ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން

ޤަޟިއްޔާ ނަންބަރު:
2021/SC-A/79
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
03/10/21

ފަނޑިޔާރުން

އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

ޏ.ފުވައްމުލައް.މާދަޑު ކަރިއްޔާވިލާ، މުޙައްމަދު އަމީން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި 23 އޮކްޓޫބަރު 2019 ދުވަހު ހައްޔަރު ކުރެވުނެވެ. މި މައްސަލައިގެ ތަޙްޤީޤު ނިންމައި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވަނީ މުޙައްމަދު އަމީންގެ ބަންދުގެ މުއްދަތު އިތުރުކުރި ދުވަހުން ފެށިގެން 43 ވަނަ ދުވަހުއެވެ. މުޙައްމަދު އަމީންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. 

މުޙައްމަދު އަމީންގެ މައްޗަށް ހުށަހެޅުނު ދަޢުވާއާއި ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ބުނެފައިވަނީ އޭނާއަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ބަންދުކޮށް އެ ޤާނޫނުގެ ދަށުން ހައްޔަރާއިމެދު ގޮތެއް ނިންމާފައިވާ މީހަކަށްވާތީ މި މައްސަލައިގައި، ދަޢުވާކުރުމުގެ މުއްދަތު ގުނާނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 94 ވަނަ މާއްދާއިން ކަމަށާއި، ދަޢުވާކޮށްފައިވަނީ އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ހަމަވިފަހުން ކަމުގައެވެ. އެ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމީ ދަޢުވާ އުފުލުމުގެ މުއްދަތު ގުނާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، މި ހުށަހެޅުން ބަލައިނުގަތުމަށެވެ.  

ކްރިމިނަލް ކޯޓުގެ ނިންމުން މުޙައްމަދު އަމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ކްރިމިނަލް ކޯޓުން ނިންމުން ބާތިލްކަމަށް ކަނޑައަޅަމުން ބުނެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިވާ އެއްވެސް އިޖުރާއަތެއް ހިންގިއްޖެނަމަ، އެމީހެއްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކުރާ އެއްވެސް އިޖުރާއަތެއް ނުހިންގޭނެކަމަށާއި ޖިނާއީ އޖުރާއާތުގެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދުކުރުމުގައި އެއްވެސް އިޖުރާއާތެއް ހިންގައިފިނަމަ، ދެން އެމީހަކުގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ހައްޔަރުކޮށް ބަންދުކޮށް ތަހުގީގުކޮށް ދައުވާ އުފުލައި ޝަރީޢަތް ހިންގަންޖެހޭނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ކަމަށެވެ.  

މިއީ ހައިކޯޓުގެ ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ. 

އިޝޫ

1- ޤާނޫނު މާނަކުރުމުގެ ހަމަތަކަކީ ކޮބާ؟ 

2- ޚާއްސަ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ އުސޫލުތައް މަސްހުނިވާނަމަ ޢަމަލުކުރާނީ ކިހިނެއް؟  

3- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކުރާނީ ކިހިނެއް؟ މި ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މައްސަލަތަކުގައި ދަޢުވާކުރުމުގެ މުއްދަތަކީ ކޮބާ؟ 

ނިންމިގޮތް

ހައިކޯޓުގެ ޙުކުމް ބާތިލްކަމަށް ކަނޑައަޅައި، ހައިކޯޓުން މި މައްސަލަ ބާތިލުކުރުމުގެ ކުރިން ބަލަމުން ގޮސްފައިވާ ހިސާބުން ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދަންޖެހޭނެ ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން

ކަނޑައެޅުނު އުސޫލު

ޤާނޫނު މާނަކުރުން

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދައުލަތް ވ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މައްސަލަ އާއި، މަފްތޫޙް ސަޢީދު ވ. ޕީޖީ އޮފީސް މައްސަލަ އަދި ޕީޖީ އޮފީސް ވ ޢަބްދުއް ސަލާމް މައްސަލައިގައި ޤާނޫނު މާނަކުރުމާ ބެހޭ ގޮތުން ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓަވާފައިވޭ.

- ޤާނޫނެއް ނުވަތަ ގަވާއިދެއްގައިވާ ހިމެނޭ ހުރިހާ އަކުރެއް މާނަކުރަންވާނީ ޝާމިލުގޮތެއްގައިކަން.

- ކޯޓުން މާނަކުރަންޖެހޭ މާއްދާ އަދި މާނަކުރަންޖެހޭ އިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަން.

- ޤާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤްސަދުގެ ފުޅާ އިމުގެ ތެރޭގައިކަން.

-  ޤާނޫނެއްގައި ވަކި މާއްދާއެއްގެ ދަށުން އަންނަ އަކުރުތަކަކީ އެ މާއްދާއަށް ކަނޑައެޅިފައިވާ ވަކި މައުޟޫއެއްގެ ދަށުން އަންނަ އަކުރުތަކެއްކަމާއި، އެއިން އަކުރެއްގެ މާނަ އޮޅޭނަމަ، މާނަކުރަންވާނީ އެ މުޅި މާއްދާގެ މައުޟޫގެ ތެރެއިންކަން. އެ މާއްދާއެއްގެ މުޅި މައުޟޫއާ ޚިލާފުވެ، އެ ޤާނޫނާއި އެ ޤާނޫނުގެ އެހެން މާއްދާތަކުގެ މަޤްސަދު ގެއްލޭ ގޮތަށް އެފަދަ އޮޅުން އަރާ އަކުރަކީ މުޅިން މިނިވަން މާއްދާއެއްގެ ގޮތަށް މާނަކޮށްގެން ނުވާނެކަން.

ޤާނޫނުތައް މަސްހުނިވުން

- ޖިނާއީ ޚާއްސަ ޤާނޫނުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ އެއްބައި އޮވެފައި އަނެއްބައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ ޙާލަތުގައި، ފުރަތަމަ ރުޖޫޢަވެ އިސްކަންދޭންޖެހޭނީ ޚާއްސަ ޤާނޫނަށްކަން.

- ޖިނާއީ ޚާއްސަ ޤާނޫނުގައި ޢަމަލުކުރަންޖެހޭ ވަކި ގޮތެއް ބަޔާންކޮށްފައިނުވާ ކަންކަމުގައި ޢަމަލުކުރާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްކަން.

- ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ އާންމު އިޖުރާއަތުތައް އެ ޚާއްސަ ޤާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުގެ މިންވަރުގެ ނިސްބަތުން އާންމު އިޖުރާއަތުން އިސްތިސްނާ ވާނެކަން.

 - ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނެއްގައި ވަކި ވަކމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ އާންމު އިޖުރާއަތުތައް އެ ޚާއްސަ ޤާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުގެ މިންވަރުގެ ނިސްބަތުން އާންމު އިޖުރާއަތުން އިސްތިސްނާ ވާނެކަން.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާ

- 26 ވަނަ މާއްދާގެ (ފ) : ޙަވާލާދެނީ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން ކަން. މިއީ ބަންދުގެ މުއްދަތު ފިޔަވައި، ދެން މި ޤާނޫނުގެ އެހެން މާއްދާތަކުގައިވާ އިޖުރާއަތުތައް އެމީހެއްގެ މައްޗަށް ހިންގުން ހުއްޓުވާ އަކުރެއް ނޫންކަން.

- 26 ވަނަ މާއްދާގެ (ފ) އިން އިސްތިސްނާކުރަނީ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން' މި ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައްކަން. މިއަކުރުގެ މަޤްސަދަކީ އޭގެ ކުރިއަށް ހުރި އަކުރުތަކުގައިވާ އިޖުރާއަތުގެ ތެރެއިން ތުހުމަތުކުރެވޭ މީހާ ބަންދުކުރެވޭނީ ގިނަވެގެން 14 ދުވަސް ކަމުގައިވާތީ، އެއަށްވުރެ ދިގު މުއްދަތަކަށް ތުހުމަތުކުރެވޭ މީހާ ބަންދުކުރަންޖެހިއްޖެނަމަ، އެ ދޮރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއިން ހުއްދަކުރުންކަން.

- ބަންދުގެ މުއްދަތު އިތުރުކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބޭނުންކުރުން ހުއްދަކުރެވި، އެ ޙާލަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން ހިނގާނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަމަށް އެވަނީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމާބެހޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ މާއްދާތަކަށް ޙަވާލާދިނުމަށްކަން.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކުރުމަށް ދެވޭ މުއްދަތު

- 28-1 ވަނަ މާއްދާގެ (ހ) : މި މާއްދާގެ މަޤްސަދަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީއަށް ދިގު މުއްދަތެއް ދިނުންކަން.

- މި ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޕީޖީ ދަޢުވާކުރަންޖެހޭ މުއްދަތު ގުނާނީ މި ޤާނޫނުގެ 1-28 ވަނަ މާއްދާގެ (ހ) ގައިވާ އުސޫލުންކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ