ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/94
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން
- ނިމުނު ތާރީޚު:
- 09/03/22
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
2013 އޮކްޓޫބަރު މަހުގައި މުޙައްމަދު ނަޞީރު އޭނާގެ އުފަން ދެ ދަރިންނާމެދު ޖިންސީ ގޯނާކުރުމާއި ގުޅިގެން، މުޙައްމަދު ނަޞީރުގެ މައްޗަށް ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އައްޑު އަތޮޅު މެޖިސްޓްރޭޓް ކޯޓުގައި އުފުލިއެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ދަޢުވާ ސާބިތުނުވާކަމަށް ދަށު ކޯޓުން ނިންމިއެވެ. މި ނިންމުމުން، ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ދަށު ކޯޓުގެ ޙުކުމަށް ތާއީދުކޮށް ކުށް ސާބިތުނުވާކަމަށް ނިންމިއެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ޤަބޫލުކުރެވޭ ހެކީގެ މިންގަނޑަކީ ކޮބާ؟
2. ނުކުޅެދުންތެރިކަމެއް ހުރި މީހެއްގެ ހެކިބަސް ބަލައިގަނެވިދާނެތަ؟
ނިންމިގޮތް
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
12/2009 ގެ 47 ވަނަ މާއްދާ ( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ޤަބޫލު ކުރެވޭ ހެކީގެ މިންގަނޑު)
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް ދަމަހައްޓާފައިވޭ.
- ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްވޭތޯ ބެލުމުގެ އުސޫލުތައް ތަޠްބީޤުކުރާނީ މައްސަލައިގައި ހާދިސާ ތަރުތީބުވެފައިވާ ގޮތަށް ބަލައިގެންކަން.
- ބޭރުފުށުގެ ހެކީގެ އެއްގޮތްކަން (External Consistency) : ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު / އިވުނު / ނަގައި ގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތްކަން ހުރުން.
- އެތެރެފުށުގެ ހެކީގެ އެއްގޮތްކަން (Internal Consistency) : ޝަކުވާކުރި ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްސީލުތައް ހުރިނެތް ގޮތް ބެލުން.
- އާދަޔާ ޚިލާފަށް ތެދު ކަމަށް ޤަބޫލުކުރުން(Unsually Convincing) : އެތެރެފުށުގެ ހެއްކާއި ބޭރުފުށުގެ ހެކި އެއްގޮތްވުން.
- ކުއްޖާ ވާހަކަތައް ކިޔައިދީފައިވާ މީހުން ދޭ ހެކިބަހަކީ އެއް ހެއްކެއް ނޫންކަމާއި، އެއީ ކުއްޖާގެ ބުނުންތަކުގެ ތެދުކަން ދެނެގަތުމުގެ ވަސީލަތެއްކަން.
ނުކުޅެދުންތެރިކަމެއް ހުރި ހެކިވެރިޔާގެ ބަސް
- އެމީހަކާ ކުރެވޭ ސުވާލުތައް ފަހުމުވެ، އެ ސުވާލުތަކަށް ޖަވާބުދެވޭ ކޮންމެ މީހަކީ ހެކިބަސްދެވޭނެ މީހެއްކަން.
- ހެކިވެރިއެއްގެ ބަސް ޤަބޫލުނުކުރެވޭނެކަމަށް ބުނާ ފަރާތަކުން އެކަން ހެކި ހުށަހަޅައިގެން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެކަން.