ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި)

ޤަޟިއްޔާ ނަންބަރު:
2026/HC-B12/5
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
24/02/26

ފަނޑިޔާރުން

ދީބާނާޒް ފަހުމީ (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން

މައްސަލައިގެ ޚުލާސާ

ކުޑަ ދެ ކުދިންގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިންގ ކޯޓުގައި މި ހެކިތައް (ކުއްޖާގެ ވީޑިއޯ ހިމެނޭ ސީޑީތައް) ބަލައި ދިރާސާކުރުމަށް ފުރުޞަޠު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ހިމާޔަތްކުރާނަމަ އެކަން އެގޮތަށް ކުރުމަށް ވަގުތުނަގާނެތީއާއި އަދި އެކަމަކީ ކޯޓުގެވެސް އެތަކެއް ވަގުތާއި ވަޞީލަތް ހޭދަކުރަންޖެހޭ ކަމަކަށް ވުމުގެ އިތުރަށް އެފަދަ ހެކިތައް ކޯޓުގައި ބަލައި ދިރާސާކުރާގޮތަށް އިންތިޒާމް ހަމަޖައްސާނަމަ އެކަން ކޮށް ނިންމުމަށް ގިނަ ދުވަސް ނަގާނެތީއާއި އެކަމުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް ދިގުލައިގެންދާކަމަކަށްވާތީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލޭގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޞާމް ހަމަޖެއްސުމުގެ ފުރުޞަތު ލިބިދެވިދާނެކަމަށް ނިންމަވާފައިވެއެވެ.

އިޝޫ

ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައިވުން.

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B8/HRA/2025/12 (10 ޑިސެންބަރު 2025) ކޯޓު އަމުރަށް ބަދަލެއް ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.

ކަނޑައެޅުނު އުސޫލު

  1. މި އިސްތިއުނާފަކީ ހައިކޯޓުގެ 2025/HC-B12/39 ޤަޟިއްޔާ އާ އެއްގޮތް ނިންމުމެއްކަމަށާއި، އެ ނިންމުން ޒާއިފް ޤަޟިއްޔާގެ 8.13 އާ ޚިލާފުވާކަމަށް ޤަބޫލު ނުކުރާކަމަށާއި

  2. ހައިކޯޓުގެ 2025/HC-B12/39 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމުން ބަލައިނުގަތީ އެ މުއްދަތުގެ ތެރޭގައި ހުށަނޭޅުމުންކަމަށާއި އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ 10 ޑިސެންބަރު 2025 ގައިކަމަށާއި އިސްތިއުނާފުކުރެވޭ އަމުރަކީ އެދުވަހު ނެރުނު އަމުރެއްކަމަށާއި އެ އަމުރާ ގުޅިގެން ހައިކޯޓުގެ 2025/HC-B12/39 ޤަޟިއްޔާއާ ޙަވާލާދީ ވާހަކަދެއްކުމުގެ ފުރުސަތު ދައުލަތަށް އޮވެމެ އެކަން ކޮށްފައިނުވާކަމަށާއި، އެނިންމުން per incurium ކަމަށް ބުނެ އެކަންވެސް ދަށުކޯޓުގައި ފާހަގަކޮށްފައިނުވާކަމަށާއި، އެފަދަ ނިންމުމެއް ނަމަ އެކަން ސާފުކޮށް ބަޔާންކުރަން ވާނެކަމަށާއި އެކަންކޮށްފައި ނުވާކަމަށާއި،

  3. ދެ ނިންމުމުގެ ތަފާތަކީ މި އަމުރުގައި އިންޓަވިއު ބަލަން ފުރުސަތު ދީފައިވަނީ ހަމައެކަނި ވަކީލަށްކަމަށް ވާތީކަމަށާއި، (އެއީ 12/2016 ދަންނަ ކަމެއް ނޫންކަމާއިި ލިޔުން ދޫކުރަނީ ދައުވާލިބޭ މީހާއަށްކަމަށް ބުނެހުށަހެޅި ނުކުތާއާ ގުޅިގެން)

  4. ދަށުކޯޓުގައި ނުދައްކާ ވާހަަކައެއް މި މަރުހަލާގައި ނުދެއްކޭނެކަމަށާއި ދަށުކޯޓުގައި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ހަވާލާދީ ވާހަކަ ދައްކާފައިނުވާކަމަށާއި،

  5. ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލޭގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަ ނުޖެހޭނަމަ އިލެކްޓްރޯނިކް ނިޒާމެއް ބޭނުންކޮށްގެން ހެކި ދޫނުކުރެވޭނެކަމަށާއި އެފަދަ ވަސީލަތެއް ނެތި ދޫކުރާނަމަ އެކަމަށް އިއުތިރާޟުކުރެވޭނެކަމަށާއި، އިލެކްޓްރޯނިކް ނިޒާމެއް ނެތްކަމަށް ދައުލަތުން ދެކޭއިރު ވުޖޫދުވެފައިނުވާ އަދި ދައުލަތުގެ ހީކުރުންތަކެއްގެ މައްޗަށް ކަންބޮޑުވުން ފާޅުކުރުމަކީ ހައިކޯޓުގެ 2025/HC-B12/39 ޤަޟިއްޔާގެ އުސޫލަށް ބަދަލު ގެނައުމަށް އެކަށޭނަ ސަބަބެއް ނޫންކަމަށާއި، ޚަސްމެއްގެ ހީކުރުންތަކަކީ ޤާނޫނީ ވާހަކައެއް ނޫންކަމަށާއި، ވުޖޫދުނުވާ ހާލަތެއްގައި ޚިޔާލަށްގެނެވޭ ހީކުރުންތަކެއްގެ މައްޗަށް ކަންބޮޑުވުން ފައުޅުކޮށް ދައުލަތުން ދައްކާ ވާހަކަތަކަކީ އޯނަސް މައްސަލައިގެ އަލީގައި ހައިކޯޓުގެ 2025/HC-B12/39 ޤަޟިއްޔާ per incurium ނިންމުމެއްކަމަށް ބެލުމަށް ނުވަތަ ވާޤިޢީގޮތުން ތަފާތުވުމުގެ ސަބަބުން އެ ނިންމުމާ ދުރަށް ދިއުމުގެ ބޭނުމަށް ފުދޭ ހުއްޖަތެއް ނޫންކަމަށާއި،

  6. ވުޖޫދުނުވާ ހާލަތަކާ ގުޅިގެން ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއަށް ވަންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށާއި

  7. އެ ނިންމުމަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، "ކުޑަކުދިންގެ ޤާނޫނު" ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި އެ ޤާނޫނުގެ 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބަލަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ