ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުއްރަތު

ޤަޟިއްޔާ ނަންބަރު:
2016/SC-JC/07
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަރު
ނިމުނު ތާރީޚު:
05/07/16

ފަނޑިޔާރުން

ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ

މައްސަލައިގެ ޚުލާސާ

30 ޖޫން 2012 ދުވަހުގެ 20:30 ގައި މ. މަސްރޫރާ، އަޙްމަދު މުއްރަތުގެ ދަޢުވަތަކަށް ދަފްތަރު ނަންބަރު 4666 އަޙްމަދު ނަޖީބު މ.މަސްރޫރާ ގެއަށް ދިއުމުން، އަޙްމަދު މުއްރަތު ވަޅިއަކުން އަޙްމަދު ނަޖީބުގެ ކަރަށް ޙަމަލާދީ މަރާލިއެވެ. މި މައްސަލައިގައި އަޙްމަދު މުއްރަތުގެ މައްޗަށް ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެކޯޓުން އަޙްމަދު މުއްރަތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، އޭނާ މެރުކަމަށް ޙުކުމްކުރިއެވެ. އަޙްމަދު މުއްރަތުވަނީ ޝަރީޢަތުގައި ކުށަށް އިޢުތިރާފުވެފައެވެ. މިއީ ޤިޞާޞްގެ މައްސަލައަކަށްވާތީ، މި ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުންވެސް އަޙްމަދު މުއްރަތު މަރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ތާއީދުކުރިއެވެ. މިއީ ހައިކޯޓުން ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ޕީޖީ އޮފިހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފަށް ދެވޭ ބުރަދަނަކީ ކޮބައި؟

2. ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަ ވުމާއި ގުޅޭ ގޮތުން އިސްލާމީ ފިޤުހުގައި ބުނާ ގޮތަކީ ކޮބައި؟

4. މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރެ މީހަކު މަރާލުމުން އެއީ ދިފާޢެއްކަމުގައި ބެލެވޭނެތަ؟

5. މަރަން ޙުކުމްކުރާ މައްސަލަތައް ދަޢުވާ ލިބޭ މީހާގެ ފަރާތުން އިސްތިއުނާފުނުކުރާނަމަ، އެކަމުން ދޭހަކުރެވޭނެ ކަމަކީ ކޮބާ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފް

ބުއްދި ސަލާމަތުންހުރެ، މަޖުބޫރުކަމެއްނެތި ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކީ ޝަރީޢަތުން އެއަށް ޢަމަލުކުރަންޖެހޭ ޞައްޙަ އިޢުތިރާފެއްކަން.

މަޖުބޫރުކޮށްގެން ނުވަތަ ޤާނޫނާ ޚިލާފަށް ހޯދާ އިޢުތިރާފު ޝަރީޢަތަށް ބަލައިނުގަނެވޭނެކަން.

އިޢުތިރާފުން ރުޖޫޢަވުން

- ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަވާ ޙާލަތުގައި ފިޤްހުގައި އެ އިޢުތިރާފު ޤަބޫލުކުރުމާއި ނުކުރުމުގައި 2 ޙާލަތެއްވާކަން:

1. ހަމައެކަނި ﷲ ގެ ޙައްޤު އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު. (މިސާލު: ހައްދު ކަނޑައެޅިފައިވާ ޒިނޭގެ ކުށް) ﷲ ގެ ޙައްޤެއް އެކުލެވޭ ކަމެއްގައި އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އެކަމުގެ މައްޗަށް ބުރަދަން ދެވިދާނެކަން.

2. އާދަމުގެ ދަރިއެއްގެ ޙައްޤެއް އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު. ޤިޞާޞްފަދަ އާދަމުގެ ދަރިންގެ ޙައްޤު އެކުލެވޭ ކަންކަމުގައި އިޢުތިރާފުން ރުޖޫޢަނުވެވޭނެކަން.

މަސްތުވާތަކެތި ބޭނުންކުރުމުން ކުށުގެ ޒިންމާއިން ބަރީޢަނުވުން

- މީހެއްގެ އަމިއްލަ އިޚްތިޔާރުގައި މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރެ އިސްލާމީ ޝަރީޢަތުގައި ޤަސްދު މަރެއްކަމުގައި ބެލެވޭނެ ޢަމަލެއް ހިންގައިގެން މީހަކު މަރުވެއްޖެނަމަ، އޭނާގެ ކިބައިން އެ ސަބަބަށްޓަކައި ޤިޞާޞް ހިފުމަށް ހުރަހެއްނެތްކަން.

ޙުކުމް އިސްތިއުނާފުކުރުން

- ޙުކުމް އިސްތިއުނާފު ނުކުރުމަކީ ދަޢުވާ ލިބޭ މީހާ އޭނާގެ މައްޗަށް ކުރެވުނު ޙުކުމް ރަނގަޅުކަމަށް ޤަބޫލުކުރާކަމުގެ ބާރުގަދަ ހެއްކެއްކަން.  

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ