ފަޟުލޫން މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/HC-B12/68,69,70
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
07/08/22

ފަނޑިޔާރުން

ޝުޢައިބު ޙުސައިން ޒަކަރިއްޔާ (ރިޔާސަތު)، ހާތިފް ޙިލްމީ، ޙުޒައިފާ މުޙައްމަދު

މައްސަލައިގެ ޚުލާސާ

ބައިނަލް އަޤުވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރާ އިންޓަރނެޝަނަލް ޑޭ އޮފް ޔޯގާ 2022 ޖޫން 21 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގަލޮޅު ފުޓްބޯޅަ ދަނޑުގައި ރާއްޖޭގައި ހުންނަ ބޭރުގެ ހައިކޮމިޝަންތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިންނާއި ޢާންމުން ބައިވެރިވި ޙަރަކާތް ހިނގަމުން ދަނިކޮށް، އެތަނަށް ގަދަކަމުން ބަޔަކު ވަދެ، އެޙަރަކާތުގައި ބައިވެރިވި މީހުންނާއި ކުރިމަތިލައި، މަރާމާރީ ހިންގާ، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތައް ހަމަނުޖެހުން ހިންގާ، ތަނުގައި ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންނާއި ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަޟުލޫން މުޙައްމަދު ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން އެ މައްސަލައާ ގުޅިގެން 3 ފަހަރު މަތިން ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާތީ، އެ 3 އަމުރާމެދު ހިތްހަމަނުޖެހިގެން ފަޟުލޫން މުޙައްމަދުގެ ފަރާތުން މި އަމުރުތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފު ޤަޟިއްޔާއެވެ.

އިޝޫ

އަމުރުތައް ނެރެދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅި ފޯމާއި ތަޙްޤީޤުކުރާ ފަރާތުގެ އިޤްރާރުގައި ތުހުމަތުކުރެވި ބަންދުކުރެވުނު މައްސަލައާއި އިތުރަށް ބަންދުގައި ބަހައްޓައިދިނުމަށް އެދުނު ސަބަބު ތަފާތުވާއިރު، ކޯޓު އަމުރު ނެރުމުގައި މިކަންކަމަށް ރިޢާޔަތްކޮށްފައިނުވުމަކީ ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފުކަމެއްތޯ.  

ހެކި ހުށަހަޅާފައިވާ މިންވަރު ބަޔާންކުރުމުގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ޤާނޫނުގެ ނުބައި އަކުރަކަށް ޙަވާލާދެވުމުގެ ނަތީޖާ.  

ބަންދާއިމެދު ގޮތެއް ނިންމުމުގައި ޝަރީޢަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާ އެޕްލައިކުރާނެ ގޮތް.  

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ކޯޓު އަމުރުތައް ޢާންމުކުރުމާ ގުޅޭ. 

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/MA/2022/1202 އާއި 145-J/MA/2022/1250 އާއި 145-J/MA/2022/1293 ކޯޓު އަމުރު ބާޠިލްކުރާނެ ތަނެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

މައްސަލައަކާއި ގުޅިގެން އެކިފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމުތަކުގައި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބު ތަފާތުވުމުގެ ނަތީޖާ އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ.  

ފުރަތަމަ ފަހަރު ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހަޅާއިރު، ބަންދު ކުރެވުނު މައްސަލައާއި، އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު ބަޔާންކުރުމުގައި ހުރި ތަފާތުގެ މައްޗަށާއި، އަދި ދެވަނަ ފަހަރާއި ތިންވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާއިރު ބަންދުކުރި މައްސަލަ ބަޔާންކުރުމުގައި، ފާހަގަކޮށްފައިވާ ތަފާތަކީ އެކަމުގެ މައްޗަށް ބިނާކޮށް އެއީ އެހެން މައްސަލައެއްކަމުގައި ބަލަންޖެހޭކަމަށް ނުފެންނަކަމަށް ކަނޑައަޅުއްވާފައިވޭ. 

މިކަމަކީ ހައްޔަރުކުރެވޭ މީހާއަށް ދެވިފައިވާ ޤާނޫނީ އިންޒާރުގެ ބޭރުން އުފަންކޮށްފައިވާ އައު މައްސަލައެއް ނުވަތަ އައު ތުހުމަތުތަކެއްގެ ގޮތުގައި ބެލެވޭނޭކަމެއް ކަމުގައިވެސް ނުފެންނަކަމަށާއި ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް ފުޅާވުމަކީ ނުވަތަ ލުއިވުމަކީ ތަޙުޤީޤު މަރުހަލާގައި ތަސައްވަރުކުރެވޭ ކަމެއްކަމަށް ކަނޑައަޅުއްވާފައިވޭ. 

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޙަވާލާދީ، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތްކޮށްފައިނުވަނީ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކަކަށްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީ ސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު ޤަޟިއްޔާއާ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ޤަޟިއްޔާއާ ޙަވާލާދީ ކަނޑައަޅުއްވާފައިވޭ.  

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ނުބައި އަކުރަކަށް ޙަވާލާދެވުމުގެ ނަތީޖާ.  

މިއީ ޣައިރު ޤާނޫނީ ކަމެއްގެ ގޮތުގައި ބެލުމާއި ޚިލާފަށް، މިއީ އިޖުރާއީ ޤާނޫނުގައި އެކަން ކުރަން ކަނޑައަޅާފައިވާ އެންމެ ފުރިހަމަ ގޮތަށް އެކަން ނުކުރެވިވުން ކަމުގައި ފެންނަކަމަށާއި އަދި މިއީ އުނި ކަންތައްތަކާއި އައިބުތަކާއިއެކު އެކަން ކޮށްފައި އޮތުންކަމަށް ފެންނަކަމަށާއި މިއީ އިސްލާހުކުރުމުގެ ފުރުޞަތު އޮތް ކަމެއްކަމަށް ދެކޭތީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ރަނގަޅުނޫން އަކުރަކަށް ޙަވާލާދެވިފައިވުމަކީ، ހަމައެކަނި އެ ސަބަބަށްޓަކައި އެ އަމުރަކީ ޞައްޙަނޫން އަމުރެއްކަމުގައި ކަނޑައަޅަންޖެހޭނެކަމެއް ކަމުގައި ނުފެންނަކަމަށް.  

ޝަރީޢަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާ އެޕްލައިކުރާނެ ގޮތް.  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުގައިވާ ފަދައިން ކޯޓު އަމުރުގައި ފަނޑިޔާރުގެ ނިންމުން ބިނާކުރާ ޤާނޫނީ ނައްޞުން ތުހުމަތުކުރެވޭ ފަރާތާ ދެކޮޅަށް ހުށަހެޅުނު ހެކިތަކަށް ބަލައި ފަނޑިޔާރު ނިންމިގޮތާއި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބެއް އޮތްކަމުގެ މައްޗަށް ފަނޑިޔާރު ރިޢާޔަތްކޮށްފައިވާކަން އެނގެން އޮންނަންވާނެކަމަށް ކަނޑައަޅުއްވާފައިވޭ.  

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ކޯޓު އަމުރުތައް ޢާންމުކުރުމާ ގުޅޭ. 

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގައިވާ އިޖުރާއަތަކީ ބަންދު އަމުރު ނެރުމަށްފަހު ހިނގާ އިޖުރާއަތެއްކަމަށްވެފައި، މި އިޖުރާއަތުގައިވާ ގޮތަށް ޢަމަލުނުކުރުމަކީ، ކޯޓުން ނެރެފައިވާ ބަންދު އަމުރަކަށް އަސަރެއްކުރާނެކަމެއް ނޫންކަން ކަނޑައަޅުއްވާފައިވޭ

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ