ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2019/SC-A/93
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 23/05/21
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
02 ނޮވެންބަރު 2015 ދުވަހު ހ.މިޓާޒް، ޠަލްޢަތު މުޙައްމަދު އިތުރު ބަޔަކާއި ބައިވެރިވެގެން އައި.އީ.ޑީއެއް ހަދައި މުލީއާގެ ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި މަތީގައި އެ އެތި ބާއްވާފައި އޮތް ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި، 17 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. ކްރިމިނަލް ކޯޓުގައި ޠަލްޢަތު މުޙައްމަދު ދަޢުވާއަށް އިންކާރުކުރި ނަމަވެސް، އައި.އީ.ޑީއެއް ހެދިކަމަށް އިންކާރުކުރުން ފިޔަވައި ދަޢުވާގެ ހުރިހާ ވާޤިއާއަކަށް އިޢުތިރާފުވިއެވެ. އައި.އީ.ޑީއާ ބެހޭގޮތުން ޠަލްޢަތު މުޙައްމަދު ބުނެފައިވަނީ އެއީ އަސްލު އެއްޗެއް ނޫންކަމަށާއި، ކުޅޭކުޅޭ އެއްޗެއްކަމަށެވެ. ކްރިމިނަލް ކޯޓުގެ ޙުކުމުގައި އައި.އީ.ޑީއަކީ ކުޅޭކުޅޭ އެއްޗެއްކަން ޠަލްޢަތު މުޙައްމަދުއަށް ސާބިތުކޮށްދެވިފައިނުވާއިރު، އެއީ އަސްލު އެއްޗެއްކަން ދައުލަތުން ހުށަހެޅި އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި، އެ ރިޕޯޓާއި ގުޅިގެން ހެކިބަސް ދިން ވޮރެންޓް އޮފިސަރު އަޙްމަދު ޚަލީލްގެ ހެކިބަހުން އެނގޭކަމަށް ބަޔާންކޮށްފައިވެއެވެ. ޠަލްޢަތު މުޙައްމަދު ކްރިމިނަލް ކޯޓުގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުންވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ދަމަހައްޓާފައެވެ.
މިއީ ހައިކޯޓުގެ ނިންމުން ޠަލްޢަތު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ގިނަ ބަޔަކުވެގެން ހިންގާ ޖަރީމާއެއްގައި، އެ ކުށް ކުރާ މީހާއަށް ކުށް ސާބިތުނުވާ ޙާލަތުގައި، އެ ކުށުގެ ޢަމަލުގައި އެ މީހާއާ ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތުކުރެވިދާނެތަ؟
2. އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުމުގެ މާނައަކީ ކޮބާ؟
3. ޚަބީރުންގެ ރައުޔު ބަލައިގަނެވޭނީ ކޮން ޙާލަތެއްގައިތަ؟
4. ތަޙްޤީޤުކޮށް ދިނުމުގެ އަމުރެއް ކޯޓަކަށް ނެރެވިދާނެތަ؟
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ޙުކުމާއި ހައިކޯޓުގެ ޙުކުމް ބާޠިލްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ކުށް ކުރާ މީހާއާ ކުށުގެ ބައިވެރިންގެ ޙުކުމް
- ގިނަ ބައެއްގެ މައްޗަށް އެކުގައި ދަޢުވާ ކުރެވޭ ޙާލަތުގައި ދަޢުވާ ލިބޭ ކޮންމެ މީހަކާ ދެކޮޅަށް ހުށަހެޅޭ ހެކިތައް ވަޒަންކުރަންޖެހޭ އުސޫލަކީ ޤާނޫނުލްއުޤޫބާތުގެ 30 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ އުސޫލުކަން.
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު ތިހާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން: ޖިނާއީ މައްސަލަތަކަކީ، އެ މައްސަލަތަކުގައި ކުށް ސާބިތުވެ ކަނޑައެޅޭ އުޤޫބާތް ފަރުދީގޮތުން ކުށް ސާބިތުވާ ކޮންމެ މީހަކު އުފުލަންޖެހޭ މައްސަލަތަކެއް ކަމާއި، ޖިނާއީ މަސްއޫލިއްޔަތު ބިނާވާނީ ތުހުމަތުކުރެވޭ މީހާގެ ޢަމަލާއި އޭނާގެ ނިޔަތް / މަޤުސަދަށް ކަމާއި، މި ކަންކަމުގެ މައްޗަށާއި އެނޫންވެސް އެހެނިހެން ކަންކަމަށް ރިޢާޔަތްކޮށް އެއް ހާދިސާއެއްގައި ހިމެނޭ ބައެއްގެ މައްޗަށް ކުށް ސާބިތުވާ ގޮތް ތަފާތުވުމުގެ އިތުރުން ކުށް ސާބިތުވާ ޙާލަތުގައި އަންނާނެ އަދަބު ތަފާތުވުން އެކަށީގެންވާކަން.
- އެއް ހާދިސާއެއްގައި ގިނަ ބައެއްގެ މައްޗަށް ދަޢުވާކުރެވުނު ނަމަވެސް އެ ހުރިހާ އެންމެންގެ މައްޗަށް ކުށް ސާބިތުވުމާއި ނުވުމުގެ އިހްތިމާލް އޮންނާނެކަން.
- އެއް ހާދިސާއެއްގައި ދަޢުވާ ލިބޭ އެންމެންގެ މައްޗަށް ހުށަހެޅިފައި އޮތް ހެއްކެއް، އެކެއްގެ ބައިގައި އެ ހެކި ބަލައިނުގަންނަން ނިންމާ ޙާލަތުގައި އެކަމުގެ ސަބަބުން ދަޢުވާ ލިބޭ އެންމެންނަށް ހަމަހަމަކޮށް މަންފާ ލިބިގެންދާނެކަން.
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތުން
- ޤާނޫނުލްއުޤޫބާތުގެ 15 ވަނަ މާއްދާގެ (ހ) : އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުމަކީ ކުށުގެ ކޮންމެ ރުކުނެއް އެކަށީގެންވާ ޝައްކެއްނެތި ސާބިތުވުންކަން.
ޚަބީރުންގެ ރައުޔު
- ޚަބީރުންނަކީ ކޮބައިކަމާއި، ޚަބީރުންގެ ރައުޔު ބަލައިގަތުމުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2011/SC-A/31، 2016/SC-JC/08، 2016/SC-A/05 ޤަޟިއްޔާ ތަކުގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓަވާފައިވޭ.
- ވަކި ޚާއްޞަ ދާއިރާއަކުން ތަޢުލީމެއް ނުވަތަ ތަމްރީނެއް ނުވަތަ ތަޖުރިބާއެއް ލިބިފައިވާ މީހަކު، ޝަރީޢަތުގެ ކުރިމަތީގައި އޮތް ވާޤިޢާއަކާ ގުޅިގެން ދޭ ހެކިބަހަކީ ނުވަތަ ރައުޔަކީ ޚަބީރެއްގެ ހެކިބަހެއް ނުވަތަ ރައުޔެއް ކަމުގައި ބެލިދާނެކަން.
- ޚަބީރުންގެ ރައުޔު ބަލައިގަތުމުގައި ކޯޓުތަކުން ކަށަވަރުކުރަންޖެހޭ ކަންކަން:
1. ޚަބީރަކީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބުރަވެ، ސުވާލު އުފެދިފައިވާ ވާޤިޢާމެދު ގޮތެއް ކަނޑައެޅުމުގައި ޝަރީޢަތަށް ބޭނުންތެރި ރައުޔެއް ހާމަކުރެވޭ މީހެއްކަން ނުވަތަ ނޫންކަން.
2. ޚަބީރަކީ ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތެއްކަން ނުވަތަ ނޫންކަން.
3. ޚަބީރަކީ އޭނާގެ ރައުޔު ހާމަކުރުމުގައްޔާއި، ހެކި ވަޒަންކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވަ މީހެއްކަން ނުވަތަ ނޫންކަން.
4. ޚަބީރުގެ ރައުޔަކީ ޚަބީރުގެ ރައުޔު ފާޅުކުރާ ދާއިރާގެ ޢިލްމު ނުވަތަ ތަޖުރިބާއިން އެ ރައުޔު ވަރުގަދަކޮށް، އެއިގެ މުއުތަބަރުކަން އިހުނަށްވުރެ ބޮޑަށް ކަށަވަރުކޮށްދޭ ރައުޔެއްކަން ނުވަތަ ނޫންކަން.
- ޙަބީރެއްގެ ކިބައިގައި ހުރުން އެކަށީގެންވާ މިންވަރަށް ތަޢުލީމް / ތަޖުރިބާ ހުރިކަން ވަޒަންކުރާނީ އެކަންކަމާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ ކަންކަމުގެ އަލީގައި މައްސަލަ ބަލާ ފަނޑިޔާރުކަން.
ތަޙްޤީޤު ކޮށްދިނުމުގެ އަމުރެއް ނެރެދިނުން
- ޖިނާއީ ދަޢުވާއެއް ކޯޓަކަށް ހުށަހެޅުމަށްފަހު، އެ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ނޫންކަމަށް ފެނިގެން ނުވަތަ އެ މައްސަލައަކީ އަލުން އެއްކޮށް އައު ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްކަމަށް ފެނިގެން، އެ މައްސަލަ އަލުން ތަޙްޤީޤު ކުރުމަށް އެންގުމުގެ ބާރު އެއްވެސް ކޯޓަކަށް އެއްވެސް ޤާނޫނަކުން ލިބިދީފައިނުވާކަން.
- ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ޤާނޫނު ތަންފީޒުކުރާ އިދާރާއިން މައްސަލައެއް ފޮނުވަންވާނީ ތަޙްޤީޤު ފުރިހަމަކޮށްފައިކަން. ދަޢުވާކުރުމުގެ ކުރިން ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަކީ ޕީޖީގެ ޒިންމާއެއްކަން.
- އަލުން އައު ތަޙްޤީޤެއް ހިންގަންޖެހޭ ކަމަށް ދަޢުވާ ލިބޭ މީހާއަށް ފެންނަނަމަ، އެކަން ޕީޖީއަށް ހުށަހަޅައިގެން ނުވަތަ ޕީޖީގެ އަމިއްލަ އިސްނެގުމަށް ކުރިއަށް ގެންދެވިދާނެކަން. އެއީ ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އެއްވެސް ޢަމަލެއް މީހަކު ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ، އެކަމެއް ތަޙްޤީޤުކުރުމުގެ އަމުރު ނެރުމުގެ ބާރު ޕީޖީއަށް ލިބިގެންވާތީ.