ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަޠުޙީ

ޤަޟިއްޔާ ނަންބަރު:
2021/SC-A/12
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
ނިމުނު ތާރީޚު:
25/03/21

ފަނޑިޔާރުން

ޑރ.މުޙައްމަދު އިބްރާހިމް (ރިޔާސަތު)، ޢަލީ ރަޝީދު ހުސައިން، ޙުސްނުއް ސުޢޫދު

މައްސަލައިގެ ޚުލާސާ

އދ.މާމިގިލި، ސޭޑީގްރޯވް އިބްރާހީމް ސައްމާޙް ފަތުޙީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނޫންކަމަށް ބަޔާންކޮށް، އެ ކޯޓުން މި ދަޢުވާ ބަލާނެ ތަނެއް ނެތް ކަމަށް ނިންމިއެވެ. މިފަދައިން ނިންމީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބުނާ "އެކަށީގެންވާ އެންމެ ކުރު މުއްދަތު" ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2019/HC-A/80 ގައި ކަނޑައަޅުއްވާފައިވާ ގައިޑް ލައިންއަށް ރިޢާޔަތްކޮށް، މާނަ ކޮށްގެންނެވެ. ކްރިމިނަލް ކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17ވަނަ މާއްދާގެ (ނ) ގައިބަޔާންކޮށްފައިވާ 'އެކަށީގެންވާ އެންމެ ކުރު މުއްދަތު' ކަމުގައި ކަނޑައަޅާނީ ކޮން މުއްދަތެއް؟ އެ މުއްދަތު ކަނޑައެޅުމުގައިރިޢާޔަތްކުރާނީ ކޮން ކަމަކަށް؟

2- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރަކީ ކޮބާ؟

3- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގައި މައްސަލައިގައި ޙުކުމް ނުކުރެވިއްޖެނަމަ ޢަމަލުކުރާނީ ކިހިނެއް؟

4- ޚާއްސަ އިޖުރާއަތާއި އާންމު އިޖުރާއަތު މަސްހުނިކުރެވިދާނެތަ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމް ބާތިލްކަމަށް ކަނޑައަޅައި، މި މައްސަލަ އަލުން ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ކޯޓުން ބަލައިގަނެ ހިންގަންވާނެ ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން

ކަނޑައެޅުނު އުސޫލު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ "ކުރު މުއްދަތު"

- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ޚާއްސަ ޤާނޫނުކަން.

- ޤާނޫނުގެ 17 ވަނަ މާއްދާއަކީ މި ޤާނޫނުގެ ދަށުން ތަޙްޤީޤުކުރުމާއި ދަޢުވާކުރުމާއި އަދި ޝަރީޢަތް ކުރުމާ ގުޅޭގޮތުން އޮންނަ މުއްދަތުތައް ބަޔާންކުރާ މާއްދާކަން.

- އެ މާއްދާގައި ބުނާ އެކަށީގެންވާ ކުރުމުއްދަތު ކަނޑައަޅާނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަން.

- ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސް މިނުގައި، ބޭކާރު ލަސްވުންތައް ނުހިމެނޭ ގޮތަށްކަން.

- އެކަށީގެންވާ ކުރު މުއްދަތު ކަނޑައަޅާނީ ކޮންމެ މައްސަލައެއްގައި ވަކިވަކިން މައްސަލައިގެ ތަބީޢަތަށާއި ތަޙްޤީޤަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށްކަން.

- މި މާއްދާގައި ބުނާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި ދަޢުވާނުކުރެވިއްޖެނަމަ، ޢަދުލު އިންސާފު ޤާއިމްކުރުމަށާއި، މުޖްތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމަށްޓަކައި ވީ އެންމެ އަވަހަކަށް ދަޢުވާކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދޫކޮށްލެވިފައިވާކަން.

- ޤާނޫނުއަސާސީ އާއި، ޤާނޫނުތަކާއި، ބަންޑާރަ ނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތު ތަކުގައި ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅާފައިނުވާ ކޮންމެ ކަމެއް ނުވަތަ ޤާނޫނަކުން ވަކި ކަމަކަށް ހަނު އޮންނަ ކޮންމެ ޙާލަތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތައް އަދާކުރުމަށްޓަކައި ނިންމަންޖެހޭ ނިންމުމެއް ހެޔޮ ނިޔަތުގައި ނިންމުމުގެ އިޚްތިޔާރު ލިބިގެންވާކަން.

- 17 ވަނަ މާއްދާގެ (ހ) ގައި ބުނާ 30 ދުވަހުގެ ތެރޭގައި މައްސަލަ ނުނިންމޭފަދަ ސަބަބެއް ކޯޓަށް ދިމާވެއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ އުސޫލުން މައްސަލަ ނިންމުމަށްޓަކައި އެ ފަނޑިޔާރެއްގެ ނަޒަރުގައި އެކަށީގެންވާ އެންމެ ކުރު މުއްދަތެއް އިތުރު ކުރެވިދާނެކަން.

އިޖުރާއަތުތައް މަސްހުނި ނުކުރުން

- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) : ބެލުމުން ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުސޫލުތައް ކަނޑައަޅައިފައިވާނަމަ، އެ ޤާނޫނަށް އިސްކަންދޭންޖެހޭނެކަން.

- ޤާނޫނު ނަންބަރު: 17/2010 - މި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި އަދަބާއި އަދި ކަންކަން އެހެން ޤާނޫނަކުން ކަނޑައަޅާ / ކަނޑައެޅިފައިވާ ކުށާއި އަދަބާއި އަދި ކަންކަމާ ފުށުއަރާނަމަ އިސްކަންދޭންވާނީ މި ޤާނޫނަށްކަން. މި ޤާނޫނުގައި "ކަނޑައެޅިފައިވާ އެއްވެސް ކަމަކާ ގުޅިގެން" ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢަވާން ނުޖެހޭނެކަން.

- ޚާއްސަ ޤާނޫނުގައިވާ ކަންކަން އެގޮތުގެ މަތިން ތަންފީޒުކުރުން ލާޒިމުވާނެކަމާއި، ޚާއްސަ ޤާނޫނުގައިވާ ކަންކަމާއި އާންމު އިޖުރާއަތުގެ ޤާނޫނު ތަކުގައިވާ ކަންކަން މަސްހުނިކޮށްގެން ނުވާނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ