ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު

ޤަޟިއްޔާ ނަންބަރު:
2020/SC-A/74,75
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
08/03/21

ފަނޑިޔާރުން

އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޑރ.މުޙައްމަދު އިބްރާހިމް

މައްސަލައިގެ ޚުލާސާ

މަސްތުވާތަކެތި ބޭނުންކޮށް ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހުޅުމާލެ ގޯތި ނަންބަރު 10361، އަޙްމަދު ރަޝީދު ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް އަޙްމަދު ރަޝީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ކޯޓު އަމުރެއްގައި ހުންނަންޖެހޭ ކަންކަން އަޙްމަދު ރަޝީދު ހައްޔަރުކުރުމަށްފަހު އޭނާއަށް ދީފައިވާ ކޯޓު އަމުރުގެ ކޮޕީގައި ފުރިހަމަނުވާތީ، އަޙްމަދު ރަޝީދު ބަންދުގައި ބެހެއްޓޭނެ ތަނެއް ނެތްކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކުރުމަށް އަމުރުކުރިއެވެ. އަޙްމަދު ރަޝީދު ދެވަނަ ފަހަރަށް ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ހެދިފައިވާ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށް ބުނެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަޙްމަދު ރަޝީދު ދޫކޮށްލިއެވެ. ތިންވަނަ ފަހަރަށް އަޙްމަދު ރަޝީދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ހައްޔަރުކޮށް، އެ ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުނެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ހައްޔަރު އަމުރާއި ބަންދު އަމުރު އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ދެ އަމުރަކީވެސް އަމުރު ނެރުމުގެ އިޙްތިޞާޞް ލިބިގެންނުވާ ކޯޓަކުން ނެރެފައިވާ އަމުރު ތަކަށްވާތީ، އެ ދެ އަމުރުތަކަކީ ބާތިލް އަމުރުތަކެއް ކަމުގައި ކަނޑައެޅިއެވެ.

މިއީ ހައިކޯޓުން ދެ އަމުރާ ގުޅިގެން ނިންމި ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އެއް އިތުރުކުރުމުން، ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށް ހައްޔަރުކުރުމުގެ އަމުރާއި ބަންދު އަމުރު ނެރުމުގެ އިޙްތިޞާޞް އެބައޮތްތަ؟

ނިންމިގޮތް

ހައިކޯޓުގެ ދެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

- 7 ޖުލައި 2019 ދުވަހު ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާއަށް ގެނައި އިޞްލާޙުގެ ދަށުން ހުޅުމާލެ ސަރަޙައްދުން 18 އަހަރު ފުރިފައި ހުރި މީހަކު ބަންދުކުރެވުނު ނަމަ، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިޙްތިޞާޞް މިހާރު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަން.  

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ