މުސްޠަފާ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/48
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުން
- ނިމުނު ތާރީޚު:
- 01/02/21
ފަނޑިޔާރުން
ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
މައްސަލައިގެ ޚުލާސާ
ގއ.ކަނޑުހުޅުދޫ އޮފީހުގެ ކުޑަކަތީބުކަމުގެ މަޤާމުގައި ހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން 2007 ވަނަ އަހަރު އެ ރަށު 'ޔުނިކޯ' ގޯއްޗަށް ބިން އިތުރުކޮށްދިންކަމުގެ ތުހުމަތުގައި، ގއ.ކަނޑުހުޅުދޫ، ބޮޑުމުދިމުގެ މުސްޠަފާ ޙުސައިންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. މުސްޠަފާ ޙުސައިންއަކީ 'ޔުނިކޯ' ގޯތި ދޫކޮށްފައިވާ މުޙައްމަދު ނާޞިރުގެ ދަރިއަކާ ކައިވެނިކޮށްގެން އެވަގުތު 'ޔުނިކޯ' ގޭގައި ދިރިއުޅުނު މީހެކެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި މުސްޠަފާ ޙުސައިން ގއ.ކަނޑުހުޅުދޫ ކައުންސިލަށް ދީފައިވާ ބަޔާނާއި ތަޙްޤީޤަށް ދީފައިވާ ބަޔާން ހުށަހެޅުނެވެ. ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުން މުސްޠަފާ ޙުސައިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުން، އޭނާގެ ފަރާތުން ދިވެހިރާއްޖެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށް، ހައިކޯޓުން ނިންމީ 'ޔުނިކޯ' ގޯތީގެ އަސްލު މިނަށްވުރެ 2743.45 އަކަފޫޓު އިތުރުވެފައިވާކަން މުސްޠަފާ ޙުސައިންއަށް އެނގިހުރެ، އަދި އެކަން އަތޮޅުވެރިޔާގެ ސަމާލުކަމަށް ނުގެނެސް، މުސްޠަފާ ޙުސައިން ހުށަހަޅާފައިވާ މަޢުލޫމާތުތަކަކީ ތެދު މަޢުލޫމާތުކަމުގައި ބަޔާންކޮށް ލިޔުންތަކުގައި ސޮއިކޮށްފައިވާތީ އާއި، އެވަގުތު މުސްޠަފާ ޙުސައިން އުޅުނީ 'ޔުނިކޯ' ގޯތީގެ ރަޖިސްޓްރީ އޮތް ފަރާތުގެ އަންހެން ދަރިއަކާ ކައިވެނިކޮށްގެން ކަމަށްވާތީ އާއި، މުސްޠަފާ ޙުސައިންވެސް ދިރިއުޅެމުން ދިޔައީ 'ޔުނިކޯ' ގޯތީގައިކަމަށްވާތީ، މިއީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ޢަމަލެއްކަމަށެވެ.
މިއީ ހައިކޯޓުގެ ނިންމުން، މުސްޠަފާ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޝަރީޢަތުން ބޭރުން ތަޙްޤީޤަށް ދޭ ބަޔާނަށް ނުވަތަ އެނޫންވެސް އިދާރާއަކަށް ދޭ ބަޔާނަށް ޝަރީޢަތުގައި ބުރަދަންދެވިދާނެތަ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
- ކުށުގެ ނިޔަތް ނުވަތަ ވަކި ކަމެއް މީހަކަށް އެނގޭކަން ޝަރީޢަތުން ދެނެގަންނާނީ މައްސަލައިގައި ހިމެނޭ ވާޤިއާތަކުން ދޭހަކުރެވޭ ކަންތައްތަކުންކަން.
- ޝަރީޢަތުން ބޭރުން ދޭ ބަޔާނެއްގައި ހުރި ވާހަކަތަކަކީ އެމީހަކު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ޝަރީޢަތްކުރާ ފަނޑިޔާރުގެ ކުރިމަތީގައި އެ މީހަކު ކަށަވަރުކޮށްދީފިނަމަ، އެ ބަޔާނުގައިވާ ވާހަކަތަކުގެ މައްޗަށް ބުރަވެ ނިންމާ ނިންމުން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ (ށ) އާއި ފުށު ނާރާކަން.