އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2011/SC-A/34
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
21/09/11

ފަނޑިޔާރުން

ޑރ.އަޙުމަދު ޢަބްދުﷲ ދީދީ، އާދަމް މުޙައްމަދު ޢަބްދުﷲ، އަޙްމަދު މުޢުތަޞިމް ޢަދުނާން

މައްސަލައިގެ ޚުލާސާ

ތ.ބުރުނި، ފަހާގެ އާމިނަތު ޞައްފަތު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑގެ ކޭޝިއަރެއްގެ ވަޒީފާގައި ހުރި ދުވަސްވަރު، އެކުންފުނީގެ ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ އެފް.އެސް.އެމް ޝެޑްގެ ތިޖޫރީގައި ރައްކާކޮށްފައި ހުރި ފައިސާ އާމިނަތު ޞައްފަތުގެ އިހުމާލުން ގެއްލިފައިވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އާމިނަތު ޞައްފަތުގެ މައްޗަށް ކުރި އިހުމާލުވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ޖިނާއީ ކޯޓުން ކަނޑައެޅިއެވެ. މި ނިންމުން އާމިނަތު ޞައްފަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޖިނާއީ ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައިވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ޝަރީއަތާއި ނުވަތަ ޤާނޫނާއި ޚިލާފުވާގޮތަށް ކަމަށްބުނެ، އާމިނަތު ޞައްފަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.

އިޝޫ

1. މުވައްޒަފަކު ވަޒީފާ އަދާކުރުމުގައިވާ އިހުމާލު ޖިނާއީ ކުށުގެ މިންގަނޑުން ބަލާނީ ކިހިނެތް؟

2. ޖިނާއީ މައްސަލައެއް ސާބިތުކުރުމުގައި ބަލަންޖެހޭ ކަންކަމަކީ ކޮބައިތޯ؟

ނިންމިގޮތް

ޖިނާއީ ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލް ޙުކުމެއްކަމުގައި ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި.

ކަނޑައެޅުނު އުސޫލު

މުވައްޒަފަކު ވަޒީފާ އަދާކުރުމުގައި އިހުމާލުވުން

- ތަފާތު ޖުރިސްޑިކްޝަންތަކުގައި މުވައްޒަފަކު ވަޒީފާއަދާކުރުމުގައި ވާ އިހުމާލު ކުރިން ބެލެވެމުން ދިޔައި ތައުދީބީ (disciplinary) ކުށެއްގެ ގޮތުގައި ކަމުގައި ވީނަމަވެސް،މުވައްޒަފުވީ އިހުމާލަކީ މުވައްޒަފުމީހާ އޭނާއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ބަހައްޓަންޖެހޭ ޢިނާޔަތްތެރިކަމާއި ސަމާލުކަމާއި ފަރުވާތެރިކަމާއި ތަޢާރުޟުވާ ކަމަކަށްވާނަމަ، މުވައްޒަފާ ހަވާލުކުރެވިފައިވާ މުދަލާއި މަޞްލަޙަތުތަކަށް ގެއްލުންވާ ގޮތަށް ވަޒީފާ އަދާކުރުމުގައި އިހުމާލުވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ތަފާތު ޖުރިސްޑިކްޝަންތަކުގައި ކަނޑައަޅާފައިވާކަން.

- މުވައްޒަފަކު ވަޒީފާ އަދާކުރުމުގައި ވާ އިހުމާލުގެ ކުށް ޖިނާއީ ގޮތުން ބަލާ މިންގަނޑު، އެފަދަ ކުށެއް މަދަނީ ގޮތުންނާއި ތައުދީބީ ގޮތުން ބަލާ މިންގަނޑާއި ތަފާތުކަން.

- މުވައްޒަފެއްގެ އިހުމާލު ތަޖްރީމު ކުރުމުގައި ވަޒަންކުރަންވާނީ މުޖުތަމަޢުގެ ޙިމާޔަތްކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތުގެ އަހައްމިއްޔަތުކަމަށާއި އިހުމާލުވުމުގެ ނަތީޖާއެއްގެ ގޮތުން އެ މަޞްލަޙަތަށް ލިބުނު ގެއްލުމުގެ މިންވަރަށް ކަން.

- މުވައްޒަފަކު އިހުމާލުވުމުގެ ކުށުގައިވެސް ޖަރީމާގެ އެންމެހައި ރުކުންތަކާއި އުންޞުރުތައް ފުރިހަމަވާންޖެހޭ.

- އިހުމާލުވުމުގެ މާއްދީ ރުކުނުގެ ގޮތުގައި 3 އުންސުރެއް ފުރިހަމާވާންޖެހޭ. އެއީ މުވައްޒަފުގެ އިޖްރާމީ (criminal) އަމަލާއި، މުވައްޒަފުގެ އަމަލުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުން ޙިމާޔަތް ލިބިގެންވާ މަޞްލަޙަތަކަށް ބޮޑު ގެއްލުމެއް (serious harm) ލިބުމާއި، ގެއްލުމުގެ ސީދާ ނުވަތަ އެއާ ކައިރި ސަބަބެއްކަމުގައި މުވައްޒަފު ހިންގި އިޖުރާމީ ޢަމަލު ވުން (causa proxima)

- އިހުމާލުވުމުގެ މަޢުނަވީ ރުކުނަކީ، މުވައްޒަފުގެ އިޖުރާމީ ޢަމަލު ޤަޞްދަކާއި ނުލައި ކުރެވޭ ކުށެއް (mistake) ކަމުގައި ނުވަތަ އިހުމާލެއް ކަމުގައި ވުން.

- މުވައްޒަފުގެ ޢަމަލަކީ ޤަސްދަކާ ނުލައި ކުރެވޭ ކުށެއް ނުވަތަ އިހުމާލަކީ ކޮބައިތޯ ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ، މުވައްޒަފު ވަޒީފާ އަދާކުރުމުގައި ބަހައްޓަންޖެހޭ ފަރުވާތެރިކަމުގެ މިންވަރު މަޤްބޫލު ނޫން ފެންވަރެއްގައި ހުރިކަމާއި، ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ނުވަތަ އެނޫންވެސް އިލްޒާމުގެ މަސްދަރަކުން މުވައްޒަފު ތަބާވުން ލާޒިމްކުރާ ކަމަކަށް ތަބާ ނުވިކަން.

ޖިނާއީ މައްސަލައެއް ސާބިތުވާކަމަށް ކަނޑައެޅުން

- ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ ޤާނޫނު އަސާސީގެ 51 ގެ (އ) މަޤްޞަދު ޙާޞިލުވާނެފަދަ  ދައުރަކަށް އިޖްރާއީގޮތުން ވާންޖެހޭނެ.

- ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޢަމަލުކުރެވޭ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ އިޖްރާއީ ނިޒާމު ޤާއިމުވެގެންވަނީ އިއްތިހާމީ ނިޒާމު (Accusatorial Procedure) އާއި ތަޙުޤީޤީ ނިޒާމު (Inquisitorial Procedure) މި ދެ ނިޒާމުގެ ޚާއްޞަ ސިފަތައް ހިމެނޭ މައްސުނި ނިޒާމެއްގެ މައްޗަށް.

- ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ އީޖާބީ ދައުރެއް.

- ޖިނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކކަށް ބުރަވުން ފަނޑިޔާރަށް ލާޒިމެއް ނޫން.

- ހުށަހެޅޭ ހެކިތަކާއި ދަލީލުތައް ތަޤްޔީމްކޮށް (evaluate) ވަޒަންކުރުމަށްފަހު، ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލިތަކާއި އެ ތަކެތިން ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން ނޫންގޮތަކަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ޙުކުމްކޮށްގެން ނުވާނެ.

- ޤަޟާއީ ނުވަތަ ވާޤިޢީ ޤަރީނާ (Presumption of Fact) އަކީ މައްސަލައެއްގައި ހިމެނޭ ވަޤާއިޢުތަކުގެ ތެރެއިން ދަލީލު ޤާއިމުވެފައިވާ ވާޤިއާއަކުން ދަލީލު ޤާއިމްނުވާ ވާޤީޢާ ސާބިތުކުރުން.

- މިގޮތަށް ސާބިތުވާ ވާޤިއާއަކުން އެހެން ވާޤިއާއެއް ސާބިތުވާކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް އިސްތިޚްލާޞް ކުރެެވޭ ޤަރީނާއަކީ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ ވަސީލަތެއް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ