ސައިފުﷲ ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2025/HC-A/318
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ކެނެބިސް ޓްރެފިކްކުރުން
ނިމުނު ތާރީޚު:
16/07/26

ފަނޑިޔާރުން

ޙުސައިން މަޒީދު، ފާތިމަތު ފަރުހީޒާ، ޙުޒައިފާ މުޙައްމަދު

މައްސަލައިގެ ޚުލާސާ

މި މައްސަލައަކީ ލ.ގަން، ތުނޑި.އަމްސާޕެލަސް، ސައިފުﷲ ސަޢީދު އާއި އިތުރު ބަޔަކު ގުޅިގެން 20 މޭ 2017 ދުވަހު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެވެ. މި މައްސަލައާ ގުޅިގެން ސައިފުﷲގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން 25 ޑިސެންބަރު 2023 ދުވަހު ކުށް ސާބިތުވާކަމަށް ކަނޑައަޅައި 25 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކުރައްވާފައިވެއެވެ. އަދި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޛުކުރަންޖެހޭ މުއްދަތަކީ 24 އަހަރާއި، 10 މަހާއި 6 ދުވަސް ކަމަށް ކަނޑައަޅުއްވާފައިވެއެވެ.

މި ނިންމުން އިސްތިއުނާފުކޮށްފައިވަނީ ސައިފުﷲ ސަޢީދުގެ ފަރާތުންނެވެ. އިސްތިއުނާފު ބިނާކޮށްފައިވަނީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށެވެ.

އިޝޫ

  1. ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގެ ޢުންޞުރުތަކުގެ ތެރެއިން އެކުށުގެ މާއްދީ ރުކުން ސާބިތުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުން ޓްރެފިކިންގގެ މިންގަނޑަށް އަރާ ވަރަށް، އެއީ 14 ގްރާމްއަށްވުރެ ގިނަ އަދަދެއްގެ ކެނެބިސް ފެނިފައިވާކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭނެކަމާއި، މި ރުކުން ސާބިތުކުރުމަށްޓަކައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ނަންބަރު: K(e)/DR/2017/960 މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓާ ގުޅިގެން ޚަބީރެއްގެ ހައިސިއްޔަތުން ހެކިބަސްދެއްވާފައިވާ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހުގައި ފާޅުކަން ބޮޑު ފުށުއެރުންތަކެއް ފާހަގަކުރެވިފައިވާކަމާއި، ޚަބީރުންގެ ހެކިބަހުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް މި ހެކިވެރިޔާގެ ކިބައިގައި ފުރިހަމަނުވާކަމާއި، މިކަމަށް މައްސަލަ ނިންމުމުގައި އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވުން.

  2. ކްރިމިނަލް ކޯޓުގެ ނަންބަރު ޤަޟިއްޔާގެ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކަނޑައެޅި ޖަލު އަދަބުން ތަންފީޛުކުރަންޖެހޭ އަދަބަކީ 24 (ސައުވީސް) އަހަރާއި، 10 (ދިހައެއް) މަހާއި، 06 (ހައެއް) ދުވަސްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވަނީ މައްސަލައިގެ ވާޤިޢާތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތި އަދި އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ހުރި މުއްދަތު ކަށަވަރުކުރުމެއް ނެތި، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއާ ޚިލާފަށްކަމަށްވުން.

ނިންމިގޮތް

ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ނިންމެވި ނިންމެވުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި، ކުށް ސާބިތުވުމާ ގުޅިގެން ކަނޑައެޅޭނެ އަދަބަކީ 25 އަހަރުގެ މުއްދަތަކަށް ޖަލަށްލުންކަމަށް ކަނޑައަޅައި، ބަންދުގައި ހޭދަކުރި މުއްދަތު ކަމުގައިވާ 5 އަހަރާއި 2 މަހާއި 18 ދުވަސް އުނިކުރުމުން ތަންފީޛުކުރަންޖެހޭ އަދަބަކީ 19 އަހަރާއި، 9 މަހާއި 11 ދުވަސްކަމަށް ކަނޑައަޅައި ޙުކުމްކުރެއްވި.

ކަނޑައެޅުނު އުސޫލު

ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ގޮތަށް މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓް ތައްޔާރުކުރެއްވި ފަރާތަށް ޚަބީރެއްގެ ދަރަޖަ ނުދެވޭނެކަމަށް ބަޔާންކޮށްފައިވާއިރު،

  1. ދަށު ކޯޓުގައި ހެކިވެރިޔާގެ ތައުލީމާއި ތަޖުރިބާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިނުވާކަމަށާއި، ދަށު ކޯޓުގެ ރިޕޯޓްގެ 11 ވަނަ ނުކުތާއިން 16 ވަނަ ނުކުތާއަށް ބަލާއިރު، ޠަލްޢަތު މުޙައްމަދު ޤަޟިއްޔާގެ 54 ވަނަ ނުކުތާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ދަށު ކޯޓުން އެކަން ވަޒަންކޮށްފައިވާކަން އެނގޭ ކަމަށާއި،

  2. ހެކިވެރިޔާ ދީފައިވާ ހެކިބަސް ބަލަންޖެހޭނީ ޖުމްލަ ގޮތެއްގައި ކަމަށާއި، ހެކިވެރިޔާ ބުނެފައިވާ ބައެއް ވާހަކަތައް ވަކިން ބަލައި ހެކިބަހުގައި ފުށުއެރުން ހުރި ކަމަށް ބެލުމަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ވަޒަންކުރުމުގެ އުޞޫލު ނޫންކަމަށާއި، މައްސަލާގައި ހެކިވެރިޔާ ދީފައިވާ ހެކި ޖުމްލަކޮށް ވަޒަންކުރާއިރު، މި ހެކިބަހަކީ ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުޠު ފުރިހަމަނުވާ ހެއްކެއްކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވެއެވެ.

ދެވަނަ ނުކުތާއަށް ދައުލަތުގެ ފަރާތުންވެސް އެއްބަސްވެފައިވެއެވެ. އެ ގޮތުން ގޭ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ސައިފުﷲ ސަޢީދު ފިލައިގެން ކޯޓަށް ޙާޟިރުވެފައިނުވާކަމަށް ބުނެފައިވާ މުއްދަތުގައި ސައިފުﷲ ސަޢީދު ކޯޓަށް ޙާޟިރުވެފައިވާކަން އެނގެން އޮންނާތީ، ގޭ ބަންދުގައި ހުރި މުއްދަތާއެކު ޖުމްލަ 5 އަހަރާއި 2 މަހާއި 18 ދުވަސް ހުކުމުން އުނިކުރަންޖެހޭތީ، އެ މުއްދަތު އުނިކުރުމުން ތަންފީޛުކުރަންޖެހޭ މުއްދަތަކީ 19 އަހަރާއި 9 މަހާއި 11 ދުވަސް ކަމަށް ކަނޑައަޅުއްވާފައިވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ
© ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2026· v1.0.363