މުޙައްމަދު ރާޣިބު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2023/HC-B12/24
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ކޯޓު އަމުރު
- ނިމުނު ތާރީޚު:
- 04/05/23
ފަނޑިޔާރުން
މުޙައްމަދު ސަލީމް (ރިޔާސަތު)، މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
މައްސަލައިގެ ޚުލާސާ
05 މާރިޗު 2023 ދުވަހުގެ ވަގުތެއްގައި ދިވެހި ފުލުހުންގެ މާލެ ކަސްޓޯޑިއަލް ކުރިމަތީ ހުރެ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފުލުހަކަށާއި އޭނާގެ އާއިލާއާއި އަނބިދަރީން އުޅޭ ތަނެއް ހޯދައި އެމީހުން އަވީލުމަށް ބުނެ ވީޑިއޯއެއް މެދުވެރިކޮށް ބިރުދައްކާ އިންޒާރުދީފައިވާ މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ވީޑިއޯ ކްލިޕްގައި ވާހަކަ ދައްކާ މީހާގެ އަޑާއި މުޙައްމަދު ރާޣިބް އަޙްމަދުގެ އަޑާއި ގުޅުންހުރި މިންވަރު ދެނެގަތުމަށް ވޮއިސް އެނާލިސިސް ރިޕޯޓު ތައްޔާރުކުރުމަށް އޭނާގެ އަޑުގެ ސާމްޕަލް ނެގުމަށްޓަކައި ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުމުގެ އަމުރަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދުމުން، ޤާނޫނު އަސާސީގެ 244 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) އާއި ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 138 ވަނަ މާއްދާ އާ ޙަވާލާދީ، މުޙައްމަދު ރާޣިބް އަޙްމަދުގެ އަޑު ރެކޯޑުކުރުމަށް ދިވެހި ފުލުހުން ބޭނުންވާ ގޮތަށް ވާހަކަ ދެއްކުމަށް އޭނާގެ މައްޗަށް އަމުރުކޮށް 30 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެއެވެ. މިއީ، މި އަމުރާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ރާޣިބް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.
އިޝޫ
މި އަމުރު ނެރުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) އާއި ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 138 ވަނަ މާއްދާ އާ ޙަވާލާދީފައިވަނީ ރަނގަޅަށްތޯ؟
ނިންމިގޮތް
މުޙައްމަދު ރާޣިބް އަޙްމަދުގެ އަޑު ރެކޯޑުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންވާ ގޮތަށް ވާހަކަ ދެއްކުމަށް މުޙައްމަދު ރާޣިބް އަޙްމަދުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) އާއި ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 138 ވަނަ މާއްދާ އާ ޙަވާލާދީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ބާޠިލު އަމުރެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) އަދި ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 138 ވަނަ މާއްދާ
-މި ދެ މާއްދާއަކީ ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއްގައި ހުރި މުދާ ހިފެހެއްޓުމުގައި ފުލުހުންނަށް ލިބިގެންވާ ބާރު ބޭނުންކުރުމާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާތަކެއް.
- ވޮއިސް އެނާލިސިސް ހެދުމަށް ތުހުމަތުކުރެވޭ މީހާގެ އަޑު ރެކޯޑުކުރުމަށް، ފުލުހުން ބޭނުންވާ ގޮތަށް ވާހަކަ ދެއްކުމަށް އަމުރުކުމުގައި މި މާއްދާތަކަށް ޙަވާލާދީފައިވަނީ ރަނގަޅަށް ނޫންކަމަށް.