ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤް

ޤަޟިއްޔާ ނަންބަރު:
2021/SC-A/18
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޒިނޭ
ނިމުނު ތާރީޚު:
24/10/21

ފަނޑިޔާރުން

ޑރ.އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

ށ.ގޮއިދޫ، ނޫއަލި ފާޠިމަތު ޝަމީމާ 13 އެޕްރީލް 2016 ދުވަހު ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ ކުއްޖާއަކީ އޭނާ މުޙައްމަދު ތައުފީޤުއާއެކު ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް އޭނާ ބުނާތީ އާއި، ކުއްޖާގެ ޑީ.އެން.އޭ މުޙައްމަދު ތައުފީޤުއާ ދިމާވާތީ، ދ.ކުޑަހުވަދޫ، ތާޖު މުޙައްމަދު ތައުފީޤުގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ ދަޢުވާ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލުނެވެ. މުޙައްމަދު ތައުފީޤު ކުށަށް އިންކާރުކުރުމުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ ކުށް ސާބިތުނުވާކަމަށެވެ. ޑީ.އެން.އޭ ހެއްކަށް އެއްވެސް ބުރަދަނެއް ނުދީ ދަށު ކޯޓުން ކުރި ޙުކުމް ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން ޙުކުމްކުރީ މުޙައްމަދު ތައުފީޤުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި، ޒިނޭގެ ކުށުގެ ދަޢުވާ އުފުލަންޖެހޭނީ ޖިންސީ ކުށުގެ ޤާނޫނުން ކަމަށާއި، ޒިނޭގެ ކުށް ސާބިތުކުރެވޭނީ އިޢުތިރާފުން ނުވަތަ ހަތަރު ހެކިންގެ ހެކިބަހުން ކަމަށާއި، ފާޠިމަތު ޝަމީމާ ބުނާ ބުނުމާއި ޑީ.އެން.އޭގެ މައްޗަށް ކުށް ސާބިތުކޮށްފިނަމަ ކުޑަ ކުއްޖާގެ ނަސަބަށް އަސަކުރާނެ ކަމަށެވެ. 

މިއީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ޤަރީނާއެއްގެ ވަސީލަތުން ސާބިތުކުރެވިދާނެތަ؟ އެފަދަ ޙާލަތުގައި އަދަބު ކަނޑައަޅާނީ ކިހިނެއް؟

2. ޒިނޭގެ ކުށް ހަތަރު ހެކިންގެ ހެކިބަސް ނުވަތަ އަމިއްލަ އިޢުތިރާފުން ނޫންގޮތަކަށް ސާބިތުވާ މީހުންނަށް ހައްދުގެ އަދަބު ނުދެވޭ ޙާލަތުގައި ތައުޒީރީ އަދަބު ދެވިދާނެތަ؟

3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޚާއްސަ ޤާނޫނުގައި އެއް ކުށެއް ތަޖްރީމުކުރެވިފައިވާނަމަ، ދަޢުވާކުރާނީ ކޮން ޤާނޫނަކުންތަ؟

4. ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީ.އެން.އޭ ހެކި ބޭނުންކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ ނަސަބު އޮޅިގެން ހިނގައިދާނެތަ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، މުޙައްމަދު ތައުފީޤުގެ މައްޗަށް ޒިނޭގެ ދަޢުވާކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި، އެކުށް ސާބިތުކުރުމަށް ހުށަހެޅި ޑީ.އެން.އޭ ހެއްކަށް ބާރުދެނެވި ހަރުދަނާ ޤަރީނާ ހުރިނަމަ އެއީ ބަލައިގަންނަންޖެހޭ ހެއްކެއްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޤަރީނާއެއްގެ މައްޗަށް ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުކުރުން

- ހައްދާއި ޤިސާސްގެ މައްސަލަތައް ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ޤަރީނާ ބަލައިގަތުމާމެދު ޢިލްމުވެރިންގެ 3 ރައުޔެއްވާކަން:

1. ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ: ހައްދާއި ޤިސާސްގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ޤަރީނާ ބޭނުންނުކުރެވޭނެކަމަށް. ބޭނުންކުރެވޭނީ ހެކިންގެ ހެކިބަހާއި އިޢުތިރާފު އެކަނި ކަމަށް.

2. ހައްދުގެ ބައެއް ބާވަތްތަކުގެ މައްސަލަތުގައި ޤަރީނާ ޤަބޫލުކުރެވިދާނެކަމަށް. މިސާލު: ވިހެއުން، ރާބުއިކަމުގެ ދަޢުވާގައި ރާވަސްދުވުން.

3. މާލިކީ: ހުރިހާ ބާވަތްތަކެއްގެ މައްސަލަތަކުގައިވެސް ޤަރީނާ ހެއްކެއްގެ ގޮތުގައި ބަލައިގަނެވިދާނެކަމަށް.

- ޤަރީނާ ވަރުގަދަވެގެން އަންނަނީ މައްސަލައިގެ ވަށައިގެންވާ އެހެނިހެން ވާޤިއާތަކުގެ / ހެކިތަކުގެ އަލީގައިކަން.

- ޤަރީނާއަކީ ޝައްކު ފިލުވާލުމަށް ބޭނުންކުރެވޭނެ ވަސީލަތްތަކެއްކަން.

ޤަރީނާތަކަކީ ޝުބްހައިގެ މަހައްލުން މުޅިން ނެއްޓިފައިވާ އެއްޗެއް ނޫންކަން. ރަސޫލާ (ސ) އިރުޝާދު ދެއްވާފައިވާ ފަދައިން ޝުބުހައެއް އޮންނަ ޙާލަތުގައި ހައްދުގެ އަދަބު ދީގެން ނުވާނެކަން.

- ހައްދާއި ޤިސާސްގެ މައްސަލަތަކުގައި ޤާޟީއަށް އެމީހަކު ކުށްކުރި ކަމަށް އެކަށީގެންވާ މިންވަރަށް ޤަބޫލުކުރެވޭނަމަ ނުވަތަ ޔަޤީނާ ގާތްކުރެވޭ މިންވަރެއް ހާސިލކުރެވެނަމަ އެފަދަ މައްސަލަތަކުގައި ޙުކުމްކުރެވިދާނެކަން. ރަސޫލާ (ސ) އިރުޝާދާ އެއްގޮތަށް ޝައްކެއް އެއްފަރާތް ކުރަންޖެހޭނީ އެ ޝައްކަކީ އެކަށީގެންވާ ޝައްކަކަށްވާނަމަކަން.

- އެ ޤަރީނާއަކަށް ބާރުދެނެވި އެހެން ހެކި ނުވަތަ ބާރުގަދަ ޤަރީނާ ހުރެއްޖެނަމަ ޙައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް އެއީ ފުދޭނެ ވަސީލަތްތަކެއްކަން. އެހެން ނަމަވެސް އެ ޙާލަތުގައި ކުށް ސާބިތުވީ މީހާގެ މައްޗަށް ޙައްދުގެ އަދަބު ދިނުމުގެ ބަދަލުގައި ދޭނީ ތައުޒީރީ އަދަބެއްކަން.

ހައްދުގެ ކުށެއް ސާބިތުވެ އުޤޫބާތް ކަނޑައެޅުމަށް ބަލާއިރު، ހައްދުގެ ކުށެއް ސާބިތުވުމުގައި ފުރިހަމަވުން ލާޒިމު ޝަރުތެއް (ހެކީގެ ނިސްބަތް ނުވަތަ ކުށުގެ ރުކުނެއް ނުވަތަ ކުށަށް ތުހުމަތުކުރެވޭ މީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތެއް) އުނިވާ ހާލަތުގައި ތައުޒީރީ އަދަބެއް ދިނުން ހުއްދަކަން.

ތައުޒީރީ އަދަބު ދިނުން

- ހަތަރު ހެކިންގެ ހެކިބަހުން ނުވަތަ އަމިއްލަ އިޢުތިރާފުން ނޫންގޮތަކަށް ޒިނޭގެ ކުށް ސާބިތުވާ ޙާލަތުގައިވެސް ތައުޒީރީ އަދަބު ދެވި ދާނެކަން.

އެކިއެކި އިޖުރާއީ ސަބަބުތަކާހުރެ ޝުބްހަ އުފެދުމުގެ ސަބަބުން، ހައްދުގެ ކުށާއި ޤިޞާޞްގެ ކުށްކުރާ މީހުންނަށް އެކުށްތަކަށް   އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަސްލު އަދަބު ދެވެން ނެތް ޙާލަތްތަކުގައި އެމީހުންގެ މައްޗަށް ތައުޒީރީ އަދަބު ކަނޑައެޅިދާނެކަން.

ތައުޒީރީ އަދަބެއް ދިނުން ހުއްދަވާ އިޖުރާއީ ޙާލަތުތަކަކީ:

1. ޤިސާސާގެ ކުށްތަކުގައި ވާރުތަވެރިއަކު މައާފުދިނުމުން.

2. އެ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މިންވަރަށް ހެކި ނެތުމުން.

3. ހައްދާއި ޤިސާސްގެ ދަޢުވާތަކަށް އިޢުތިރާފުވުމަށްފަހު އިޢުތިރާފު އަނބުރާ ގެންދިއުމުން.

4. ކޮށްފައިވާ ޢަމަލުތަކަކީ ވަކިކުށަކާ ވައްތަރުކުށެއް ނަމަވެސް އެކުށުގެ ޤާނޫނީ ތައުރީފުގެ ތެރެއަށް އެ ޢަމަލު ނުފެތުމުންކަން.

ޒިނޭގެ ކުށް ޤަރީނާއިން ސާބިތުވާ ހާލަތުގައި، އެއީ އެނޫން ޙާލަތްތަކުގައި އެ ކުށް ދަރަޖަ ކުރެވޭ ނިސްބަތަށްވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމުގައި ބަލައި، ތައުޒީރީ އަދަބުދެވިދާނެކަން.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާ

- ޤާނޫނުލްއުޤޫބާތުގައި ކުށެއް / ކުށްތަކެއް ބަޔާންކޮށްފައިވާ މައުޟޫއަކަށް ޚާއްސަ ޖިނާއީ ޤާނޫނެއް ހަދާފައިވާ ހާލަތުގައި، އެ ޚާއްސަ ޖިނާއީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ނުހިމެނޭ، އެ މައުޟޫއާ ގުޅޭ އިތުރު ކުށެއް / ކުށްތަކެއް ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވާނަމަ އެފަދަ ކުށްތަކަށް ޤާނޫނުލްއުޤޫބާތުގެ ދަށުން ދަޢުވާ ކުރެވިދާނެކަން.

މިސާލު: ޒިނޭގެ ކުށް ދެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ޑީ.އެން.އޭގެ މައްޗަށް މި ކުށުގެ ދަޢުވާކުރެވޭނީ ޤާނޫނުލްއުޤޫބާތުގެ ދަށުން އަދި ތައުޒީރީ އަދަބެއް ކަނޑައެޅޭނީވެސް ޤާނޫނުލްއުޤޫބާތުގެ ދަށުން.

ކުޑަކުއްޖާގެ ނަސަބު

ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީ.އެން.އޭ ހެކި ބޭނުންކުރި ނަމަވެސް އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ ނަސަބު އޮޅިގެން ނުދާނެކަން.

ޒިނޭގެ ކުށުގެ ތެރެއިން ކުއްޖަކު ވިހާފައިވާނަމަ އެކުއްޖާގެ ނަސަބު އެކުއްޖާގެ ބައޮލޮޖިކަލް ބައްޕައަށް ނިސްބަތް ނުވާނެކަން. އެދެމެދުގައި ތަރިކައިގެ ގަވާއިދުތައްވެސް ނުހިނގާނެކަން. ޒިނޭގެ ކުށްކުރި ދެ ޚަސްމުން ފަހުން ކައިވެނި ކުރި ނަމަވެސް މި އުސޫލުތައް ބަދަލުނުވާނެކަން.

- ސައްހަ ކައިވެންޏެއް މަތީގައި ދެމަފިރިއަކު ވަނިކޮށް އަނބިމީޙާ އެހެން ފިރިހެނަކާ އެކު ޖިމާއުވެ ޒިނޭގެ ދަރިއަކު ލިބުނު ނަމަވެސް ޒިނޭގެ ކުށް ސާބިތުވުމުގެ ސަބަބުން އެ ދެމަފިރިންގެ ކައިވެނި އޮޓޮމެޓިކުން ނިމުމަކަށް ނާންނާނެކަން. ޒިނޭގެ ސަބަބުން ލިބުނު ކުއްޖާގެ ނަސަބުވެސް އެ އަންހެން މީހާ އިނދެގެން ހުރި ފިރިހެން މީހާގެ ކިބައިން އޮޓޮމެޓިކުން ކެނޑިގެން ނުދާނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ