ޢަދުނާން ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2014/SC-A/26
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
01/06/20

ފަނޑިޔާރުން

މަހާޒް ޢަލީ ޒާހިރު، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

ބ.ތުޅާދޫ، ގުލްބަހާރުގެ ޢަދުނާނު ޙުސައިން މައްޗަށް ޖިނާއީ ކޯޓުގައި އުފުލި ބާލިޣުނުވާ އުފަން ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ނިންމިއެވެ. މި ނިންމުން ޢަދުނާނު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއީދުކުރިއެވެ.

މިއީ ހައިކޯޓުން ނިންމުން ޢަދުނާނު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާ ބަހަކުން، ލަސްނުކޮށް އަންގަންވާނެ' މިކަން ފުރިހަމަވެފައިވޭތޯ ބެލުމުގެ މަޤްސަދަކީ ކޮބާ؟

2. ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ހެކީގެ ބާވަތާއި ޢަދަދަކީ ކޮބާ؟

3. ގާތްތިމާގެ މީހުންގެ ހެކިބަސް ޤަބޫލުކުރުމާމެދު އޮންނަ ޤާނޫނީ އުސޫލަކީ ކޮބާ؟

4. ޖިނާއީ ކުށެއް ސާބިތުވުމަކީ ކޮބާ؟

5. ކާފީ ހެކީގެ މާނައަކީ ކޮބާ؟

6. ވިޓްނެސް ލީޑްކުރުމަކީ ކޮބާ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ތުހުމަތުކުރެވޭ ކުށް ސާފުނުވުން

- އެމީހަކަށް ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން އެމީހަކަށް ދޭހަވާ ބަހަކުން ލަސްނުކޮށް އެންގުމުގެ މަޤްސަދަކީ ކުށުގެ ތުހުމަތުކުރެވޭ މީހާއަށް، އެ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލުތަކުގެ ތަފްސީލްތައް ފަހުމުވުމާއި، އެ ކުށުން ދިފާޢުވުމުގެ ފުރުސަތު ލިބިދިނުންކަން.

ހެކީގެ ބާވަތާއި ޢަދަދު

- ވަކި ކުށެއް ސާބިތުކުރުމަށްޓަކައި ޤާނޫނުގައި ވަކި ޢަދަދެއްގެ ނުވަތަ ވަކި ބާވަތެއްގެ ހެކި ހުރުން ލާޒިމްނުކުރާނަމަ، އެ ކުށެއް ސާބިތުކުރުމަށްޓަކައި ވަކި ހެކިތަކަކަށް ބަރޯސާވުން ފަނޑިޔާރަށް ލާޒިމްނުކުރެވޭނެކަން.

- ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެއްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިފައި، އެ ހެކިތަކަކީ މައްސަލައާ ގުޅުންހުރި ހެކިތަކެއް ކަމަށް ޤަބޫލުކުރެވޭނަމަ، ކުށް ސާބިތުކުރުމުގައި އެ ހެކިތައް ވަޒަންކޮށް އެ ހެކިތަކަށް ރިޢާޔަތްކުރެވޭނެކަން.

ގާތްތިމާގެ މީހުންގެ ހެކިބަސް

- ފިޤްހު ޢިލްމުވެރިންގެ އުސޫލު: ހެކިވެރިޔާއަކީ ހެކިބަސް އަދާ ކުރުމުގެ ސަބަބުން މަންފާއެއް ލިބޭ ނުވަތަ ގެއްލުމެއް ދުރުކޮށްދޭ ހާލަތުގައި ހުރި މީހަކު ކަމުގައިވެގެން ނުވާނެކަން.

- ޖިންސީ ގޯނާގެ ޝަކުވާކުރާ ކުޑަކުދިން: މިފަދަ ކުދިންނަކީ ހެކިބަސް އަދާކުރުމުގެ ސަބަބުން މަންފާއެއް ފޯރުކޮށްދީ، މީހަކަށް ކުރިމަތިވެދާނެ ގެއްލުމެއް ދުރުކޮށްދެވޭ ޙާލަތުގައި ތިބޭ ކުދިންނޫން ކަން. ކުޑަކުދިންނަކީ އެހެން މީހުންގެ ފަރާތުން ރައްކާތެރިކަމާއި ޙިމާޔަތް ލިބުން ލާޒިމް ބައެއްކަން.

- ހެކިންގެ ހެކިބަހާއި ގުޅުވާލެވޭ އެހެނިހެން ހެކިތައް ހުންނަ ޙާލަތުގައި، ގާތް ތިމާގެ މީހުންގެ ހެކިބަހަކީ ބާރުގަދަ ޤަރީނާއެއް ކަމުގައި ބެލެވޭނެކަން. (މިސާލު: އަނިޔާ ލިބޭ ކުއްޖާގެ މަންމަ)

ޖިނާއީ ކުށެއް ސާބިތުވުން

- އެއީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ހުރިހާ ރުކުނެއް ސާބިތުވުންކަން.

- ކުށެއްގެ ހުރިހާ ރުކުނެއް ސާބިތުވާކަމަށް ކަނޑައެޅުމާއި، އެ ކުށުގެ ޢަމަލާ ގުޅިފައިވާ ހުރިހާ ވަކިވަކި ވާޤިއާތައް ސާބިތުވާކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭ އުސޫލާއި، ކުށުގެ އެންމެހައި ރުކުންތައް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާންޖެހޭ މިންގަނޑަކީ މުޅިން ތަފާތު ދެ ކަމެއްކަން.

ކާފީ ހެކި

- ކާފީ ހެއްކަކީ (PRIMA FACIE OR PRESUMPTIVE) މައްސަލައިގެ ވާޤިއާއެއް ސާބިތުކުރުމަށްޓަކައި ފުދޭ ހެކިކަން. އެއީ އެ ވާޤިއާއެއ ސާބިތުކުރުމަށް އިތުރު އެހެން ހެއްކެއްގެ ބޭނުން ޖެހުމަކާއިނުލައިކަން. އެއީ އެ ވާޤިއާއެއް ނަފީކުރާން ހެކިތަކެއް ނެތް ޙާލަތުގައިކަން.

ވިޓްނެސް ލީޑްކުރުން

- އެއީ ހެކިވެރިޔާއަށް ހެކިބަސް ލައިދީ (leading questions)، ސުވާލުކުރާ ފަރާތަށް ފަހިވާ ގޮތަށް ހެކިވެރިޔާގެ ކިބައިން ޖަވާބު ހޯދުންކަން.

- ހެކިން ތަޙްޤީޤު މަރުޙަލާގައި ދީފައިވާ ބަޔާން ޝަރީޢަތުގެ މަޖިލީހުގައި އިއްވައި، ހަނދާން އާކޮށްދިނުމަކީ (memory refresh) ވިޓްނެސް ލީޑްކުރުމެއް ނޫންކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ