އޯނަސް ޕވޓ.ލޓޑ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2014/SC-A/34
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޗެކު ބައުންސްވުން
ނިމުނު ތާރީޚު:
17/09/15

ފަނޑިޔާރުން

ޢަބްދުﷲ ޢަރީފު (ރިޔާސަތު)، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ

މައްސަލައިގެ ޚުލާސާ

މ.ވިލާދަށުގޭ މުޙައްމަދު މަނިކާއި މއ.އަތަމާވިލާ، ޝަމްޢޫން މުޙައްމަދުގެ މައްޗަށް، އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާ އާއި މުޙައްމަދު މަނިކާއި ޝަމްޢޫން މުޙައްމަދުގެ އަތުން ޗެކުތަކަށް ފައިސާ ލިބެންވީ ފަރާތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އޯނަސް ޕވޓ ލޓޑ ފަރާތުން އެދޭ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.މި މައްސަލަގައި މުޙައްމަދު މަނިކާއި ޝަމްޢޫން މުޙައްމަދުގެ މައްޗަށް، ދައުލަތުން ކުރި ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި ގެލެކްސީ އެންޓަޕްރައިސަސް މޯލްޑިވްސް ޕވޓ ލޓޑގެ ފަރާތުން، އޯނަސް ޕވޓ ލޓޑ ލިބެންޖެހޭ ފައިސާއެއް ވާނަމަ، އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޯނަސް ޕވޓ ލޓޑ އަށް ލިބިގެންވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން މުޙައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުމަށް ތާޢީދުކުރުމާއެކު، އެ ޤަޟިއްޔާގައި ޝަމްޢޫން މުޙައްމަދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުން ބާޠިލްކޮށް، އެކައުންޓުގައި ފައިސާ ނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާ ޝަމްޢޫން މުޙައްމަދުގެ މައްޗަށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިއެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ، އެ ޤަޟިއްޔާގައި ތަދައްޚުލްވި ފަރާތެއް ކަމުގައިވާ އޯނަސް ޕވޓ ލޓޑގެ ފަރާތުން ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ

އިޝޫ

- ޖިނާއީ ކުށެއްގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ބަދަލު ލިބޭ ފަރާތުން އެދޭނަމަ، އެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކްރިމިނަލް ކޯޓަށް ހުށަހެޅިދާނެތޯ؟ 

- ޗެކް ބައުންސުވުމުގެ ސަބަބުން ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމަކީ ޖިނާއީ ކުށެއްގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ލިބުނު މަދަނީ ގެއްލުމެއްތޯ؟ 

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ އާއި، އެ ޤަޟިއްޔާ އިސްތިއުނާފްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގައި އޯނަސް ޕވޓ ލޓޑ ޚަސްމެއްގެ ގޮތުގައި ހާޒިރުކުރުވައި އެމައްސަލަ އެ ދެ ޤަޟިއްޔާގައި ބެލި ބެލުމަކީ ޝަރުއީ ޢަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އިޖުރާއަތެއްކަމަށް ކަނޑައެޅުމާއެކު، އޯނަސް ޕވޓ ލޓޑ އަކީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި އަދި ހައިކޯޓުގެ ޤަޟިއްޔާގެ ޚަސްމެއްގެ ގޮތުގައި ބަލާނެ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތުމުން، މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ޞިފަތު އޯނަސް ޕވޓ ލޓޑ އަށް ލިބިގެންނުވާކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްޠިފާޤުން ނިންމެވި.

ކަނޑައެޅުނު އުސޫލު

ޖިނާއީ ކުށުގެ ސަބަބުން ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ޖިނާއީ ކޯޓަކަށް ހުށަހެޅުން 

ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ފިޔަވައި، އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިނުވާ އެންމެހައި ޖިނާއީ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިގެންވާކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން އެނގޭކަން. 

އިސްތިސްނާއީ ގޮތެއްގައި "ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި، އެ ކުށުގެ ދަޢުވާއާއެކު ހުށަހެޅޭ މައްސަލަތައް" ބެލުމުގެ އިޙްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިގެންވާކަން އެ ޤާނޫނުން އެނގޭކަން. 

ޖިނާއީ ކުށުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ޖިނާއީ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ގިނަ ޖުރިސްޑިކްޝަންތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން ބަދަލު ހޯދުމަށް އެދޭ ފަރާތަށް ލިބިގެންވާކަން. އެ ފަދަ ދަޢުވާއެއް ބަދަލު ހޯދުމަށް އެދޭ ފަރާތުން ސީދާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިދޭ ޤާނޫނީ އަސާސެއް އަދި އެފަދަ ޕްރެކްޓިސްއެއް ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ނިޒާމުގައި ޤާއިމްވެފައި ނެތްކަން. 

ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 2 ގައި "ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި، އެ ކުށުގެ ދަޢުވާއާއެކު ހުށަހެޅޭ މައްސަލަތައް" ބެލުމުގެ އިޙްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީ، ބަދަލު ލިބެންޖެހޭ ފަރާތުން އެ ބަދަލު ހޯދުމަށް އެދޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ދަޢުވާ ކޯޓަށް ހުށަހަޅާއިރު އެ ދަޢުވާއާއެކު މަދަނީ ބަދަލުގެ ހޯދުމަށް ހުށަހެޅިދާނެކަން. 

މި ގޮތަށް ޖިނާއީ ކޯޓަކަށް ހުށަހެޅުން ހުއްދަވާނީ، ޖިނާއީ ކުށުގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމުގެ މަދަނީ ބަދަލު ހޯދުމުގެ މައްސަލަތައް އެކަނިކަން. 

ޗެކް ބައުންސުވެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމަކީ ޖިނާއީ ކުށެއްގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ލިބުނު މަދަނީ ގެއްލުމެއް ތޯ؟ 

ޗެކުތަކަށް ލިބެންވާ ފައިސާއަކީ އެ ޗެކްތައް ބައުންސުވުމުގެ ކުރިން އުފެދޭ ދަރަންޏެއްގެ ފައިސާކަން. އެއީ ޗެކް ބައުންސުވުމުގެ ކުށުގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ޙައްޤުވާ ނުވަތަ މަދަނީ ބަދަލެއް ނޫންކަން. 

ޗެކުގައިވާ ފައިސާ ހޯދުމަށް މަދަނީ މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅައިގެން ބައުންސްވެފައިވާ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ފައިސާ ލިބެންޖެހޭ ފަރާތަށް އޮންނާނެކަން. 

ޗެކް ބައުންސްވުމުގެ ޖިނާއީ ކުށުގެ ދަޢުވާ އުފުލާފައި ނުވިނަމަވެސް ނުވަތަ އެކަމާގުޅޭ ޖިނާއީ ކުށް ސާބިތުވެފައި ނުވިނަމަވެސް ބައުންސްވެފައިވާ ޗެކުތަކުގައިވާ ފައިސާ ހޯދުމުގެ މަދަނީ ދަޢުވާކުރުމަށް ހުރަހެއް ނެތްކަން. 

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ