ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފަވާޒު ލުޠުފީ

ޤަޟިއްޔާ ނަންބަރު:
2026/SC-A/25
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ބިރުދެއްކުން
ނިމުނު ތާރީޚު:
23/07/26

ފަނޑިޔާރުން

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު

މައްސަލައިގެ ޚުލާސާ

2021 ވަނަ އަހަރު ސްނެޕްޗެޓުގައި "Kamanasall" ނަމުގައި ހަދާފައިވާ އައިޑީއަކުން، މުޙައްމަދު ފަވާޒު ލުޠުފީ އަންހެނެއްކަމަށް ދައްކުވައި، ޙަޤީޤަތް އޮޅުވާލައިގެން އަޙްމަދުއާ ޗެޓްކޮށް، އޭނާގެ އޮރިޔާން ފޮޓޯއާއި ވީޑިއޯ ހޯދިއެވެ. އެއަށްފަހު، ފައިސާ ނުދީފިނަމަ އެ ތަކެތި ލީކުކޮށްލާނެކަމަށް ބުނެ އަޙްމަދު ބްލެކްމެއިލްކުރިއެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާ (ޖިންސީ ޢަމަލަކާ ގުޅިގެން ބްލެކްމެއިލްކުރުން) ގެ ދަށުން ދަޢުވާ އުފުލުމުން، ކްރިމިނަލް ކޯޓުން މަދަނީ މިންގަނޑުން ބަލައި، "ޖިންސީ ޢަމަލެއް" ހިންގިކަމުގެ ހެއްކެއް ނެތްކަމަށް ބުނެ ދަޢުވާ ބާޠިލުކުރިއެވެ. ހައިކޯޓުން، މާއްދީ ބީހުމެއް ނެތި "ޖިންސީ ޢަމަލެއް" ނުވާނެކަމަށާއި، ޖިންސީ ނިޔަތެއް އޮތްކަން ސާބިތުނުވާކަމަށް ބުނެ އެ ނިންމުން ދެމެހެއްޓިއެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

އިޝޫ

ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ "ޖިންސީ ޢަމަލު" ގެ މާނައިގެ ތެރެއަށް، މާއްދީ ބީހުމެއް ނެތި، އޮރިޔާން ކާޑު ހޯދައި އެ ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ ޢަމަލު ފެތޭނެތޯ؟

ނިންމިގޮތް

ސުޕްރީމް ކޯޓުން (ފަނޑިޔާރުންގެ އިއްތިފާޤުން) ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކުރިއެވެ. ކަނޑައެޅީ:

  • ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ "ޖިންސީ ޢަމަލު" ގެ މާނަ، މާއްދީ ބީހުމަކަށް ހަނިކުރެވިގެން ނުވާނެކަން

  • އޮރިޔާން ކާޑު ހޯދައި ބްލެކްމެއިލްކުރުމުގެ ފަހަތުގައި ޖިންސީ ނިޔަތެއް އޮތްކަން ދޭހަވާ ފުދޭ ހެކި (ދިގު މުއްދަތެއްގެ ސިއްރު ގުޅުމާއި، ޝަހުވާނީ މެސެޖްތަކާއި، އޮރިޔާން ކާޑު ބަދަލުކުރެވުނުކަން) ފެންނަން ހުރިކަން

  • މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމަށް ޕްރޮސިކުއުޝަނުން 7 ދުވަހުގެ ތެރޭގައި ދަޢުވާ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައި، މައްސަލަ ހުއްޓުނު ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް އެންގެވި.

ކަނޑައެޅުނު އުސޫލު

  1. ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" ގެ މާނަ ބަޔާންކޮށްފައިވަނީ ހަމައެކަނި ޖިސްމާނީ/މާއްދީ ބީހުމަކަށް ބަރޯސާވެގެން ނޫންކަމަށް.

  2. ގުނަވަނަކާމެދު ހިންގާ "އެހެން ޢަމަލެއް" ގެ ދާއިރާގެ ތެރެއަށް، އަތްލުމަކާ ނުލައި ވެސް، ހަށިގަނޑަށް އަމާޒުކޮށްގެން ޖިންސީ ތަޞައްވުރެއް އުފެދޭގޮތަށް ހިންގޭ ޢަމަލުތައް ފެތިދާނެކަން.

  3. ޤާނޫނުގެ ލަފުޒު ބޭކާރު ނުކުރުމުގެ އުސޫލު: "ގުނަވަނަކާމެދު...އެހެން ޢަމަލެއް" ގެ ޢިބާރާތް، "އަތްލުން" އަށް ހަނިކޮށްފިނަމަ، ޤާނޫނުގައި ވަކިން ބަޔާންކޮށްފައިވާ އެ ބައި ބޭކާރު (Redundant) ވެގެންދާނެކަން.

  4. ބުއްދިވެރި މީހެއްގެ ނަޒަރުން ބެލުން: ވަކި ޢަމަލެއް ޖިންސީ ނިޔަތެއް އޮވެގެން ކުރި ކަމެއްކަން ކަނޑައެޅުމުގައި ބަލަންޖެހޭނީ, ޢަމަލުގެ ބާވަތާއި ހިނގި ޙާލަތަށް ރިޢާޔަތްކޮށް, ސަބަބުވެރި މީހެއްގެ ނަޒަރުންކަން.

  5. މަދަނީ މިންގަނޑުގެ މަރުޙަލާގެ ދާއިރާ: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މަދަނީ މިންގަނޑުން ބަލާ މަރުޙަލާއަކީ، ކުށުގެ ރުކުންތައް ފުރިހަމަވޭތޯ ތަފްސީލީގޮތެއްގައި ބެލުމުގެ މަރުޙަލާއެއް ނޫންކަމަށާއި، އެއީ Prima Facie ކޭހެއް އޮތްކަން ނުވަތަ ނެތްކަން، ހުށަހެޅިފައިވާ ހެކީގެ މައްޗަށް ޖުމްލަކޮށް ބެލުމުގެ މަރުޙަލާ ކަމަށް ކަނޑައެޅުއްވި.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ