ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
- ޤަޟިއްޔާ ނަންބަރު:
- 2019/SC-A/31
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަނީލޯންޑަރިންގ
- ނިމުނު ތާރީޚު:
- 08/10/20
ފަނޑިޔާރުން
ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
މައްސަލައިގެ ޚުލާސާ
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ކުށްޔަށް ދޫކުރި ރަށްތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފައިސާ މއ.ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ފައިސާ ނުހިފަހައްޓައިފިނަމަ އެ ފައިސާއިން މާލީ މަންފާ ހޯދުމުގެ ފުރުޞަތު އޮންނާނެކަމަށްބެލެވޭތީ އާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުޞަތު އޮތްކަމަށް ފެންނާތީ ޢަބްދުﷲ ޔާމިންޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި 08 އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދި ފުލުހުން ހުށަހެޅުމުން ފޯމުގައިވާ މަޢުލޫމާތުތަކަށް ބިނާކޮށް ކްރިމިނަލް ކޯޓު އެ އަމުރު ނެރުނެވެ. މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މި އަމުރު ބާޠިލްކުރިއެވެ. މިއީ ހައިކޯޓުގެ ނިންމުން، ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ބޭންކު އެކައުންޓު މޮނީޓަރ ކުރުމުގެ އަމުރެއްގެ ދަށުން އެކައުންޓް މޮނީޓަރ ކުރުމަކާ ނުލައި ޖިނާއީ އިޖުރާއަތުގެޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުން ފްރީޒްކުރުމުގެ އަމުރެއް ނެރެވިދާނެތޯ؟
ޖިނާއީ އިޖުރާއަތު ޤާނޫނުގެ 72 (ބ) އަކީ އެކައުންޓް ފްރީޒްކުރުމަށް އަމުރުކުރުމުގެ ކުރިން އެކައުންޓްމޮނީޓަރކުރުމުގެ އަމުރެއް އޮތުމަށް އެ ޤާނޫނުގެ 73 (ހ) ގައި އޮތް އޮތުމަށް އިސްތިސްނާއެއްތޯ؟
ނިންމިގޮތް
ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ72ވަނަ މާއްދާ އާއި73ވަނަ މާއްދާ މާނަކޮށް އެ މާއްދާތައް މައްސަލައަށްތަޠްބީޤްކޮށްފައިވަނީ ރަނގަޅު ނޫންކަމަށާއި، އެކައުންޓްތައް ފްރީޒްކުރުމަށް އަމުރު ނެރެފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޚާއްސަ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަމަލުކުރުން
- ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނެއްގައި ޖިނާއީ އިޖުރާއަތުގެ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅާފައިވާ ޙާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އަމަލުކުރާނީ ޖިނާއީ ކުށްކަނޑައެޅުމުގެ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިންކަން.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާ
- މި މާއްދާގެ ބޭނުމަކީ ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުން ލާޒިމްކޮށްފައިވާ ކުށެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މީހާއާއި، އެފަދަ ކުށަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މީހާއާއި ޖިނާއީ ބޮޑު ކުށެއްގެ އަމަލަކުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ ކަމަށް ތުހުމަތުކުރެވޭ މީހާގެ ބޭންކް އެކައުންޓްތަކުގެ މަޢުލޫމާތު ހޯދުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހުއްދަކުރުމާއި އެކަން ކުރުމުގެ ބާރު ދިނުންކަން.
- މީހެއްގެ އެކައުންޓުތަކުގެ މަޢުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދެ ގޮތަކަށް ހޯދިދާނެކަން. ފުރަތަމަ ގޮތަކީ ކޯޓު އަމުރެއް މެދުވެރިކޮށް ހޯދުން. ދެވަނަ ގޮތަކީ ކޯޓު އަމުރެއް ހޯދުމުގެ ބަދަލުގައި ބޭންކިންގއާބެހޭ ޤާނޫނާއި އެއްގޮތަށް ތަޙްޤީޤީ އިދާރާއަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ބޭންކްތަކަށް ލިޔެގެން އެ މަޢުލޫމާތު ހޯދުން.
- އެކައުންޓް ފްރީޒްކުރުމަށް 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މޮނިޓަރިން އަމުރެއް އޮތުން ލާޒިމެއް ނޫންކަން.
- ބޭންކިންގ ޤާނޫނާއި އެއްގޮތަށް ތަޙްޤީޤީ އިދާރާއިން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ބޭންކަށް ލިޔެގެން ހޯދާ މަޢުލޫމާތަށް ބިނާކޮށް އެކައުންޓް ފްރީޒްކުރުމުގެ އަމުރަށް އެދުމުގެ ބާރު ތަޙްޤީޤުކުރާ ފަރާތްތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިގެންވާކަން.
- މޮނިޓަރިން އަމުރެއް އޮތުމުގެ މަޤުސަދަކީ ފްރީޒިން އަމުރެއް ހޯދުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ދާއިރު ހުސް އަތާ ގޮސް އެފަދަ އަމުރެއް ހޯދުމުގެ ޖާގަ ނުދިނުމަށްކަން.
މަނީލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފްރީޒިންގ އަމުރަކަށް އެދުން
މި ޤާނޫނުގެ ދަށުން އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދޭއިރު ފުރިހަމަކުރުން ލާޒިމް ކަންތަކަކީ:
- ފްރީޒްކުރުމަށް ނުވަތަ ހިފެހެއްޓުމަށް އެދި ހުށަހަޅަނީ އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދަޢުލަތަށް ނެގިދާނެ ފައިސާ އާއި މުދާ ކަމުގައި ވުން. (ދައުލަތަށް ނެގިދާނެކަން ސާބިތުކޮށްދޭން ނުޖެހޭނެ، ދައުލަތަށް ނެގިދާނެ މުދާ ނުވަތަ ފައިސާކަމަށް ޤަބޫލުކުރެވޭ ސަބަބެއް / ސަބަބުތަކެއް ހުށަހެޅުމުން ފުދޭނެ)
- ދައުލަތަށް ނެގިދާނެ މުދާ ބަޔާންކުރަން އެނގުން، އެއީ ފައިސާ ނަމަ ނެގިދާނެ ފައިސާގެ މިންވަރު އަންދާޒާކުރެވޭ އަދަދެއް ފަނޑިޔާރަށް ހުށަހަޅާ ހުށަހެޅުމުގައި ބަޔާންކުރުން. (އެކައުންޓުގައި ހުރި ފައިސާގެ ޢަދަދު ކުށާ ގުޅިފައިވާކަމަށް އަންދާޒާ ކުރެވޭ ޢަދަދަށް ވުރެ އިތުރު ނަމަ ފްރީޒްކުރާނީ ކުށާ ގުޅިފައިވާކަމަށް އަންދާޒާކުރެވޭ ޢަދަދަށްވާ ފައިސާ)
- އެކައުންޓުގައި ހުރި ފައިސާއަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ނުވަތަ މަނީ ލޯންޑަރިންގ ކުށާ ގުޅިފައިވާ ކުށެއް ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިފައިވާ ފައިސާ ކަމަށް ޤަބޫލުކުރެވޭ ސަބަބު ލިޔުމުން ހުށަހެޅުން.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފްރީޒިންގ އަމުރަކަށް އެދުން
- އާންމު ހަމަތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ އިތުރުން، 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދެގޮތުންކުރެ ގޮތަކަށް އެކައުންޓާބެހޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ހުށަހެޅަން ޖެހޭނެކަން.
ކޯޓު އަމުރަށް އެދޭއިރު އަދި ކޯޓުން ނެރޭ އަމުރުގައި ފުރިހަމަވާންޖެހޭ ކަންކަން
- އަމުރަށް އެދެނީ ކޮން ޤާނޫނެއްގެ ދަށުންކަން އަމުރަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަންޖެހޭނެކަން.
- ކޯޓުން ނެރޭ އަމުރުގައި ބަޔާންކުރަންޖެހޭ ކަންކަން:
1. އަމުރު ނެރެނީ ކޮން ޤާނޫނެއްގެ ދަށުންކަން.
2. އަމުރު ނެރޭ ޤާނޫނުގައި ފުރިހަމަ ކުރުމަށް ލާޒިމްކުރާ ކަންކަން ފަނޑިޔާރުގެ ނަޒަރުގައި ފުރިހަމަވާގޮތް.
3. އަމުރު ދެމި އޮންނާނެ މުއްދަތު.
4. އަމުރު ނުދޭން ނިންމި ނަމަވެސް އަމުރު ނުދޭ ސަބަބު.