުކުރަން ފަށާ ޤާނޫނެއްގައި ދަޢުވާ ކޮށްފައިވާ ކުށަށް އަންނަ އަދަބު ބަޔާންވެފައިވާނަމަ އަދަބު ކަނޑައަޅަންޖެހޭ ގޮތް
-ދަޢުވާލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭނީ އޭނާއަށް އެންމެ ލުއި އަދަބު އަންނަ ޤާނޫނޫން ކަމަށް ބަޔާންކޮށްފައިވޭ.
ގޭގައި ބަންދު ކުރުމުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅުމުގެ އިޚްތިޔާރީ ބާރު ބޭނުންކުރުމުގައި ރިޢާޔަތްކުރަންޖެހޭ މިންގަނޑު
ޖަލު ޙުކުމް ގޭބަންދަކަށް ބަދަލުކުރާނަމަ، ކުރި ކުށާއި ގުޅިފައިވާ އެންމެހައި ކަންކަމަށް ބަލަންޖެހޭނެކަމާއި، ގޭގައި ބަންދު ކުރުމަކީ، ކުދި ކުދި ކުށް ތަކާއި ގުޅިގެން ކަނޑައެޅިދާނެ އަދަބެއް ކަމުގައި ވެދާނެކަމާއި، އިންތިހާއަށް ބޮޑު އަދަދެއް (-/18،000،000ރ) ލިބިގަތްފާވާ މީހެއް، އަދި ބަދަލު ލިބޭ ފަރާތަށް އޭގެއިން ހޯދިފައިވަނީ ނިސްބަތުން ކުޑަ މިންވަރެއްނަމަ އެފަދަ މީހަކު ޖަލަށްލުމުގެ ބަދަލުގައި ގޭބަންދުކުރުމަކީ މަލާމާތެއްކަމުގައި ނޫނީ ނުވާނެކަމަށް ބަޔާންކޮށްފައިވޭ.