ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން މުޙައްމަދުމަނިކު

ޤަޟިއްޔާ ނަންބަރު:
2017/SC-A/10
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
21/10/20

ފަނޑިޔާރުން

އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

09 އެޕްރީލް 2009 ދުވަހުގެ 12:19 އެހައިކަށްހައިއިރު، ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެވީ މީހަކު ގެނައި ތަކެތި ކަސްޓަމްސްގެ އެކްސްރޭ މެޝިނުން ޗެކްކުރިއިރު، އެތަކެތީގެ ތެރޭގައި 106.0512 ގްރާމް އޯޕީއޭޓްސް އަދި 698.4912 ގްރާމް ބެންޒޯޑައިޒިޕައިން ހުއްޓެވެ. މިތަކެއްޗާއި ޙަވާލުވާން އަންނަ ފަރާތެއް ހޯދުމަށް ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ހ.ރެހި، ޙުސައިން މުޙައްމަދުމަނިކު މި މަސްތުވާތަކެއްޗާއި ޙަވާލުވެފައިވާތީ، ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމާއި އެތެރެކުރުމުގެ ތުހުމަތުގައި ޖިނާއީ ކޯޓުގައި ދަޢުވާ އުފުލުނެވެ. ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވަނީ ހަމައެކަނި ޝަފަހީ ހެކިންނެވެ. ކޮންޓްރޯލް ޑެލިވަރީއާ ގުޅުންހުރި ވީޑިއޯ ރެކޯޑިންގްއެއް ނެތެވެ. ހަމަމިއާއެކު، ޙުސައިން މުޙައްމަދުމަނިކު ޙަވާލުވި މަސްތުވާތަކެތިން އޭނާގެ ފިންގަޕްރިންޓްފަދަ ހެއްކެއް ލިބިފައެއްނުވާއިރު، ޙުސައިން މުޙައްމަދުމަނިކުގެ ފަރާތުންވަނީ ދަޢުވާއަށް އިންކާރުކޮށް ދިފާޢީ ހެކިން ހުށަހަޅާފައެވެ. ދައުލަތުގެ ހެކިންގެ ބުނި ބުނުމާއި ތަފާތުކޮށް ދިފާޢީ ހެކިން ހެކިބަސްދީ، ޙާދިސާ ހިނގައިދިޔަ ގޮތާމެދު ޝައްކުތަކެއްވަނީ އުފައްދާފައެވެ. މި ހުށަހެޅިފައިވާ ހެކި ޤަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ކޯޓުން ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމުމުން، ޕީޖީ އޮފީހުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

މިއީ ހައިކޯޓުން ނިންމުން ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޙަޤީޤީ ހިޔާޒަތާއި މަޢުނަވީ ހިޔާޒަތުގެ ތަފާތަކީ ކޮބާ؟

2. މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްތަ؟

3. ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުކުރުމުގެ ބުރަ އޮންނާނީ ކޮން ފަރާތަކަށް؟

4. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތަކުގައި މުއްތަހަމްއަށް ދިފާޢެއް ލިބިގެންވޭތަ؟

5. މަސްތުވާއެއްޗެއް 'އަތުގައި އޮތްކަން އޭނާއަށް އެނގޭކަން' ސާބިތުކޮށްދޭނީ ކިހިނެއް؟

6. ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ސުޕްރީމްކޯޓަށް ބެލިދާނެތަ؟

7. ރިޕޯޓެއް ތައްޔާރުކުރާ ފަރާތެއް ހާޒިރުނުކުރެވުމަކީ އިޖުރާއީ ގޯހެއްތަ؟

8. ކޮންޓްރޯލް ޑެލިވަރީ ހިންގާނަމަ، ހުށަހަޅަންޖެހޭ ޚާއްސަ ހެކިތަކެއް ހުރޭތަ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއްނެތް ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ޝަހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި ޝަރަޙަތައް މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:

- ޙަޤީޤީ ހިޔާޒަތު (actual possession): މި ޙާލަތަކީ ތިމާގެ ސީދާ އަތުގައި ނުވަތަ ލައިގެންހުރި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލްނެތް، ސީދާ ތިމާގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުންކަން.

- މަޢުނަވީ ހިޔާޒަތު (constructive possession): މި ޙާލަތަކީ މަސްތުވާއެއްޗެއް ތިމާގެ ޙަޤީޤީ ހިޔާޒަތުގައި ނެތް ނަމަވެސް، އެތަކެތި ތިމާ ހުރި ތަނުގައި ހުރިކަން ނުވަތަ ތިމާގެ އެއްޗެއްގެ ތެރޭގައި އެތަކެތި ހުރިކަން އެނގުމާއެކު، އެ އެއްޗެއްގެ މައްޗަށް އެމީހާގެ ކޮންޓްރޯލް އޮތުންކަން.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި އުސޫލުތައް މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:

މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުތްލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ނޫންކަން. މިފަދަ ކުށްތަކުގައި މާއްދީ (ޢަމަލު) ރުކުނާއި ކުށުގެ މަޢުނަވީ ރުކުން (ނިޔަތް) ސާބިތުކޮށްދޭންޖެހޭނެކަން.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ އިފްތިރާޟްތަކަކީ މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނިއްޖެނަމަ މަޢުނަވީ ރުކުން ސާބިތުކުރުމަކާއި ނުލައި ކުށް ސާބިތުކުރުމުގެ މަޤުސަދުގައި ބަޔާންކޮށްފައިވާ އިފްތިރާޟްތަކެއްނޫންކަން. އެއީ އަތުން ފެންނަ މަސްތުވާތަކެތީގެ ބޭނުން (އަމިއްލަ ބޭނުމަށް / ވިޔަފާރިކުރުމަށް) ކަނޑައެޅުމުގެ މަޤުސަދުގައި ބަޔާންކޮށްފައިވާ އިފްތިރާޟްތަކެއްކަން.

ޤާނޫނަކުން ސާފުކޮށް މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން ބަޔާންނުކުރާނަމަ އަބަދުވެސް ރުޖޫޢަވާންޖެހޭނީ ޤާނޫނުއަސާސީގެ 51 (އ) ގައިވާ މިންގަނޑަށްކަން.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި އުސޫލުތައް މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:

- ޖިނާއީ މައްސަލަތަކުގައި ކުރެވޭ ދަޢުވާއަށް މުއްތަހަމް އިންކާރުކޮށް ދިފާޢުއެއް ނަގާނަމަ، ދިފާޢު ސާބިތުކުރުމުގައި ސާބިތުކުރުމުގެ ޤާނޫނީ ބުރަ އޮންނަ ޙާލަތުގައި އަދި ދިފާޢު ސާބިތުކުރުމުގައި ހެކި ހުށަހެޅުމުގެ ބުރަ އޮންނަ ޙާލަތުގައި، އެ ބުރަ އޮންނާނީ މުއްތަހަމްއަށްކަން.

- ދިފާޢު ސާބިތުކުރުމުގެ ޤާނޫނީ ބުރަ އޮންނަ ޙާލަތުގައި މުއްތަހަމްގެ ހިޔާޒަތުގެ ދަށުގައި މަސްތުވާއެއްޗެއް ނެތްކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑުން މުއްތަހަމް ސާބިތުކޮށްދޭންޖެހޭނެކަން.

- ދިފާޢު ސާބިތުކުރުމުގެ ހެކި ހުށަހެޅުމުގެ ބުރަ އޮންނަ ޙާލަތުގައި މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތަކާމެދު ޝައްކު އުފެދޭ މިންވަރަށް ކުށުން ބަރީޢަވުމަށް މުއްތަހަމް ހެކި ހުށަހަޅަން ޖެހޭނެކަން.

- މުއްތަހަމްގެ ހިޔާޒަތުގެ ދަށުގައި މަސްތުވާއެއްޗެއް ނެތް ކަމަށް ބޮޑަށް ބުރަވެވޭ މިންގަނޑުން މުއްތަހަމް ޝައްކު އުފައްދާނަމަ ނުވަތަ ޝައްކު އުފެދޭ މިންވަރަށް ހެކި ހުށަހަޅާނަމަ، ޕްރޮސިކިއުޝަނުން ކުރާ ދަޢުވާ ސާބިތުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި މުއްތަހަމް ހުށަހެޅި ހެކި ނަފީކުރެވިގެންކަން.

ޖިނާއީ މައްސަލަތަކުގައި ކުށުގެ ރުކުންތައް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އޮންނާނީ ޕްރޮސިކިއުޝަނަށްކަން:

1. މަސްތުވާތަކެތި އަތުގައި ހުރުމުގެ ކުށުގެ މާއްދީ ރުކުން ސާބިތުކުރާނީ މުއްތަހަމްގެ ޙަޤީޤީ ހިޔާޒަތުގައި ނުވަތަ މަޢުނަވީ ހިޔާޒަތުގައި މަސްތުވާތަކެތި ހުރިކަމުގެ ވާޤިއާ ސާބިތުކޮށްގެންކަން.

2. މަސްތުވާއެއްޗެއް އަތުގައި ހުރުމުގެ ކުށުގެ މަޢުނަވީ ރުކުން ސާބިތުކުރާނީ އަތުގައި ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި އެ އެއްޗެއް ހުރިކަން އެނގިހުރެ (knowledge)، އެ އެއްޗެއް އަތުގައި ހުރިކަން ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރިކަން ސާބިތުކޮށްގެންކަން. އަތުގައި ބެހެއްޓީ އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މަސްތުވާތަކެތިކަން ނުވަތަ ނޫންކަން އެމީހަކަށް އެނގުން ލާޒިމެއްނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އަންނަނިވި އުސޫލުތައް މި މައްސަލައިގައި ދަމަހައްޓަވާފައިވޭ:

ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ ސުޕްރީމްކޯޓަށް ލިބިގެންވާ ބާރެއްކަން. އެ ބާރު ސުޕްރީމް ކޯޓަށް ލިބެނީ:

1. މައްސަލައިގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާނަމަ.

2. މައްސަލައިގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވާނަމަ.

3. މައްސަލައިގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުނުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލް ގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން / ހެކިތަކުން ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއް ކަމުގައި ފެންނަނަމަ.

4. އެ މައްސަލައިގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ ނުބައި ޤާނޫނީ އުސޫލުތަކެއް ކަމުގައިވާނަމަ.

ހެއްކާ ގުޅޭ

-  ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކުގައި ވީޑިއޯ ރެކޯޑިންގްއެއް އޮތުން ލާޒިމުނުވި ނަމަވެސް، ރެކޯޑިންގް އޮތުމަކީ އެކަމުގައި ކަން ހިނގައިދިޔަ ގޮތް ސާބިތުކުރުމަށް ބާރުދޭނެ ހެއްކެއްކަން. ފިންގަރޕްރިންޓް އަދި އެނޫންވެސް ސައިންޓިފިކް ހެކިތަކަކީ ޝަފަހީ ހެކިންގެ ބަހަށް އިތުރަށް ބާރު ލިއްބައިދޭނެ ހެކިތަކެއްކަން.

- ރިޕޯޓެއް ތައްޔާރުކުރާ ފަރާތް ހާޒިރުނުކުރެވުމުގެ ސަބަބުން ދަޢުވާ ލިބޭ މީހާއަށް އެފަރާތާއި ސުވާލުކުރުމުގެ ފުރުސަތު ނުދެވުމަކީ ޝަރީޢަތް ހިންގުމުގައި އަންނަ އިޖުރާއީ އުނިކަމެއްކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ